ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ނިންމާފައި ވަނިކޮށް، އެ ފެކްޝަނަށް ނޭނގި އަމިއްލަ މީހަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލު ކުރަން ކުރި ހުކުމް އިސްތިއުނާފް ކުރަން ނިންމައި، އެ މަސައްކަތް މައުމޫންގެ ފެކްޝަނުން ކުރަމުން ދަނިކޮށް އެ މައްސަލަ އިސްތިއުނާފް ކުރީ ސ. ހުޅުދޫ ފެންފިޔާޒުވިލާ، އައްބާސް ވާފިރެވެ. އެކަމަކު އޭނާއަކީ ދަށު ކޯޓުގައި މައްސަލަ ހިނގި އިރު އެ މައްސަލާގައި ހިމެނުނު މީހެއް ނޫނެވެ.
ޕީޕީއެމަށް އިސްތިއުނާފް ރައްދުވާ ގޮތަށް ހުށަހެޅި އެ މައްސަލަ ހައި ކޯޓުން މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓަރީ ވެސް ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން ހަމަޖެއްސުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.
މައުމޫން ފެކްޝަންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާތަނަށް އިސްތިއުނާފް ކޮށްފައިނުވާ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މައުމޫންގެ ފެކްޝަންގެ ފަރާތުން އެ ކަމުގައި މަސައްކަތް ކުރަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
"އަޅުގަނޑުމެންނަށް ލިބުނީ ކުއްލި ހައިރާން ކަމެއް، އަޅުގަނޑުމެން އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ކުރަނިކޮށް، އެހެން ފަރާތަކުން އިސްތިއުނާފަށް ލީމާ. އިސްތިއުނާފަށް ހުށަހަޅާފައި އޮތްކަން ވެސް އެނގުނީ ޗިޓް އައުމުން. މިއީ ވަރަށް ދެރަކަމެއް،" މައުމޫން ފެކްޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ހައި ކޯޓަށް އެހެން މީހަކު ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ހާޒިރުވާން ޕީޕީއެމަށް އެ ކޯޓުން ޗިޓް ވެސް ފޮނުވި އެވެ. ޗިޓް ފޮނުވީ މައުމޫން ފެކްޝަން ހިންގަމުންދާ ޕީޕީއެމްގެ މައި އޮފީސް ކަމަށްވާ ހ. ތެމާ އަށެވެ.
ޕީޕީއެމްގެ ފަރާތުން ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުން ކޯޓަށް ދާ ފަރާތަކީ އެކަމަށް ހަމަޖައްސާފައިވާ ފަރާތެއް ކަން އެނގޭނެ ގަރާރެއް ގެންނަން ވެސް އެ ޗިޓްގައި ވަނީ އަންގައިފަ އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ދެ ބައިވެ، މައުމޫންގެ ފެކްޝަނަކާއި ރައީސް ޔާމީންގެ ފެކްޝަނެއް އުފެދިފައިވާއިރު ކޮންމެ ފެކްޝަނަކުން ވެސް ބުނަމުންދަނީ އަސްލު ޕީޕީއެމަކީ އެ ފެކްޝަން ކަމަށެވެ. ދެ ފެކްޝަނުން ވެސް ވަނީ ޕާޓީގެ އެކި މަގާމުތައް ބޭފުޅުން އައްޔަންކޮށް، އެކި ނިންމުންތައް ނިންމައިފަ އެވެ.
ޕީޕީއެމްގެ މައްސަލަ މައުމޫން ފެކްޝަނަށް ނޭނގި އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ