އެމްޑީޕީގެ ވެރިކަން ބަދަލުވުމާ އެކު ޕީއެންސީއާ ގުޅިވަޑައިގެންނެވި މާލޭ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ހިމެނިވަޑައިގަންނަވާހެން މާލޭ ސިޓީ ކައުންސިލްގައި މިހާރު ތިއްބެވި އަށް ބޭފުޅުންނާ، އިއްޔެ ބޭއްވި އިންތިހާބުގައި ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެއްޖެ އެވެ.
މީގެ ތެރެއިން އެއް ބޭފުޅަކު ފިޔަވައި އެހެން އެންމެން ވެސް ދެވަނަ ދައުރެއް ހޯއްދެވުމަށް ވާދަ ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގަ އެވެ.
ވީ ކިހިނެއް؟ - އިއްޔެ ބޭއްވި އިންތިހާބުގައި މިހާރުގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވާހެން ޖުމްލަ ނުވަ ކައުންސިލަރަކު ދެވަނަ ދައުރަކަށް ވާދަ ކުރެއްވި އެވެ. އޭގެ ތެރެއިން ދެވަނަ ދައުރެއް ކަށަވަރު ކުރެއްވި ހަމައެކަނި ބޭފުޅަކީ އެމްޑީޕީ ޓިކެޓުގައި ވާދަ ކުރެއްވި އާޒިމް އެވެ.
ތަފްސީލު - އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރެއްވި ހަތް ކައުންސިލަރުންނާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވަނީ އިންތިހާބުން ބަލިވެފަ އެވެ. ވަގުތީ ނަތީޖާއިން އެ ހަތް ގޮނޑި ވެސް ލިބުނީ އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓުންނަށެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި އަރީޝް، 2021ގައި ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވައިގެންނެވެ. ހުޅަނގު އުތުރު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވައިގެންނެެވެ. އޭނާ އިއްޔެގެ އިންތިހާބުން ނާކާމިޔާބުވީ 350އަށް ވުރެ ބޮޑު ތަފާތަކުންނެވެ. އެގޮތުން:
ވަގުތީ ނަތީޖާ ދައްކާ ގޮތުން އަރީޝްއަށް ލިބިވަޑައިގެންނެވީ 665 (%37) ވޯޓު
އަރީޝްގެ މައްޗަށް ކުރި ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރިޝްވާންއަށް ލިބިވަޑައިގެންނެވީ 1،029 (%58) ވޯޓު
ޕީއެންސީ ޓިކެޓްގައި ދެން ވާދަ ކުރެއްވި ހަ ކައުންސިލަރުންނަކީ:
ގަލޮޅު މެދު ކައުންސިލަރު މަރިޔަމް ރީހާން (ރީނު): ގަލޮޅު އުތުރަށް ވާދަކުރައްވައިގެން ލިބިވަޑައިގެންނެވީ 592 (%35) ވޯޓު؛ ކާމިޔާބު ކުރެއްވި އެމްޑީޕީގެ އައިމިނަތު އިރާޝާ މުހައްމަދަށް 880 (%52) ވޯޓު
ގަލޮޅު ދެކުނު ކައުންސިލަރު އިބްރާހިމް މުހައްމަދު (އިބުޓީ): އޭނާއަށް ލިބިވަޑައިގެންނެވީ 900 (%41) ވޯޓު؛ ކާމިޔާބު ކުރެއްވި އެމްޑީޕީގެ އިސްމާއިލް ހަލީމްއަށް 915 (%42) ވޯޓު
ހެންވޭރު ދެކުނު ކައުންސިލަރު އަމިނަތު ރިޝްފާ އަހްމަދު: އޭނާއަށް ލިބިވަޑައިގެންނެވީ 579 (%44) ވޯޓު؛ ކާމިޔާބު ކުރެއްވި އެމްޑީޕީގެ އައިޝަތު ނާޒިމާއަށް 606 (%46) ވޯޓު
ހެންވޭރު ހުޅަނގު ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމް: ހުޅުމާލެ އުތުރަށް ވާދަ ކުރައްވައިގެން ލިބިވަޑައިގެންނެވީ 774 (%41) ވޯޓު؛ ކާމިޔާބު ކުރެއްވި އެމްޑީޕީގެ ފާތިމަތު ޒަހިއްޔާއަށް 921 (%48) ވޯޓު
ހެންވޭރު އުތުރު ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދު: އޭނާއަށް ލިބިވަޑައިގެންނެވީ 467 (%44) ވޯޓު؛ ކާމިޔާބު ކުރެއްވި އެމްޑީޕީގެ ފާތިމަތު ލައިޒާއަށް 601 (%56) ވޯޓު
މާފަންނު ދެކުނު ކައުންސިލަރު ހަސަން ނިޒާމް: އޭނާއަށް ލިބިވަޑައިގެންނެވީ 621 (%44) ވޯޓު؛ ކާމިޔާބު ކުރެއްވި އެމްޑީޕީގެ އިބްރާހިމް ލަބާން ޝަރީފްއަށް 779 (%56) ވޯޓު
ޑެޕިއުޓީ މޭޔަރު އަރީޝްގެ އިތުރުން ނާކާމިޔާބީއާ ކުރިމަތިވި ޕީއެންސީގެ ރީހާން އާއި ނިޒްލީއަކީ ވެސް އެމްޑީޕީގެ ޓިކެޓްގައި 2021 ވަނަ އަހަރު ކައުންސިލަށް ހޮވިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގެންނެވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން، ޖެނުއަރީ 2024ގަ އެވެ.
ޕީއެންސީން ވަކިކޮށްފައިވާ ވިލިމާލެ ދާއިރާގެ މިހާރުގެ ކައުންސިލަރު ނަހުލާ މިފަހަރު އަމިއްލަ ގޮތުން ވާދަ ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. އެ ދާއިރާއަށް ވާދަ ކުރެއްވި ޖުމްލަ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ނަހުލާ އޮތީ ތިން ވަނައިގަ އެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 221 (%16) ވޯޓެވެ. ނަހުލާ މި ކައުންސިލަށް އިންތިހާބުވެވަޑައިގެންެވީ ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވައިގެންނެވެ.
މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ ކައުންސިލަރު އިބްރާހިމް އަބޫބަކުރު، އަމިއްލަ ގޮތުން އެ ދާއިރާއަށް ކުރިމަތިލެއްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ދާއިރާއަށް ވާދަ ކުރެއްވި އަރީޝްއަށް ތާއީދު ކުރައްވާފަ އެވެ.
ފާހަގަކޮށްލެވޭ - މިހާރު އޮތް މާލެ ސިޓީ ކައުންސިލްގައި އޮތީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އެވެ. ޕީއެންސީގެ ހަތް ކައުންސިލަރުން ނާކާމިޔާބުވިއިރު، މިދިޔަ ދުވަސްތަކުގައި އެ ކައުންސިލަރުން ވަނީ ޖަލްސާތަކަށް ހާޒިރު ނުވެ، ގަސްތުގައި ކައުންސިލްގެ ބައްދަލުވުންތަކުގެ ކޯރަމް ގެއްލުވާލާފަ އެވެ. އޭގެ ސަބަބުން ޖެހިޖެހިގެން އެތައް ޖަލްސާއެއް ކެންސަލް ކުރަން ޖެހުނެވެ.
ކޯރަމް ހަމަ ނުވެގެން ކެންސަލް ކުރަން ޖެހުނު ބައެއް ޖަލްސާތަކުގެ އެޖެންޑާގައި އޮތީ، ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ކައުންސިލް ތެރެއިން ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅޭ ކަންކަމެވެ.
އެމްޑީޕީ ޓިކެޓުގައި ހޮވުނު މާލޭ ޑެޕިއުޓީ މޭޔަރު ހިމެނޭހެން މިހާރުގެ 8 ކައުންސިލަރުންނަށް ނާކާމިޔާބީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ