ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް އިދިކޮޅުން އެއް ކެނޑިޑޭޓެއް ނެރުމަށް އެއްބަސްނުވެވިފައިވާކަން ރޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުން ހާމަވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރޭ ރައީސް މައުމޫން ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބަކަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރެ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމާ މެދު މަޝްވަރާ ކުރަން އަދި މާ އަވަސް ކަމަށެވެ. އިންތިގާލީ ކެންޑިޑޭޓެއްގެ މަޝްވަރާއެއް އިދިކޮޅު ފަރާތްތަކުގެ މެދުގައި އަދި ނުކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެ މަޝްވަރާ ކުރުމުގެ ވަގުތު އަދި ނާންނަ ކަމަށާއި އިދިކޮޅު ލީޑަރުން މަޝްވަރާ ކުރައްވަނީ އެ ވަގުތު ކުރަން އެންމެ މުހިންމު ކަންކަމާ މެދުގައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަދި ތިއީ ތަންކޮޅެއް އަވަސް ވާހަކައެއް. އެހެންވީމަ އެ ވާހަކަ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ނުދައްކަން. މިހާރު ކުރަން ހުރި އެހެން މަސައްކަތްތަކުގެ ވާހަކަ މި ދައްކަނީ،" މައުމޫން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭއާ ސުވާލުކުރުމުން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އުޅެނީ ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ވާހަކަ ނުދައްކާ ކަމަށް ވެސް މާދަމާ އިދިކޮޅުން ބުނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންތިގާލީ ވެރިޔަކު ހޯދަން އުޅިފަ މިހާރު އެއްބަސްނުވެވުނީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ރައީސް މައުމޫން ރޭ އެ ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާއެއް ނުކުރާ ކަމަށް، އެހެންވީމަ އެއް ކެނޑިޑޭޓެއް ނެރެން އެއްބަސްނުވެވުނީ ކަމަށް އެ އިއުލާން ކުރެއްވީ ކަމަށް ދެކެނީ ރައީސް މައުމޫން އެ ކުރެއްވީ،" އަދުރޭ ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެއް ކެނޑިޑޭޓެއް ނެރެ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމުގެ ހިޔާލު ފުރަތަމަ ފާޅު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ލައްޒަތާއި އުންމީދު ދޫކޮށްލުމަށް ފަހު ރައީސް ޔާމީން ބަލި ކުރެވޭނެ ހަމައެކަނި ގޮތަކީ ހުރިހާ އެންމެން އެއްބައިވެގެން އެއް ކެންޑިޑޭޓެއް ނެރުން ކަމަށެވެ. އަދި އެ ކެންޑިޑޭޓަކީ އިންތިގާލީ ފަރާތެއް ކަމަށެވެ.
ޕީޕީއެމް އިން ބުނަމުން ދަނީ އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރުމަކީ އިދިކޮޅަށް ވާނެ ކަމެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކުން ވެސް ބޭނުން ވަނީ އެބަޔަކު އަމިއްލަޔަށް އިންތިހާބަށް ނުކުންނަން ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު އެއް ކެނޑިޑޭޓެއް ނެރެފި ނަމަ، ރައީސް ޔާމީންއަށް އިންތިހާބު ކާމިޔާބު ކުރުން ވާނީ ބޮޑު ޗެލެންޖަކަށް ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުން އެވެ.
މައުމޫން ވިދާޅުވީ އިދިކޮޅު ޕާޓީތައް ގުޅިގެން ކުރާ އިސްލާހީ މަސައްކަތް ކުރަނީ ވަރަށް ރޭވުންތެރި ކަމާ އެކުގައި ކަމަށާއި އިދިކޮޅު ފަރާތްތައް ތިބީ ބަދަހިކޮށް ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުގެ މަސައްކަތް އަދި ދަނީ ކާމިޔާބުކޮށް ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތުގެ ފޮނި ނަތީޖާ ފެންނާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެއްވެސް ފަރާތަކުން ތިބީ އިސްލާހީ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"މައުމޫން އެ އިއުލާން ކުރެއްވީ އެއް ކެނޑިޑޭޓަކަށް އެއްބަސްނުވިކަން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ