ޑޮލަރު ފޭރުނުކަމުގެ ތުހުމަތުވާ މީހުންގެ ވަނަވަރު އާންމުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ)ން ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކ. ހުރާއިންނެވެ.
ތަފްސީލް - އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ:
މާޒިން މޫސާ، 25، ރޭޝަން/ލ. މާވަށް
އަހުމަދު ރައިހާން ނައީމް، 20، މ. ކޯރަސް
އިބްރާހިމް އަނޫފް، 24، އަޅިވިލާގެ/ކ. ގުރައިދޫ
ހުސެން ޝަހުދު، 30، އަޅިވިލާގެ/ކ. ގުރައިދޫ
އިއްޔެ ރޭ ފަތިހު 4:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.
 އިތުބާރު ހުރި ބައެއް މަސްދަރުތަކުން މިއަދު ބުނީ:
އެ ހަތަރު މީހުން ލޯންޗެއްގައި ހުރާއަށް ގޮސްފައިވަނީ އިއްޔެ ހެނދުނު 7:45
ކުލަ ހެދުމުގައި ތިބި ފުލުހުން އައިސް އެ މީހުން ހައްޔަރު ކުރަނީ އޭގެ ތިން ގަޑިއެއްހާއިރު ފަހުން
އެ މީހުން އެ ރަށަށް ގޮސްފައިވަނީ ވައްކަން ކުރުމަށް ފަހު، ވީއައިއޭން ފުރި ލޯންޗުގައި؛ އެ ލޯންޗު އޮތީ އެ ރަށު ބަނދަރުގައި
އެނގުން މުހިއްމު - ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެގޮތުން:
ބްރިފްކޭސް ތެރޭ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރިކަން ކަށަވަރުކުރެވޭ 
އެ ފޭރުން ހިންގި މީހުން ބްރިފްކޭސް ޖަހައިގަތީ ވަޅިން ބިރުދެއްކުމަށް ފަހު 
ފައިސާ އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުން ކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައި
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މީޑިއާއަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ