މެންޗެސްޓާ ސިޓީ ދޫކޮށް ދާން ބޭނުންވާ އެއްވެސް ކުޅުންތެރިއަކު ނުހިފަހައްޓާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ދެ ކަމަކާ ގުޅިގެންނެވެ. ފުރަތަމަ ކަމަކީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅެން ލިބޭ ފުރުސަތު އެއްވެސް ކުޅުންތެރިއަކު ދޫކޮށްނުލާނެ ކަމަށް ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުނުމުންނެވެ. އަދި މިފަދަ ވާހަކައެއް ޗެލްސީގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ބުނުމުން އެ ކުލަބުން އޭނާ ދެ މެޗަށް ސަސްޕެންޑް ކުރުމުންނެވެ.
"ޗެލްސީން އެފަދަ ފިޔަވަޅެއް އެޅި ނަމަވެސް އަހަރުމެން ނާޅާނަން. ސަބަބަކީ ހިތްހަމަ ނުޖެހޭ ކުޅުންތެރިއަކު ހިފަހައްޓަން އަހަރުމެން ބޭނުންނުވާތީވެ. ދެން އޭނާ (ރޮޑްރީ) އުފަންވީ ސްޕޭނަށް. އެހެންވީމާ އެފަދަ ކިތައް ކުޅުންތެރިންތަ ރެއާލް މެޑްރިޑަށް ކުޅެން ބޭނުންވެގެން އުޅެނީ،" ގާޑިއޯލާ ބުންޏެވެ.
އޭނާ އަދި ބުނީ ރޮޑްރީގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތުމުން އެ ކޮންޓްރެކްޓް އާ ކުރަން ސިޓީން ބޭނުންވާނެ ކަމަށެވެ. ނަމަވެސް އެއީ އޭނާގެ މަސައްކަތެއް ނޫން ކަމަށެވެ.
"އެއީ ފުޓްބޯޅަ ޑައިރެކްޓަރު ހޫގޯ ވިއާނާ އާއި ރޮޑްރީއާ ދެމެދު ދެކެވޭނެ ވާހަކަ އެއް. ކުޅުންތެރިއަކު ކުލަބަކާއެކު ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު އެ ވިސްނުން ފަހުން ބަދަލު ކުރުމަކީ ކުޅުންތެރިޔާގެ ކަމެއް. ރޮޑްރީ ބަހައްޓަން ބޭނުންވާ ވާހަކަ ކުލަބުން އޮތީ އަހަރެން ގާތުގައި ބުނެފައި. އަހަރެން ވެސް ބޭނުން ވީ އެންމެ ގިނަ ދުވަހަކު މި ކުލަބުގައި ރޮޑްރީ ހުންނަން. އެކަމަކު އެއީ ކުޅުންތެރިޔާގެ ކަމެއް،" ގާޑިއޯލާ ބުންޏެވެ.
މި ސީޒަނަށް ފަހު ސިޓީގެ ކޯޗުކަން 1 އަހަރު ފަހު ގާޑިއޯލާ ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނަ ވަކި ޖަވާބެއް ނުދެ އެވެ.
ދާން ބޭނުންވާ ކުޅުންތެރިއަކު ނުހިފަހައްޓާނަން: ގާޑިއޯލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ