ގައިދީން ސްކޭމްތަކުގައި ބައިވެރިވާތީ ޖަލު ފާސްކޮށް، 33 ފޯނު ހޯދައިފި

މާފުށި ޖަލުގައި ތިބޭ ބައެއް ގައިދީން، ސްކޭމް މައްސަލަތަކުގައި ބައިވެރިވާ ކަމަށް ފާހަގަވުމުން ފުލުހުން ޖަލު ބަލައިފާސްކޮށް 33 ފޯނު ހޯދައިފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މުއައްސަސާއަށް ހުށަހަޅާ ސްކޭމްގެ ބައެއް މައްސަލަތައް ތަހުގީގުކުރާއިރު، އެ މައްސަލަތަކުގައި ގައިދީން ބައިވެރިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު އެ ޖަލުގައި ފުލުހުން ވަނީ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ. އެ އޮޕަރޭޝަނުގައި އެކި ބްރޭންޑުތަކުގެ 33 މޮބައިލް ފޯނުގެ އިތުރުން، އިއަޕޮޑާއި ހެޑްސެޓާއި ފޯނު ޗާޖު ކުރާ ކޭބަލާއި ސިމްކާޑު ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ސްކޭމްގެ މައްސަލަތައް މަދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅިގެން އެފަދަ އިތުރު އޮޕަރޭޝަންތައް ކުރިއަށް ގެންދަން ރާވާފައިވާކަން ފުލުހުން ފާހަގަކުރިއެވެ. ސްކޭމްގެ މައްސަލަތައް ފެންމަތިވާ މިންވަރު މިފަހުން ވަނީ އިތުރުވެފައެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު އެކި އުކުޅުތައް ބޭނުންކޮށްގެން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދައެވެ. އެހެންވެ، އެފަދަ މައްސަލަތަކަށް ޚާއްސަކޮށް، ފުލުހުން ވަނީ އެންޓި ސްކޭމް ސެންޓަރެއް މިދިޔަ މާރިޗު 17ގައި އުފައްދާފައެވެ. އެ ސެންޓަރުން އަންނަނީ ސޯޝަލްމީޑިއާގެ އެކި ޕްލެޓުފޯމުތައް މެދުވެރިކޮށް، ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ. ސްކޭމްތަކުގައި ގައިދީން ބައިވެރިވާ ކަމުގެ ތުހުމަތުވެ، ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވަން އޮޕަރޭޝަންތައް ހިންގައި، އެކި ފިޔަވަޅުތައް އަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ