އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އަބްދުއްސައްތާރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަން: މައުމޫން
ބެންކޮކްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނިކޮށް ރޭ އަވަހާރަވި، ރާއްޖެ އަށް މިނިވަންކަން ލިބުމުގެ މަޝްވަރާތަކާއި އެގްރީމެންޓް ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހުންނެވި، އަބްދުއްސައްތާރު މޫސާ ދީދީގެ ފަރާތްޕުޅުން އެންމެ ބޮޑަށް ފާހަގަ ކުރެއްވުނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އަބްދުއްސައްތާރު 79، ވަނީ މައުމޫންގެ ކެބިނެޓުގައި 13 އަހަރާއި ދުވަސްކޮޅެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން ފުރަތަމަ އަދާކުރެއްވީ ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު ކަމެވެ. އޭގެ ފަހުން 1992ގެ ކުރީކޮޅާ ހަމައަށް ހުންނެވީ ހެލްތު މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ސަރުކާރުގައި މަައުމޫންގެ ފުރަތަމަ ވަޒީފާއަކީ ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރުކަން ކަމަށްވާއިރު، އެ ޑިޕާޓްމަންޓް ހިންގީ ފިނޭންސް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުންނެވެ. އޭރުގެ ފިނޭންސް މިނިސްޓަރަކީ އަބްދުއް ސައްތާރެވެ. ކުރީގެ ރައީސް މައުމޫން: އަބްދުއްސައްތާރުގެ ފަރާތުން ފެނިވަޑައިގެންނެވި އެންމެ ހާއްސަ ކަމަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް މައުމޫން ވިދާޅުވި.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އެ ހުރިހާ ދުވަހަކު ވެސް އަބްދުއްސައްތާރު ފެނފައި ވަނީ ވަރަށް އިހުލާސްތެރި، ތެދުވެރި، ކަމަށް ކަމޭހިއްތަވާ ވަރަށް މާތް ބޭފުޅެއްގެ ގޮތުގައި. ހުރިހާ ކަމެއް ވެސް ވަރަށް ގަވައިދުން ގެންދަވާނެ. ކަންކަން ވަރަށް ފަރުވާތެރިކަމާއެކު ގެންދަވާނެ. ހުރިހާ އެންމެންނަށް ވެސް ފާހަގަ ކުރެއްވޭނެ އަބްދުއްސައްތާރަކީ ވަރަށް މާތް، މީހުންނަށް ހެޔޮ ބޭފުޅެއްގެ ގޮތުގައި،" މައުމޫން "ހަވީރަ"ށް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަބްދުއްސައްތާރަކީ ސަރުކާރަށް ވަރަށް ވަފާތެރި، އިހުލާސްތެރިއެކެވެ. އެހެންވެ އޭނާގެ ހަޔާތުން ލިބިގަންނަން ޖެހޭ އިބުރަތްތަކެއް އެބަހުރި ކަމަށް މައުމޫން ވިދާޅުވި އެވެ. "އެއީ ވަޒީފާ އަދާކުރާއިރު ތެދުވެރިވުމާއި ފަރުވާތެރިކަމާއި އެކީގައި ގަވާއިދާ އެއްގޮތަށް ކަންތައް ކުރުން. އެ ތައުރީފް ހުރިހާ އެންމެން [އަބްދުއް ސައްތާރަށް] އެ ކުރައްވަނީ އެއީ އެފަދަ މާތް ބޭފުޅަކަށް ވާތީ. މިހާރުގެ މީހުން އެފަދަ ބޭފުޅުންގެ ހަޔާތްޕުޅުންނާއި ކުރެއްވި ހިދުމަތުން ފިލާވަޅު ލިބިގަންނަންޖެހޭ. އެގޮތަށް ކަންތައް ކުރަން އެބަ އާދަކުރަންޖެހޭ،" މައުމޫން ވިދާޅުވި އެވެ. އަބްދުއްސައްތާރު މޫސާ ދީދީގެ ޚިދުމަތް 1977-1975: ނައިބު ރައީސް1975-1970: ފިނޭންސް މިނިސްޓަރު1978-1977: އެޑިޔުކޭޝަން މިނިސްޓަރު1989-1978: ފިޝަރީޒް މިނިސްޓަރު1989-1992: ހެލްތު މިނިސްޓަރުއދ. ގައި ހުންނެވި ރާއްޖޭގެ ދާއިމީ ވަކީލްސްރީ ލަންކާގައި ހުންނަވާ ސަފީރުކަން އަބްދުއްސައްތާރު އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭފުޅުންނެވެ. އަބްދުއްސައްތާރަކީ 50 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. އަވަށްޓެރި ސްރީ ލަންކާގައި ހުންނެވި ދިވެހި ސަފީރު ކަމަށް ފަހު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި އެވެ. ރާއްޖެ އަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް އެންމެ ގިނަ މަސަައްކަތްޕުޅު ކުރެއްވި އެއްް ބޭފުޅާގެ ހައިސިއްޔަތުން މިނިވަންކަމުގެ އެއްބަސްވުމުގައި ބޮޑުވަޒީރު ނާސިރު ސޮއިކުރެއްވި ގަލަންކޮޅު ގެންގުޅުއްވީ އަބްދުއްސައްތާރެވެ. އެ ގަލަންކޮޅު ނާސިރު، އަބްދުއްސައްތާރަށް ދެއްވީ ލަންކާގައި އޮތް ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ