ރައީސް އޮފީސް ކުރިމަތީގައި ހެދި މީޑިއާ ފެންޑާ އުވާލައިފި
މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އަޑުއުފުލަން ނޫސްވެރިން އެއްވަމުންދިޔަ ރައީސް އޮފީހުގެ ކުރިމަތީ މި ސަރުކާރުން ގާއިމު ކުރި މީޑިއާ ފެންޑާ އުވާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.މި އަހަރުގެ މޭ 29 ގައި ހުޅުވި "މީޑިއާ ފެންޑާ"އަކީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ހޯދައި މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރިން ތިބުމަށް ހާއްސަ ކޮށްގެން ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި ހެދި ތަނެކެވެ.ރައީސް އޮފީހުން މިއަދު ބުނީ މީޑިއާ ފެންޑާ ބޭނުންކުރުމުގައި އަމަލުކުރަންވީ އުސޫލު ވާނީ އެ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައި ކަމަށާއި އެ އުސޫލުގެ ދަށުން ފެންޑާ ބޭނުންކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރިންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.އެކަމަކު، އެ ހުއްދަ ހޯދާފައި ނުވާ ބަޔަކު "ނޫސްވެރިންގެ ނަމުގައި" ވަދެ، އެ ތަން ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިއުމުގެ ސަބަބުން އެ ތަނުގައި ތިބެ ޚަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށް ވެސް ނުކުރެވޭނެ ކަމުގެ ޝަކުވާތައް ހުއްދަ ނަގާފައިވާ ނޫސްވެރިން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެެވެ.އެ އޮފީހުން ބުނީ ގްރީންޒޯނުގައި ހުންނަ އެ ތަނުގެ އާންމު މަސްލަހަތު ގެއްލޭ، އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުންދިއުމުގެ ސަބަބުން އެ ސަރަހައްދުގައި ހުންނަ އޮފީސްތަކަށް ހިދުމަތް ހޯދަންދާ މީހުންނަށް ދަތިވާ ކަމަށެވެ.މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" މަޖިލީހަށް ބަލައިގަތް ފަހުން ނޫސްވެރިން އެކި ދުވަސް މަތިން އެ ސަރަހައްދަށް އެއްވި އެވެ.ފުރަތަމަ ދުވަހު މުޒާހަރާ ކުރި ނޫސްވެރިން ހައްޔަރުކުރި ނަމަވެސް ފަހުން ބޭއްވި އެއްވުންތަކަށް ފުލުހުން ހުރަހެއް ނާޅަ އެވެ. ސަބަބެއް ކަމުގައި ފުލުހުންނާއި ސަރުކާރުން ބުނަމުން ދިޔައީ މީޑިއާ ފެންޑާގައި އެކަން ކުރަމުން ދިޔުމެވެ.ނޫސްވެރިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ރޭ އާޓިފިޝަލް ބީޗުގައި "ހިޔާލާ ފިކުރު ކަފުނަށް" ނަމުގައި ފޯރަމެއް ވެސް ބޭއްވި އެވެ. އެ ފޯރަމުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ