ރައީސްގެ އަނިޔާވެރިކަމުގެ ލިސްޓުގައި ދެން އޮތީ އުމަރު: އަލީ ވަހީދު

ރައީސް އަބްދުﷲ ޔާމީނުގެ އަނިޔާވެރި ކަމުގެ ލިސްޓުގައި ދެން އޮތީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އޭނާގެ ޓީމު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިވަގުތު ލަންޑަނުގައި ހުންނެވި އަލީ ވަހީދު ސައުންޑްކުލައުޑް މެދުވެރިކޮށް "26 ޖުލައި 1965"ގެ ނަމުގައި ހުށަހަޅައިދެއްވި ޕްރޮގްރާމެއްގައި ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައިސް ޔާމީނުގެ ސަރުކާރުގައި ކަންކަން ހިނގާނެ ގޮތް އުމަރު ވިދާޅުވެފައިވާ ކަމަށެވެ.
"ތާރީހާ ގުޅުން ނެތް ގޮތަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް މިނިވަން 50 އަށް 150 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އުމަރު މީގެ ކުރިން ވިދާޅުވެފައިވޭ. އަދި މި ސަރުކާރުން ކަންކަން ކުރާނީ އެ އުސޫލުން ކަމަށް އެންމެ ފުރަތަމަ ތުހުމަތު ކުރެއްވީވެސް އުމަރު ނަސީރު. މި ތުހުމަތު ތަކަށްފަހު އުމަރުގެ ޓީމުން މިނިވަން 50ގެ ހަރަކާތްތަކުގައި ބަިއވެރިވީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އިއުލާން ނުކޮށް ހޯމް މިނިސްޓްރީން އެތައް ކަމެއް ކުރަމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަަމަށާއި އެހެންކަމުން އުމަރު ނަސީރާއި އޭނާގެ ޓީމު ގޮސް އެ ޖެހުނީ އުމަރު ވިދާޅުވާ ހުދު ވަލުގައި ކަމަށެވެ. ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ލިސްޓުގައި ދެންއޮތީ އުމަރު ނަސީރާއި އޭނާގެ ޓީމު ބަންދުކޮށް ނަގޫ ފިއްތާލުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ އަނިޔާވެރިކަމުގެ ލިސްޓުގައި އުމަރު ނަސީރަށް ފަހު އޮތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ނަންފުޅު ކަމަށެވެ. އަދި ވިދާޅުވީ އަބްދުﷲ ގާޒީ މަގާމުން ވަކިކުރެއްވުމަށްފަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަބްދުލް ބާރީ ޔުސުފް އައްޔަންކުރައްވާ މަންޒަރު މިހާރުވެސް ފެންނަމުންދާ ކަމަށެވެ.
މީގެއިތުރުން އަލީ ވަހީދު ވަނީ ސިހުރު ހާހޫރާއި ރައީސް ޔާމީންގެ ސަރުކާރާ ގުޅުވައިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ހަމައިން ނެއްޓުމުގެ އެންމެ ބޮޑު ސަބަބަކަށް ބެލެވެނީ އެމަނިކުފާނު ސިހުރު ހާހޫރަ ގަބޫލުކުރެއްވުން ކަމަށެވެ.
ސިހުރު ހާހޫރާގައި ރައީސް ޔާމީންގެ ސަރުކާރު ޖެހިފައި އޮތް މިންވަރުގެ މިސާލެއް ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ގެޓް ސެޓް ލޯނަށް ކުރިމަތި ނުލާ ފަރާތްތަކަށް އެ ލޯނު ލިބޭ ހިސާބަށް ކަންތައްތައް ދިއުމަކީ އެ ކަމުގެ ހެއްކެއް ކަމަށެވެ.
"ރައީސް މައުމޫނުގެ ސަރުކާރުގައި ބިނާކުރެވުނު އެކި ބިނާތައް ނަގަމުން ދިއުމަކީވެސް ރައީސް ޔާމީން ސިހުރު ހާހޫރަ ގަބުލުކުރައްވާ ކަމުގެ ހެއްކެއް. އެގޮތުން މައުމޫނު ސަރުކާރުގައި އޭރު ހަދާފައި ހުރި ރަސްމީ ފާލަމުގައި އެއްޗެއް ވަޅުލާފައިވާ ކަަމަށް ބުނާތީ އެތަން މިހާރު އެހުރީ ބަދަލުކޮށްފަ. ސުނާމީ ބިނާ އެހެންތަނަކަށް ބަދަލުކުރަނީވެސް ސިހުރާ ގުޅުވައިގެން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ހުރިހާ މަސައްކަތްތަކެއް ދެން އަންނަ ސަރުކާރުތަކުން އުފުރާލާ ލޫޓުވާލާ ކަމަށްވާނަމަ އޭގެން ރާއްޖެއަށް ނުވަތަ ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާެއެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ