ކުދި ރަށްރަށުގައި ބަނދަރު ހަދައިދޭކަށް ނޭދެން: އަބްދުﷲ އަބްދުއްރަހީމް

ރާއްޖޭގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖެ 82 ޕަސެންޓްގައި ހުރިއިރު އެ ހާލަތުގައި ކުދިކުދި ރަށްރަށުގައި ސަރުކާރުން ބަނދަރު ހަދައިދޭން އެދިވަޑައިނުގަންނަވާ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވިއިރު މިހާރު މަޖިލީހުގައި ކުރިއަށް ގެންދާ ބަޖެޓް ބަހުސްގައި ގިނަ މެމްބަރުން ވަކާލާތު ކުރައްވަމުން ގެންދަވާ އެއް ކަމަކީ އަންނަ އަހަރުގެ ބަޖެޓުގައި ރަށްރަށުގެ ބަނދަރު ހެދުން ފަދަ ކަންކަން ނެތް ކަމަށް ވިދާޅުވެ އެވެ. ހާއްސަކޮށް ބަޖެޓުގެ ތެރެއިން ކަންކަން ކުރުމަށް ކުދިކުދި ރަށްރަށަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެން ނަމަވެސް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ކުދިކުދި ރަށްރަށުގެ ރައްޔިތުންގެ ތާއީދު ސިޔާސީ ގޮތުން އޭނާއަށް ދުވަހަކު ނުލިބުނަސް ކުދިކުދި ރަށްރަށުގައި ސަރުކާރުން ބަނދަރު ހަދައިދޭން އެދިވަޑައިނުގަންނަވާ ކަމަށެވެ. "ދައުލަތަކަށް މިއަދު ލޯނެއް ނުލިބޭ ކުދިކުދި ރަށްރަށުގައި ބަނދަރު ހަދާކަށް. އޭގެ ބަދަލުގައި ބޮޑެތި ރަށްރަށަށް އެ ބޭފުޅުން ބަދަލުވެގެން އެއްފަސްކުރުމުގެ ރަނގަޅު ސިޔާސަތެއް ނުގެނެވެނީސް ދައުލަތަކަށް ލޯނުގެ ފައިސާ ދޭކަށް މަޖުބޫރެއް ނުކުރޭ. ދައުލަތަކަށް އެއްވެސް ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން ލޯނު ނުދޭ ކަމެއް އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ؟،" އޭނާ ވިދާޅުވި އެވެ. އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އާބާދީގައި 200 މީހުން ހަމަވާ ރަށަކުން ލޯނު ނަގަން ބޭންކް އޮފް މޯލްޑިވްސް އަށް ދިއުމުން އެ ރަށެއްގައި ހުންނަ ގެއެއް ވެސް މޯގޭޖްކޮށް ނުދޭ ކަމަށެވެ. "ބައެއް ފަހަރު ވިދާޅުވާނެ 800ރ. އަށޭ އަކަފޫޓެއް. އަނެއް ބައި ފަހަރު ވިދާޅުވާނެ 600ރ. އަށޭ އަކަފޫޓެއް. މިއީ ކަން ހުރި ހާލަތު. އެހެންވީމާ ލޯނު ލިބުމުގައި ދަތިކަން ހުރީތީ އަޅުގަނޑު މި ދަންނަވަނީ ބަނދަރު ހެދުމުގައި އަޅުގަނޑުމެންނަށް ދަތިކަން ކުރިމަތިވާނެއޭ. އެކަމަކު ބަނދަރު ނެތަސް އަޅުގަނޑުމެންނަށް މޫދުން އަރައިގެން އާދެވޭނެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުދި ރަށްރަށަށް ވެސް އަރައި ފޭބުމުގައި ކޮންމެވެސް އުސޫލެއް އޮންނަން ވާނެ ކަމަށެވެ. އެ ރަށެއްގައި އަޅާނީ ޖެޓީއެއްތޯ ނުވަތަ ބަނދަރެއްތޯ ކަނޑައަޅަންވާނެ ކަމަށް ވިދާޅުވި އެވެ. "ދެހާސް ހަ ވަނަ އަހަރު އަޅުގަނޑުމެން ދުށިން އެކްސެސް ޕްރޮގްރާމްގެ ދަށުން އާބާދީގައި 2،000 އަށް ވުރެ މަތީގެ ކޮންމެ ރަށެއްގައި ނުވަތަ 1،000 އަށް ވުރެ މަތީގެ ކޮންމެ ރަށެއްގައި ލަފާފުރާނެ ގޮތް ގާއިމްކޮށްދެވިފައިވާ ތަން. މިއަދު ވެސް އެ ނިޒާމުގެ ތެރެއަށް ދާންވީ. ފަސޭހަކަމާ އެކު ލަފާފުރާނެ ގޮތެއް ހަދައިދޭންވީ. އެކަމަކު އޭގެ މާނަ އަކީ ބޮޑު ބަނދަރު ހަދާފައި ބިން ހިއްކާފައި ހޮޅިދަނޑި ޖަހާފައި ހަމައެކަނި މަސްވެރިންނަށްޓަކައި ނޫނިއްޔާ ވާޓަރު މަތީގައި މަސް ބާނާ މީހުންނަށްޓަކައި ތަނެއް ހަދައި ދީފައި އޮތުމެއް ނޫން،" އޭނާ ވިދާޅުވި އެވެ. އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ކުދިކުދި ބައެއް ރަށްރަށުގައި މިހާރު ވެސް ބޮޑެތި ބަނދަރު ހަދައި ދީފައިވާ ކަމަށާއި އެތަން އެންމެ ރަނގަޅަށް ބޭނުންކުރޭތޯ ބަލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބަނދަރު ހަދާ ވާހަކަ ދައްކާއިރު މިއަދާ ހަމައަށް ވެސް ރާއްޖޭގެ އާބާދީގެ 50 ޕަސެންޓް މީހުންނަށް ސާފު ބޯފެން ނުލިބޭ ކަމަށެވެ. އަދި އެ ސާފު ބޯފެން ފޯރުކޮށް ނުދެވޭހާ ހިނދަކު ކުދި ރަށްރަށުގައި ބަނދަރު ހަދައި ދެވެން ސަރުކާރަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިއީ 2008 ގައި ކުޅުނު ކުޅި 2013 ގައި ކުޅެން ވެގެން މި އުޅެނީ. އެ ކުޅި ނޭނގޭ ބަޔަކު ނޫން މި ރައްޔިތުންގެ މަޖިލީހަށް ވަދެ މި ތިބީކީ. އެހެންވީމާ އެ ފުރުސަތު އަޅުގަނޑުމެން ދޭކަށް ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ. އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް އަންނަ އަހަރުގެ ބަޖެޓުން ހަރަދުކުރަން ނިންމާފައި ވަނީ "ސުން ރުފިޔާ" ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މާފަންނު ހުޅަނގު ދާއިރާގެ މީހުން ދިރިއުޅެނީ ގޯއްޗެއް ނުވަތަ ބިންކޮޅެއް ނުލިބި ވަރަށް ދަތި ހާލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ އަށް ބަޖެޓުގައި ކޮންމެ 100ރ. އަކުން 15.30ރ. ކަނޑައަޅާފައިވާއިރު އެއީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ