ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ބަޔަކަށް ރައްޔިތުން މައާފެއް ނުކުރާނެ ކަމަށާއި 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ޝަހީދުވި ބޭކަލުންގެ އާއިލާތަކުން ވެސް މައާފެއް ނުކުރާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިރޭ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ނޮވެމްބަރު 3 ފަދަ އުދުވާނީ ހަމަލާއެއް ތަކުރާރުވާން ބޭނުންނުވާ ކަމަށާއި އެ އުދުވާނީ ހަމަލާގެ ފަހަތުގައި ތިބި ފަރާތްތަކަކީ މުޖުރިމުން ކަމަށްވާތީ އެމީހުންނަށް ޖާގަދޭން ބޭނުންނުވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރު ދުވަހުގެ ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަކޮށްފައިނުވާކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ މީގެ 25 އަހަރު ކުރީގައި ހިނގި ކަންކަމާއި މިހާރު ހިނގަމުންދާ ކަންތައްތަކާއި ވަރަށް ތިމާގެ ކަމެއް އެބައޮތް ކަމަށާއި އެގޮތުން އޭރު އެދެވުނު ހަމަލާއަކީ އެއްވެސް ގޮތެއްގައި ދިވެހި ރައްޔިތުންނަށް ދެވުނު ހަމަލާއެއް ނޫން ކަމަށް ނަޝީދު ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ވިދާޅުވެފައިވާ ކަމަށެވެ.
"އެމަނިކުފާނު (ނަޝީދު) ސަރުކާރުގެ ކުރު ތިން އަހަރުގެ ތެރޭގައި ތިނެއް ނޮވެމްބަރުގެ ޒިކުރާ އާކުރުމަށް އެންމެ ޖަލްސާއެއް ވެސް ނޯންނާނެ ކޮށްފައެއް، އެމަނިކުފާނު ވިދާޅުވެފައި އޮންނާނެ މިއީ މަތިވެރި ޖިހާދެއް ކުރައްވާފައިވާ ބަތޮލުންނޭ، އެއީ ޙާއިނުންނަށް އިޝަރާތްކުރައްވާ، (ވިދާޅުވި އެއްޗެއް) " ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި އުދުވާނީ ހަމަލާގެ ބައިވެރިއެއް ކަމުގައިވާ އަބްދުﷲ ލުތުފީ މިނިވަންވެގެން ގޮސްފައިވާ ކަމަށާއި މިއަދު އަބްދުﷲ ލުތުފީ މިނިވަނަކަށްވެފައިވާ ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގެ ނަމުގައި މަތިވެރި ޖިހާދެއްކޮށްފައިވާ ބައެއްގެ ގޮތުގައި ނަޝީދު ސިފަކުރައްވާފައިވާ ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވި އެވެ.
މީގެ 25 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހުރި އަބްދުﷲ ލުތުފީ އަދިވެސް ފެނިފައި ނުވާއިރު ލުތުފީ ހޯދުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. އޭނާ ލަންކާގައި ދިރިއުޅެމުންދާއިރު އޭނާ ހޯދުމުގައި ލަންކާގެ ފުލުހުން ވެސް ބައިވެރިވެ އެވެ.
ލުތުފީ ޖަލުގައި ހައްޔަރުކޮށްފައި ހުއްޓާ ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭސްފަރުވާ އަކަށް ލުތުފީ ފޮނުވާލީ ސިފައިންނާއި ނުލައި އިންޑިއާ އަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައިވެސް ލުތުފީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެ އެވެ. ނަމަވެސް ލުތުފީ އެފަހަރު ދިޔައީ ސިފައިންގެ ބެލުމުގެ ދަށުންނެވެ. ލުތުފީ ނަން އޮޅުވާލައިގެން ލަންކާގައި އުޅެނީ “ޒާން” ގެ ނަމުގައި އެވެ. ލުތުފީގެ އުމުރުން މިހާރު ވަނީ 63 އަހަރުވެފަ އެވެ.
ޔާމީން ވިދާޅުވީ 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާގައި ބައިވެރިވި އެއް ބޭފުޅަކު ސިފައިންގެ ވަޒީރުކަމަށް ހެއްދެވިއިރު އަނެއް ބޭފުޅަކު ސްޓޭޓް މިނިސްޓަރެއްގެ މަގާމު ނަޝީދުގެ ވެރިކަމުގައި ދެއްވި ކަމަށާއި މިއީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށެވެ.
ޕީޕީއެމުން ގަބޫލުކުރަނީ އިސްލާމީ ހިދާޔަތުގައި ދެމިތިބުމަށް ކަމަށާއި ނަމަވެސް ﷲ ކަލެއް ކަމުގައި ގަބޫލުނުކުރާ މަދު ދިވެހިން ތިބިކަން ހިތާމައާއިއެކު ފާހަގަކުރާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ބެހޭގޮތުން ޔާމީން ވިދާޅުވީ އެމްޑީޕީ ސަރުކާރު އަނބުރާ ވެރިކަމަށް އަޔަ ނުދިނުމަށްޓަކައި އޮތް އެންމެ ވަރުގަދަ ބާރަކީ ޕީޕީއެމް ކަމަށާއި އެހެންކަމުން މިނޫން ގޮތަކަށް ދެވޭ ވޯޓަކީ މީގެކުރިން ރާއްޖެއަށް ދިމާވެފައިވާ ހިތްދަތި ދުވަސްތަކާއި "ގައިގޯޅި" ކުރުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.
ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ބަޔަކަށް ރައްޔިތުން މައާފެއް ނުކުރާނެ - ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ