މުޅިން ހުއްޓާލުމުގެ ބަދަލުގައި ގެންގުޅެނީ މަޝްރޫއުތަކެއްގެ ވަގުތު ދަންމާލުމުގެ ވިސްނުމެއް

އިގުތިސޯދީ ގޮތުން ދަތިވެފައިވާ މި ދަނޑިވަޅު، މަޝްރޫއުތައް މުޅިން ހުއްޓާލުމުގެ ވިސްނުން ގެންގުޅުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ބައެއް މަޝްރޫއުތަކުގެ ވަގުތު ދަންމާލުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުތަކުގެ ރޫޓުތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުން ހުއްޓި އާމްދަނީ ދަށްވެފައިވާ މި ދަނޑިވަޅުގައި ދިމާވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކެބިނެޓް ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.
މަޝްރޫއުތަކަށް ކުރާ ހަރަދު މެނޭޖުކުރުމަށް ސަރުކާރުން މި ވަގުތު ގެންގުޅޭ ސިޔާސަތާ ގުޅޭ ގޮތުން ޒަމީރު ވާހަކަ ދެއްކެވީ އެ ކޮމިޓީން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ، ރައީސް މުހައްމަދު މުއިއްޒާ އެކު އެ ކޮމިޓީން ބައްދަލުކޮށް ބައެއް ކަންކަން ނިންމުމަށް ފަހުގަ އެވެ.
ތަފްސީލް - މި ދަނޑިވަޅުގައި މަޝްރޫއުތަކަށް ވެގެންދާނެ ގޮތާއި ހަރަދުތައް މެނޭޖުކުރާނެ ގޮތާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ކަންކަން ހުއްޓާލުމުގެ ބަދަލުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރަމުން ކަންކަމަށް ހަރަދުކުރަމުން ދިއުން ކަމަށެވެ.
މަޝްރޫއުތައް ވެސް މުޅިން ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން، މިއަދު ބޭއްވި ކެބިނެޓް ކޮމިޓީގެ ބައްދަލުވުމުގައި ވެސް މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންނަށް މުހިންމު މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް ރައީސް އިރުޝާދު ދެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ސިއްހީ ހިދުމަތް ކަށަވަރުކުރުމަށް ސަރުކާރުން ރާވާފައިވާ ޕްރޮގްރާމްތައް
ސިއްހީ ދާއިރާ ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއުތައް
ބޯހިޔާވަހިކަމަށް ފަށާފައިވާ މަޝްރޫއުތައް
ދެން ހުރި މަޝްރޫއުތައް ވެސް ހުއްޓާލުމުގެ ބަދަލުގައި މަޝްރޫއުތަކުގެ ޝެޑިއުލް ލަސްކޮށްގެން ހަރަދުތައް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ޕްރޮޖެކްޓެއްގެ ޝެޑިއުލްއަށް ބަދަލެއް ގެނެސްދާނެ އަޅުގަނޑުމެންގެ މި އަންނަ ކޭޝްފްލޯއަށް ބަލާފައި. ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި އަޅުގަނޑުމެންގެ ޑިސްޓްރިކްޝަން އޮތް ކަމެއް އެއީ ބައެއް ޕްރޮޖެކްޓްތަކުގެ މުއްދަތު އިތުރުކުރުން،" ޒަމީރު ވިދާޅުވި އެވެ.
ބައެއް މަޝްރޫއުތަކަށް ފައިސާ ހަމަޖެހިފައިވާ ގޮތުންނާއި ބައެއް މަޝްރޫއުތަކަށް ފައިސާ ކަށަވަރުކުރެވިފައިވާތީއާ އެކު، ކިތަންމެ ދަތިތަކުގައި ވެސް ހުއްޓާލަން ނުޖެހޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ބޭންކް އޮފް މޯލްޑިވްސް އާއި ބައެއް އަމިއްލަ ފަރާތްތަކުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކެއް އެބަހުރި. އެ ޕްރޮޖެކްޓްތައް ހުއްޓާލާކަށް ނުވެސް ޖެހޭނެ. އެއީ ކޭޝްފްލޯ މެނޭޖުކުރެވޭ ވަރަށް އެރޭންޖުކުރެވި، ސެކުއާ [ފައިސާ ހަމަޖެހި ކަށަވަރުކުރެވިފައި] ހުރި މަޝްރޫއުތަކެއް،" ޒަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ