ޗެލްސީ އާއި ޔުނައިޓެޑަށް މޮޅެއް ނުލިބުނު، ޓޮޓެންހަމް ސޮއްސާލަނީ ޗެލްސީ އާއި ޔުނައިޓެޑަށް މޮޅެއް ނުލިބުނު، ޓޮޓެންހަމް ސޮއްސާލަނީ

ލަންޑަން (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ކުޅުނު މެޗުތަކުން މޮޅެއް ނުލިބި ނިންމާލަން ޖެހުނުއިރު، އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގު ތާވަލުގެ ރެލިގޭޝަން ޒޯނާ ދިމާލަށް ސޮއްސާލައިފި އެވެ.
އިތުރު ވަގުތުގެ ތެރޭގައި ޖެހި ގޯލުން ޔުނައިޓެޑުން ވަނީ ވެސްޓް ހޭމްއާ 1-1 އިން އެއްވަރުވެފަ އެވެ. އަދި، ޗެލްސީން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ލީޑްސް ޔުނައިޓެޑުން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. މި ނަތީޖާތަކާ އެކު، ޗެމްޕިއަންސް ލީގުގެ ޖާގަ އަށް ވާދަކުރަމުން އަންނަ ޔުނައިޓެޑާއި ޗެލްސީގެ ފޯމަށް ވަނީ އަސަރުކޮށްފަ އެވެ.
ހަތަރެއްގައި އޮތް ޔުނައިޓެޑަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ، ފަސް ވަަނައިގައި އޮތީ 26 މެޗުން 44 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ބްރެންޓްފޯޑަށް ވެސް ވަނީ 25 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މިރޭ ސަންޑަލެންޑާ ކުޅޭއިރު، ބްރެންޓްފޯޑުން ބައްދަލުކުރާނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ އެވެ.
އަމިއްލަ ދަނޑުގައި ޗެލްސީން 24 ވަނަ މިނިޓްގައި ލީޑުނެގީ ޖޮއާއޯ ޕެޑްރޯ ޖެހި ގޯލުންނެވެ. ޕެޑްރޯ ޖެހި ގޯލަށް ފުރުސަތު ހޯދައިދިން، ކޯލް ޕާމާ ވަނީ ދެ ވަނަ ހާފު ފެށިގެން މާގިނައިރެއްނުވެ، ޕެނަލްޓީއެއް ވައްދާލައި ޗެލްސީ އަށް ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، މެޗުގެ 67 ވަނަ މިނިޓްގައި ލީޑްސްގެ ލޫކަސް ނިމެކާ ޕެނަލްޓީއެއް ވައްދާލައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އަދި، އޭގެ ހަ މިނިޓް ފަހުން، ނޯއާ އޮކަފޯ ވަނީ ގޯލު ޖަހައި، އެއްވަރުކޮށްދީފަ އެވެ. އިތުރު ވަގުތުގެ ތެރޭގައި ޗެލްސީ މޮޅުކޮށްދޭން ޕާމާ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި، ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މައިކަލް ކެރިކް ހަވާލުވި ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި، ޔުނައިޓެޑުން ރޭ ވެސްޓް ހޭމްގެ އަތްދަށުން ސަލާމަތްވީ ކިރިޔާ އެވެ. ވެސްޓް ހޭމްގެ ތޯމަސް ސޫޝެކް ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދިންއިރު، އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑުން އެއްވަރުކުރީ ބެންޖަމިން ސެސްކޯ ޖެހި ގޯލުންނެވެ.
މަލިކް ތިއާއޯގެ ލަނޑުން ނިއުކާސަލް ލީޑުނެގިއިރު، އެންޑީ ގްރޭ ވަނީ ޓޮޓެންހަމަށް އެއްވަރުކޮށްދީފަ އެވެ. ނިއުކާސަލް މޮޅުވީ ޖޭކަބް ރަމްސޭ ޖެހި ލަނޑުންނެވެ. މި މެޗުން ބަލިވެ، ޓޮޓެންހަމް އިން 2026 ވަނަ އަހަރު ފެށި ފަހުން މޮޅެއް ހޯދަން ކުރާ އިންތިޒާރު ދިގުލައިދިޔައިރު، އެ ޓީމު އޮތީ ރެލިގޭޝަން ޒޯނާ ގާތުގަ އެވެ.
ލީގުގެ 16 ވަނައިގައި އޮތް ޓޮޓެންހަމް އަށް 26 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، 18 ވަނައިގައި އޮތް ވެސްޓް ހޭމް އަށް 26 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ