މޫސުން ގޯސް؛ އުދައެރުންވެސް އެކަށީގެންވޭ، ސަމާލުވޭ!

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައި މިވަނީ މޫސުން އަލިކޮށް ދުވަސްތަކެއް ފާއިތުވުމަށްފަހުއެވެ. އެހެންނަމަވެސް، މިދިޔަ މެއިމަހުން ފެށިގެން އެކިދުވަސްވަރުގެ މަތި މަތިން ހުޅަނގުމޫސުމުގެ ވިއްސާރަކޮށްފައިވެއެވެ.
މޫސުން ކުރިއަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ވައިޖޭހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެއެވެ.
ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެއަސަރު ކުރުން އެކަށީގެން ވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެލެއްވުމަށް އެދިފައެވެ.
ފާއިތުމިވާ އޮގަސްޓްގައި ގިނަ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ މަދު ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އުތުރުގެ ބައެއް ރަށްތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ކަމަށް ބެލެވެއެވެ.
މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ