ފިނި މޫސުން ތަޖުރިބާ ކޮށްލަން ދާން ހާއްސަ ފެއާއަކާ އެކު، މޮންގޯލިއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތަކެއް

މޮންގޯލިއާގެ ގައުމީ އެއާލައިން، މިއަޓް މޮންގޯލިއަން އެއާލައިންސް އިން މޮންގޯލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތަކެއް ފަށައިފިއެވެ.
މޮންގޯލިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކްރޫސް ޓުއާ މޮންގޯލިއާއާ ގުޅިގެން ދިވެހި އެޖެންސީއެއް ކަމަށްވާ އޯސަމް މޯލްޑިވްސް އިން ފެށި އެ ދަތުރުތަކުގެ ތެރެއިން ފުރަތަމަ ފްލައިޓު އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.
އެ ފްލައިޓަކީ މޮންގޯލިއާއަށް ރާއްޖެ އިޝްތިހާރުކުރުމަށް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ބްލޮގަރުންގެ އިތުރު މީޑިއާތައް ގޮވައިގެން އައި ފްލައިޓެކެވެ.
ރާއްޖެ-މޮންގޯލިއާ ޗާޓަރު ދަތުރުތައް ރަސްމީކޮށް ފަށާނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ. އަދި މާޗު މަހުގެ ނިޔަލަށް ދަތުރުތައް ބާއްވަން ނިންމާފައިވާ އިރު، އެ ދަތުރުތަކުގައި ބޭނުން ކުރާނީ 737-800ގެ މަތިންދާ ބޯޓެކެވެ. އެއީ 150 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ.
މި ދަތުރުތަކާއެކު ފިނި މޫސުމުގައި މޮންގޯލިއާ ތަޖުރިބާ ކޮށްލަން ދިވެހިންނަށް ހާއްސަ ފެއާއެއްވެސް ވަނީ ތައާރަފުކޮށްފަ އެވެ. ހަ ދުވަހުގެ އެ ޕެކޭޖުގެ އަގަކީ ޑަބަލް ޝެއަރިން ގޮތަށް ބޮލަކަށް 1590 އެމެރިކާ ޑޮލަރު (25،500 ރުފިޔާ) އެވެ. ޕެކޭޖުގައި ރިޓާން އެއާ ފެއާއާއި ވިސާ ފީއާއި ފުޑް ބޯޑްގައި ހުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ