ގުޅީފަޅު ގޯތިތައް ހަވާލުކުރަން ފަށައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ތައާރަފުކުރި ބިންވެރިޔާ ސްކީމުގެ ދަށުން ކ. ގުޅީފަޅުން ދޫކުރާ ގޯތިތައް މިއަދު ހަވާލުކުރަން ފަށައިފިއެވެ. ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް، ބިންތައް ސާފުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށީ، މި މަހު ތިނެއްގައެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ގުޅީފަޅުން ދުކުރާ ގޯތިތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. އަދި، ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓުގެ ގޮތުގައި ހުރި ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން، އެ ބިންތައް ވެސް ވެރިފަރާތާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގުޅީފަޅުން ގޯތި ލިބުނު މީހަކު އެއްބަސްވުމުގައި ސޮއިކުރަނީ ----- ފޮޓޯ/ ހައުސިން މިނިސްޓްރީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު، މިދިޔަ މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލުން ބޭނުންކުރަމުންދިޔަ ބައިގައެވެ. ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ގުޅިފަޅު: މިއަދު ވަނީ އެތަނުން ދޫކުރާ ގޯތިތައް ހަވާޅުކުރަން ފަށާފައި --- ފޮޓޯ/ ހައުސިން މިނިސްޓްރީ ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. މިފަހަރު ރަޖިސްޓްރީ ދޫކުރަނީ، އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އަލުން ގުރު ނެގުމަށް ފަހުގައެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެއެވެ. މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ، ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި 'މާލެ ސަރަހައްދުން' 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ގުޅީފަޅުން ގޯތި ލިބުނު މީހަކު އެއްބަސްވުމުގައި ފިންގަޕްރިންޓް ޖަހަނީ --- ފޮޓޯ/ ހައުސިން މިނިސްޓްރީ ނަމަވެސް, ހައުސިން މިނިސްޓްރީން އެކުލަވައިލި އައު އުސޫލެއްގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ' ކަމަށް ބަދަލުކޮށްފައެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ، ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ގޯތި ދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު އެ މާއްދާއާ އެއްބަސްވުމާ ފުށޫ އަރާތީ ކަމަށެވެ. އެ ބަދަލު ގެނައިކަން ހާމަކުރި ފަހުން، ގުޅިފަޅުން ގޯތި ލިބޭ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ވަނީ، މި ސަރުކާރުން އެއްބަސްވުމަށް ގެނައި ބަދަލު ބަލައިނުގަންނާނެ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ