ގެސްޓްހައުސް ވިޔަފާރިކުރަން ހައްޖު ކޯޕަރޭޝަނަށް ހުރަހެއް ނެތް ފަދަ މޭރުމަކުން ސައީދު ވާހަކަ ދައްކަވައިފި

ހައްޖު ކޯޕަރޭޝަނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ ޖާގަ އެބައޮތް ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ގެސްޓްހައުސްގެ ވިޔަފާރިއަށް ހައްޖު ކޯޕަރޭޝަނުން ވަންނަން ކުރަމުންދާ މަސައްކަތް ހުއްޓުވަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރިތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސުވާލުކުރެއްވުމުން ސައީދު ވިދާޅުވީ، ވިޔަފާރި ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ. "ހައްޖު ކޯޕަރޭޝަނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ ޖާގަ ލިބޭކަން ފާހަގަކޮށްލަން," އޭނާ ވިދާޅުވިއެވެ. ގެސްޓްހައުސް ވިޔަފާރިއަށް ހައްޖު ކޯޕަރޭޝަނުން ވަނުމުގެ ސަބަބުން ދިމާވާ ގެއްލުންތަކާ މެދު ޖަވާބެއް ދޭން ވާނީ ވަކި ދިރާސާއެއް ކުރުމަށްފަހުކަމަށް ވެސް، ސީދާ ސުވާލަށް ޖަވާބުނުދެއްވައި ސައީދު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަލާލް ޓޫރިޒަމް ފެށުމުގެ މަސައްކަތްކުރާތީ، އެ ކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ކޯޕަރޭޝަނުން އިންވެސްޓްކުރުން މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ ބުދަ ދުވަހު ވިދާޅުވެފައިވެއެވެ. https://sun.mv/212983 ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމް ފަށާނެކަން އިއުލާނުކުރީ ނޮވެންބަރު 6، 2024 ގައެވެ. އެކަމަކު، އެ ކަމުގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އެ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފައެވެ. އެ ކަމާ ގުޅޭ ގޮތުން ޝަހީމް މީގެ ކުރިން ނުރުހުން ފާޅުކުރެއްވިއެވެ. އެކަމަކު، އެ ސުވާލުގެ ޖަވާބުގައި ޝަހީމް ސީދާ ގެސްޓްހައުސް ހިންގުމާ މެދު ދެކިވަޑައިގަންނަވާ ގޮތެއް ވިދާޅެއް ނުވެއެވެ. އަދި، ހައްޖު ކޯޕަރޭޝަނުން އިންވެސްޓްކުރަން އޭނާ ވަނީ ހިތްވަރުދެއްވައިފައެވެ. "ހައްޖު ކޯޕަރޭޝަނަކީ ކުންފުންޏެއް ކަމުން ލައިން މިނިސްޓްރީގެ ހައިސިއްޔަތުން ހައްޖާ ގުޅޭ ކަންކަން ރަނގަޅު މަގުން ގެންދިއުމުގައި މިނިސްޓްރީން ދަނީ ފުރިހަމަ އިރުޝާދު ދެމުން. އަދި، ހައްޖު ކޯޕަރޭޝަންގެ ބޯޑުން ނިންމާ އެ ކުންފުނީގެ އެތެރޭގެ ނިންމުންތަކަށް މިނިސްޓްރީގެ ދައުރެއް ނޯވޭ،" ޝަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ