އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީޒްގެ އެހީތެރިކަމާ އެކު، ފާއިތުވި 50 އަހަރުދުވަހުގެ ތެރޭގައި އެމެރިކާގައި ބިނާކުރާ ފުރަތަމަ އާ ތެޔޮ ސާފުކުރާ ކާރުހާނާ ގާއިމުކުރުމަށް ނިންމައިފި އެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވި ގޮތުގައި، އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީޒްގެ އިންވެސްޓްމަންޓާ އެކު ކުރިއަށްގެންދާ މި މަޝްރޫއަކީ އެމެރިކާގައި ފާއިތުވި ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި ބިނާކުރާ މިފަދަ ފުރަތަމަ ބޮޑު ކާރުހާނާ އެވެ.
ޓެކްސަސްގެ ޕޯޓް އޮފް ބްރައުންސްވިލްގައި އެމެރިކާ ފަސްޓް ރިފައިނިން އިން ބިނާކުރާ މި ކާރުހާނާގެ މަސައްކަތް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވެ އެވެ. އެމެރިކާގެ ޝޭލް އޮއިލް ސާފުކުރުމަށް ހާއްސަކޮށްގެން ހަދާ މި ކާރުހާނާއިން އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ނުވަތަ ދުވާލަކު 168,000 ފީފާ ސާފުކުރެވޭނެ އެވެ.
ޓްރޫތް ސޯޝަލް މެދުވެރިކޮށް ޓްރަމްޕް ވިދާޅުވީ، މިއީ އެމެރިކާގެ މަސައްކަތްތެރިންނަށާއި ހަކަތައިގެ ދާއިރާއަށް އަދި ދެކުނު ޓެކްސަސްގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން އެމެރިކާގެ ބާޒާރުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދީ، ގައުމީ ސަލާމަތްތެރިކަން ވަރުގަދަވެ، އިގްތިސާދަށް ބިލިއަނުން ޑޮލަރު ވަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއަށް ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، ދިގު މުއްދަތުގެ ތެޔޮ ގަތުމާއި ވިއްކުމުގެ މުއާމަލާތްތަކާ އެކު މުޅި އިގްތިސާދަށް 300 ބިލިއަން ޑޮލަރުގެ މަންފާ ކުރާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ.
އެމެރިކާ ފަސްޓް ރިފައިނިން އިން ހާމަކޮށްފައިވާ ގޮތުގައި، ހަކަތައިގެ ދާއިރާގެ ބޮޑު ކުންފުންޏަކާ އެކު 20 އަހަރުދުވަހުގެ އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ. މި މަޝްރޫއުގެ ފުރަތަމަ އިންވެސްޓްމަންޓް ދީފައިވަނީ ދުނިޔޭގެ ނުފޫޒުގަދަ ހަކަތައިގެ ކުންފުންޏެއް ކަމަށްވާ ރިލަޔަންސް އިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި މަޝްރޫއު އިއުލާނުކޮށްފައިވަނީ އީރާނާ ގުޅުންހުރި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުން އަރާފައިވާ ދަނޑިވަޅެއްގަ އެވެ. މިފަދަ ފިޔަވަޅުތަކުގެ ބޭނުމަކީ ތެލުގެ އަގު ހިފެހެއްޓުމާއި އެމެރިކާގެ އެތެރޭގައި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމެވެ.
މި ކާރުހާނާގެ މަސައްކަތް ނިމުމުން، މިއީ 1977 ވަނަ އަހަރަށް ފަހު އެމެރިކާގައި ބިނާކުރާ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުހާނާއަށް ވެގެންދާނެ އެވެ.
އިންޑިއާގެ ރިލަޔަންސްގެ އެހީގައި އެމެރިކާގައި 50 އަހަރު ތެރޭ އަލަށް ތެޔޮ ކާރުހާނާއެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ