އަލީ އަށް ލަލީގާގެ ގިނަ އޮފާތަކެއް އަލީ އަށް ލަލީގާގެ ގިނަ އޮފާތަކެއް

ލަންޑަން (ސެޕްޓެމްބަރު 14) - ދާދި ފަހުން އިޓަލީގެ ކޯމޯ އިން ދޫކޮށްލި އިނގިރޭސި މިޑްފީލްޑަރު، ޑެލެ އަލީ އަށް ސްޕެނިޝް ލަލީގާގެ ކްލަބްތަކެއްގެ އޮފާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޖެނުއަރީ މަހު، 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި، ކޯމޯ އަށް ސޮއިކުރި، އުމުރުން 29 އަހަރުގެ އަލީގެ އެއްބަސްވުމުގައި، ދެ ފަރާތުން ރުހޭ ގޮތަށް ކަންކަން ފުރިހަމަވެއްޖެނަަމަ، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރަން ވެސް ހިމެނި އެވެ. އެކަމަކު، ކުރިއަށް އޮތް ސީޒަނަށް ކޯމޯގެ ކޯޗު ސެސްކް ފަބްރެގާސް، ޕްރީ ސީޒަނަށް ނެގި ސްކޮޑުގައި، އަލީ ނުހިމަނައި، ފުރަތަމަ ޓީމާ ވަކިން، ފަރިތަކުރަން އަލީ އަށް އެންގިއިރު، ފަހުން އެއްބަސްވުން ވަނީ އުވާލައިފަ އެވެ.
ފުޓްބޯޅަ ކެރިއަރު ނިންމާލަން ވެސް ވިސްނި، އަލީ ފަހުން ކަނޑައެޅީ ކެރިއަރު ކުރިއަށްގެންދިއުމަށެވެ. އަދި، އޭނާ އައީ ކްލަބްތަކުން ލިބުނު އޮފާތަކާ މެދު ވިސްނަމުންނެވެ. އެ ގޮތުން، މިހާރު އަލީ މަޝްވަރާކުރަނީ، ސްޕެއިނުގެ ހަތަރު ކްލަބަކާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި، އެތުލެޓިކޯ މެޑްރިޑް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓޮޓެންހަމް ހޮޓްސްޕާސް އާއި އިންގްލެންޑް ގައުމީ ޓީމަށް ކުރިން ކުުޅުނު އަލީ އަށް، މި އަހަރު، ޕްރޮފެޝަނަލް ކެރިއަރު އަލުން ފެށުނީ ދެ އަަހަރެއްހާ ދުވަހުގެ ބްރޭކަކަށް ފަހު އެވެ. މި ވަރުގެ މެދުކެނޑުމަކަށް ފަހު، އައިސް ކޯމޯ ޖޯޒީގައި ކުުޅުނު ފުރަތަމަ މެޗުގެ ނުވަ މިނިޓް ތެރޭ އަލީ އަށް ރަތް ކާޑެއް ދެއްކި އެވެ.
ޑިޕްރެޝަނުގެ ޝިކާރަ އަކަށްވެ، ފުޓްބޯޅައާ ދުރުގައި ގިނަ ދުވަސްތަކެއް އަލީ ހުންނަން ޖެހުނެވެ. އިނގިރޭސި ގައުމީ ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި އަލީ، ކޯމޯ އަށް ކުޅުމުގެ ކުރިން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ، އެވަޓަންގެ ކޮންޓްރެކްޓްގައި ހުރެ، ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓާސް އަށް ކުޅުނުއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ