އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް މާފުށި ސްކޫލުން މިލްކްކޮށްފި

4 ވަނަ މައިލޯ އިންޓަރ ސުކޫލް ހޭންޑް ބޯޅަ މުބާރާތުގެ ކުޅުން ރޭ ނިންމާލައިފިއެވެ.
ރޭ ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން ފައިނަލު މެޗު ޝަރަފްވެރި ކޮށްދެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ. ރޭ މުބާރާތުގައި ކުޅުނީ 16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ފައިނަލު މެޗެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލު މެޗު ތާޖުއްދީން ސުކޫލާ ވާދަކޮށް 10 ޕޮއިންޓް 7 ޕޮއިންޓުން މެޗު ކާމިޔާބުކުރީ އިސްކަންދަރު ސުކޫލެވެ. މެޗަށްފަހު އިސްކަންދަރު ސުކޫލްގެ ކޯޗު ނަޝްފާ އާމިރާ ބުނީ މުބާރާތާ ކުރިމަތިލީ ފައިނަލަށް ދިޔުމުގެ އުންމީދުގައިކަމަށާއި، ޗެމްޕިއަންކަން ލިބުނީ ކުޅުންތެރިންގެ މަސައްކަތުންކަމަށެވެ.
" ފައިނަލުގެ ކުރިން ތާޖުއްދީން އަތުން ބަލިވީމަ ފުދޭވަރަކަށް އުނދަގޫވި މިމެޗުގައި ވެސް. އެކަމަކު ކުޅުންތެރިން ކުރި ހިތްވަރުން ކާމިޔާބުވީ." މެޗަށްފަހު ނަޝްފާ އާމިރާ ބުންޏެވެ.
މިއުމުރުފުރާގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ހޯދީ ކ.މާފުށި ސުކޫލެވެ. ތިންވަނަ ފަހަރަށް މާފުށި ސުކޫލުން ތަށި އުފުލާލުމަށްފަހު ޓީމްގެ މެނޭޖަރ މުހަންމަދު ހަލީލް ބުނީ މިއީ އެ ސުކޫލަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއްކަމަށާއި، މިކާމިޔާބީގެ ސިއްރަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށެވެ.
" ހަޤީގަތުގައި މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ." މެނޭޖަރ ހަލީލް ބުންޏެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސުކޫލެވެ. މި އުމުރު ފުރައިގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކ.މާފުށި ސުކޫލެވެ. މުބާރާތުގެ ބާރަ އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސުކޫލެވެ. މިއުމުރުފުރައިގެ އަންހެންޑިވިޝަން ކާމިޔާބުކުރީ ޣާޒީ ސުކޫލެވެ. މުބާރާތުގެ ހުރިހާ އުމުރުފުރައެއްގެ ޗެމްޕިއަން ޓީމަށް ތައްޓާ މެޑަލް ހަވާލުކޮއްދެވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމްއެވެ. މިއަހަރު އިންޓަރ ސުކޫލް ހޭންޑްބޯޅަ މުބާރާތުގައި ފަނަރަ ސުކޫލަކުން 66 ޓީމުގައި 924 ކުޅުންތެރިން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ