މިމަހުގެ 8-11 އަށް އިންޑިއާގައި ބާއްވާ، ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމު ފުރައިފިއެވެ.
މި ޓީމު ފުރުމުގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިޢު ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓީމާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ. އަދި މި މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް އެއް ކުއްޖެއް އަނެއް ކުއްޖަކަށް އެހީތެރިވެދިނުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
އިންޑިއާގެ ޝިމްލާގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ 15 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޤައުމީ ޓީމާއި ގުޅޭ ގޮތުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނީ މިއަހަރު އެހެން އަހަރުތަކަށް ވުރެ ބޮޑަށް ޓީމު ތައްޔާރުވެފައިވާކަމަށެވެ.
ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކޯޗު، ހުސެއިން ރަޝީދު ބުނީ "ކުރީ އަހަރުތަކާއި ބަލާފައި މިއަހަރު ތަންކޮޅެއް ބޮޑަށް ތައްޔާރުވެފައި މިވަނީ، ބޭރު ކުޅުންތެރިންނާއި، ރާއްޖޭގައި އުޅޭ ބޭރު ކޯޗުންނާއި އެކީގައި މެޗު ކުޅެފައި ޕްރެކްޓިސް ތެރެއިން ވަރަށް ބޮޑަށް ޓީމަށް އެހީތެރިވެވުނު" ކަމަށެވެ.
އަދި މި މުބާރާތަކަށް ދާ ޓީމުގެ މެޗު ތަޖުރިބާއަށް ބަލާއިރު ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު މިއަހަރު އެބައޮތް ކަމަށާއި، މުބާރާތުން ދެ އުމުރުފުރައިންވެސް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ހުސެއިން ފާހަގަ ކުރިއެވެ. ހުސެއިން ބުނީ ރާއްޖެއަށް މި މުބާރާތުން ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށާއި، މި ޓީމާމެދު ވަރަށް އުންމީދު ބޮޑު ކަމަށެވެ.
"އެހެންވީމަ ކުރިއަށްވުރެ މިފަހަރު ބޭރު ކުޅުންތެރިންނާއެކު މެޗު ކުޅުމުގެ ފުރުސަތު ގިނަ. މެޗު އެކްސްޕީރިއަންސަށް ބަލާއިރު ކުރިޔަށްވުރެ ރަނގަޅުވާނެކަމަށް ލަފާ ކުރެވޭ. ދެން ޓޯނަމަންޓުގައި ހަމަ ރަނގަޅު ކާމިޔާބީއެއް ލިބޭނެ، އަޅުގަނޑުމެންގެ 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ މި ދެ ކެޓަގަރީގަވެސް އިރާދުކުރެއްވިއްޔާ ފުރުސަތު ބޮޑު" ހުސެއިން ބުންޏެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ، އިންޑިއާ، ބަނގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ސްރީލަންކާއެވެ. މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ރޭންކިންއަށް ބަލާއިރު މިފަހަރު ރާއްޖޭގެ 15 އަހަރުން ދަށުގެ ކެޓަގަރީގައިވެސް ރޭންކިން މަތި ކުޅުންތެރިއެއް ހިމެނޭ ކަމަށް ކޯޗު ހުސެއިން ފާހަގަކުރިއެވެ.
ރާއްޖެއިން މިއަހަރު ބައިވެރިވާ ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތަސީންއެވެ.
ޒުވާން ޓީޓީ ޓީމު އިންޑިއާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ