ރައީސްގެ ދައުރު ދިގު ނުކުރާނެ، އެކަމަކު މި މަޖިލީހުގެ ދައުރު ކުރު ކުރާނެ: ފަލާހު

ވެރިކަމުގެ ދައުރު ދަންމާލައި ރަސްކަމެއް ކުރާކަށް މި ސަރުކާރުން ނުޅޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ. ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާއިރު، މި މަޖިލީހުގެ ދައުރު ކުރުވާނެ ކަމަށެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެ ބިލާ އެކު މިއީ ރައީސްގެ ދައުރު ދަންމާލަން ކުރަން އުޅޭ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. 
ތަފްސީލު - އެ ތުހުމަތުތައް ދޮގު ކުރައްވައި ފަލާހު ވިދާޅުވީ، އެ ބިލުގެ މަގްސަދަކީ ރިޔާސީ ދައުރު ދަންމާލުން ނޫން ކަމަށެވެ. އަދި މި ވެރިކަމުގެ ދައުރު ދަންމާލަން ވެސް ސަރުކާރުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ފަލާހު ވިދާޅުވީ:
މި ބިލުގެ މަގްސަދަކީ ބައެއް ކަންކަމުގައި ރައްޔިތުންނަށް ފެންނަނީ ކިހިނެއްތޯ ބެލުން
މިސާލަކަށް ބ. ދޮންފަނު ފަޅު ހިއްކުމަށް ފެނޭތޯ ބ. އަތޮޅު ރައްޔިތުންގެ ކައިރިން އެހިދާނެ
"ރިޔާސީ ދައުރު މި ސަރުކާރުގައި ނުދަންމާނެ. އަޅުގަނޑުމެން ތާއީދެއް ނުކުރާނެ [އަދި] ރައީސުލްޖުމްހޫރިއްޔާ ވެސް ކުޑަކޮށް ވެސް ތާއީދު ނުކުރައްވާނެ،" ފަލާހު ވިދާލުވި އެވެ.
މި ބިލާ އެކު ނަގާ އެއް ވޯޓަކީ، ސަރުކާރުން ބުނެފައިވާ ގޮތުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމެވެ. މިހާރު އޮތް ގޮތުން މަޖިލިސް އިންތިހާބު ބާއްވަނީ ރިޔާސީ އިންތިހާބު ބާއްވާތާ ގާތްގަނޑަކަށް ހަ މަސް ފަހުންނެވެ.
ފަލާހު ވިދާޅުވީ ދެ އިންތިހާބު އެކުގައި ބާއްވާއިރު މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރުން ހަ މަސް އުނިވާނެ ކަމަށެވެ.
"މި ބިލު ފާސްކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ ދައުރު ކުރުވާނެ. ހަ މަސްދުވަހުގެ މުސާރަ އަޅުގަނޑުމެން ގުރުބާން ކުރާނެ. މިއީ އެމްޑީޕީއަށް ކެރޭނެ ކަމެއް ނޫން،" ފަލާހު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރުން ހަ މަސް އުނިވާނެ ކަމަށް ފަލާހު ވިދާޅުވި ނަމަވެސް، އެއީ މީގެ ކުރިން ސަރުކާރުން ނުވަތަ ބަންޑާރަނައިބު އޮފީހުން ހާމަކުރި މައުލޫމާތެއް ނޫނެވެ. އެހެންކަމުން، މިކަމުގެ ތެދު ދޮގެއް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ