ވައިކަރަދޫގެ ދަނޑުވެރިން ހައްދާ ތަކެތި ކުޅުދުއްފުއްޓަށް ގެންދަން ޚާއްސަ ފެރީއެއް ހަމަޖައްސައިފި

ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ޚާއްސަ ފެރީއެއް ހަމަޖައްސައިފިއެވެ. އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން އެ މިނިސްޓްރީން މިހާރު ދަނީ މި މަސައްކަތާ ގުޅޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުން ކަމަށް ބުންޏެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ވައިކަރަދުއާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް، މިއަދު ވަނީ ހަމަޖައްސާފައެވެ. އަދި އެ ފަރާތާއި މަސައްކަތް ވަނީ ރަސްމީކޮށް ހަވާލުކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. މި ޚާއްސަ ފެރީގެ ނިޒާމު ގާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިއީ އެ ރަށުގެ އިގްތިސޯދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި މާރުކޭޓުތަކާ ގުޅުވައިދިނުމަށް، އިތުރު ގޮތްތައް ހޯދައި ދިނުމަށް، މިނިސްޓްރީން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ