މޫނު ބުރުގާ އަޅައިގެން ކިޔަވަދޭންދާތީ ސްކޫލް ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅައިގެން ކިޔަވަދޭންދާތީވެ އ.އ މަތިވެރި ސްކޫލްގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފިއެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ އެރަށު ދޫރެސް އާއިޝަތު ސުޒީއެވެ.
ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ސުޒީ މަތިވެރި ސްކޫލްގައި ވަޒީފާ އަދާކުރާތާ ހަތް އަހަރުވެފައިވާ ސުޒީއަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވަކިކުރިކަން އަންގާ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޗިޓްވެސް ފޮނުވާފައެވެ. ފޮނުވި ޗިޓުގައި ވަޒީފާއިން ވަކިކުރީ ސިވިލް ސާވިސްގެ ޤަވާޢިދުތަކާ ޚިލާފުވެގެން ކަމަަށް ހާމަކޮށްފައި ވެއެވެ.
ޗިޓުގައި ބުނެފައި ވަނީ ސުޒީ ވަޒީފާއިން ވަކިކުރީ ސިވިލް ސާވިސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަމްބަރަށް ރިޢާޔަތްކޮށް ސިވިލް ސާވިސް ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަމްބަރުގެ ދަށުން ކަމަށެވެ. ސިވިލް ސާވިސް ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަމްބަރުގައި ބުނާގޮތުން ސިވިލް ސާވިސް ޤާނޫނާއި ޤަވާޢިދާއި ކޯޑް އޮފް ކޮންޑަކްޓާއި އަދި ހަދާފައިވާ ޕޮލިސީތަކާއި ގަސްތުގައި ޚިލާފުވުމަކީ ވަޒީފާއިން ވަކިކުރެވޭނެ ސަބަބެއް ކަމަށެވެ.
މިފަހަކަށް އައިސް ސީއެސްސީ އިން އަންނަނީ މޫނުބުރުގާ އަޅާ ޓީޗަރުން ވަޒީފާއިން ވަކިކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ދީނަށް ލޯބިކުރާ ވަރަށް ގިނަބައެއްގެ ފާޑުކިޔުންތައްވެސް ސަރުކާރަށް ދަނީ އަމާޒުވަމުންކަންވެސް ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ