ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުން ޕީޕީއެމް އަތުލެވިދާނެ ކަމަށާ ނަމަވެސް އެބަޔަކަށް ލިބޭނީ ހުސް ތޮށިގަނޑެއް ކަމަށް ޕީޕީއެމްގެ ކައުންސިލަށް ރައީސް މައުމޫން އިއްޔެ އައްޔަން ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީޓީވީން ރޭގަނޑު އަށެއްގެ ހަބަރަށްފަހު ގެނެސްދޭ "ފަސްމަންޒަރު" ޕްރަގްރާމްގައި މިރޭ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމްއަކީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން ވަރަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި އުފައްދާފައިވާ ޕާޓީއެއް ކަމަށެވެ.
އުމަރު ވިދާޅުވީ މިއަދު ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންތަކެއް ޕާޓީގެ އަސާސީގެ ގަވާއިދާއި ހިލާފަށް މަސައްކަތްކުރަން ފެށުން ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ރައީސް މައުމޫން ފެއްޓެވީ އެކަން ކުރަން މަޖުބޫރުވާ ހިސާބަށް ކަންކަން ދިއުމުން ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް މައުމޫން އެމަސައްކަތް ފެށުމާއެކު މިހާރު ފެނިގެން ދަނީ އެމަނިކުފާނުގެ އަތްޕުޅުން ޕީޕީއެމް އަތުލުމުގެ މަސައްކަތް ބަޔަކު ފަށައިގެން ކުރިއަށް ގެންދާ މަންޒަރު ކަމަށެވެ. އެބަޔަކަށް ޕީޕީއެމް އަތުލެވިދާނެ ކަމަށާ ނަމަވެސް އޭރުން އޮންނާނީ ޕީޕީއެމްގެ ތޮށިގަނޑު އެކަނި ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް ޕީޕީއެމް އަތުލެވިދާނެ އިނގޭތޯ. ނަމަވެސް އޭރުން އޮންނާނީ ހުސް ތޮށިގަނޑި. ހަމައެކަނި ނަން ފިލާގަނޑެއް ލިބޭނީ. ހަމައެކަނި އެކުލަ ލިބޭނީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިއަދު ހިނގަވަނީ ކަތިމަގުން ކަމަށެވެ. ރައީސް މައުމޫން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ރައީސް ޔާމީން ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތެރޭގައި މިހާރު ހުރި މައްސަލަތައް ހައްލުނުކުރެވިއްޖެނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދު ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް މައުމޫންގެ ތާއީދު ނެތި އެ ބޭފުޅުންނަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން ސައްތައިންސައްތަ ޔަގީން ކަމަށެވެ.
ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ބައެއް އަމަލުތައް މިވަގުތު ހުރި ގޮތުން ރިޔާސީ ދެވަނަ ދައުރެއް އެމަނިކުނަށް ލިބޭނެ ގޮތެއް ނެތް ކަމަށެވެ. ރައީސް ޔާމީނަކީ ވެރިކަމަށް ގެންނަން ރަނގަޅު ބޭފުޅެއް ނޫންކަން މިއަދު ހުރިހާ ރައްޔިތުން ގަބޫލުކުރާ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް އަތުލެވިދާނެ، ލިބޭނީ ހުސް ތޮށިގަނޑު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ