ނަޝީދާއި ނާޒިމް އަދި ގާސިމް ގެ ބައްދަލުވުމެއް ފަށައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ގެ ބައްދަލުކުރެއްވުމެއް  ފަށައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދާނީ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ. ކުނޫޒުގައެވެ. މި ބައްދަލުވުން ފެށީ މިއަދު 13:15 ހާއިރުއެވެ.
މި ބައްދަލުކުރެއްވުން މިއަދު ބާއްވާއިރު، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް ވަނީ އިއްޔެ ވެސް ގާސިމް އާ ބައްދަލުކުރައްވާފައެވެ. ސަން އައިލެންޑު ރިސޯޓުގައި ބޭއްވި އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ މާބޮޑު ތަފުސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވިނަމަވެސް މައިގަނޑުގޮތެއްގައި ދެކެވުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވާހަކަ ކަމަށް ޖޭޕީން ބުނެފައި ވެއެވެ.
ސަރުކާރު ކޯލިޝަނުގައި ވެސް ހިމެނޭ ޖޭޕީން އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން 2023 ގައި ވާދަކުރުމުގެ ދައުވަތު ވެސް ރައީސް ސާލިހު ވަނީ ގާސިމަށް ދެއްވާފައެވެ.
އެހެންނަމަވެސް ޖޭޕީގެ ކޮންގްރެސް އިން ނިންމާފައިވަނީ މިއަހަރު ބާއްވާ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަށެވެ. އެހެންވެ، އެޕާޓީގެ ރިޔާސީ ޓިކެޓު ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް އަރުވާފައެވެ. އަދި އެމްއެންޕީން ވެސް ވަކިން ވާދަކުރުމަށް ނިންމައި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ އެ ޕާޓީގެ ރައީސް ނާޒިމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ