ޕީޕީއެމްގެ ސަރުކާރު ވާންޖެހޭނީ ދިވެހި ރައްޔިތުންނަށް އިންސާނީ ހައްގުތައް އެންމެ ފުރިހަމަގޮތުގައި ހޯދައިދޭ ސަރުކާރަކަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހި މުޖުތަމައުގައި އިންސާނީ ހައްގުތައް ކުރިއަރުވައި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެ ކުދިންނަށް ޖިސްމާނީ، ނަފްސާނީ އަދި ސިއްހީގޮތުން ރައްކާތެރި މާހައުލެއް ޔަގީންކުރުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުމަކީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ކަމަށެވެ.
އަދި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތައް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ހޯދައިދިނުމާއެކު ރާއްޖެއަކީ ގާނޫނުއަސާސީއާއި ގާނޫނުތައް ތަންފީޒުކުރެވޭ އަދި ގާނުނުތަކަށް އިހުތިރާމްކުރާ ރައްޔިތަކު އުޅޭ ތަނަކަށް ހެދުމަކީ ވެސް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ކަމަށެވެ.
އެހެންކަމުން ޕީޕީއެމްގެ ސަރުކާރު ވާންޖެހޭނީ ޕީޕީއެމްގެ އުސޫލުތައް ހިފަހައްޓައި، އަސާސީ ގަވާއިދުގައި ބުނާގޮތަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިންސާނީ ހައްގުތައް އޭގެ އެންމެ ފުރިހަމައަށް ހޯދައިދޭ ސަރުކާރަކަށް ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވީ ބާރު އޮތް ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން، އެފަރާތްތަކަށް މަންފާވާނެހެން ކުޑަވެސް ޖެހިލުމެއް ނެތި މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމުގެ ޝަކުވާ ގިނަ ވެފައިވާ ކަމަށެވެ.
ނަމަވެސް މިއަޑުތަކާއި މަންޒަރުތައް ގެނެސްދިނުމުގެ ޒިންމާ ހަވާލުވެފައިވާ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމުގައިވާ މީޑިއާ ވެސް އޮތީ އިންތިހާއަށް ކަންބޮޑުވާ ހާލަތުގައި ކަމަށް މައުމޫން ވިދާޅުވިއެވެ.
އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން ނޫސްވެރިންނަށް ބިރުވެރިކަން އިހުސާސް ކުރަން ޖެހިފައިވާ ކަމަށާއި ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރެވިގެން ނޫނީ މުޅި އިންސާނީ ހައްގުތައް ކަށަވަރުނުކުރެވޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރަށް ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް މިގައުމުގައި ދިރިއުޅެމުންދާ ބިދޭސީންގެ ހާލަތާ މެދު ވެސް މައުމޫން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މައުމޫން ވިދާޅުވީ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް އުޅެނީ އެމީހުންނަށް ލިބެންޖެހޭ ހައްގުތަކެއް ވެސް ގެއްލިގެންދާތީ ކަމަށެވެ.
ބިދޭސީންގެ ހައްގުތައް ކަށަވަރުކޮށްދީ، އެމީހުންނާމެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ޕީޕީއެމްގެ ސަރުކާރުން ހައްގުތައް ހޯދައިދޭންޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ