"ސެލެބްރިޓީ ޗެލެންޖް" ގާސިމް އިފްތިތާހު ކޮށްދެއްވައިފި

ރޯދަމަހަށް ހާއްސަކޮށްގެން ވީޓީވީން ގެނެސްދޭ ޓީވީ ޝޯ "ސެލެބްރިޓީ ޗެލެންޖް ސީޒަން ޓޫ" ސަން އައިލެންޑު ރިސޯޓުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޝޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ވިލާ ގްރޫޕުގެ ޗެއާމަން އޮނަރަބަލް ގާސިމް އިބްރާހިމްއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސެލެބްރިޓީ ޗެލެންޖް ސީޒަން ޓޫ ގެ ޕްރޮޑިއުސަރު އާމިރު ސަލީމް ވިދާޅުވީ މި ޝޯއަކީ ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން ވީޓީވީން ގެނެސްދޭ މުނިފޫހި ފިލުވުމުގެ އައިޓަމްތަކެއް އެކުލެވޭ ޝޯއެއް ކަމަށާއި، މުޖުތަމައުގައި މިފަހަކަށް އައިސް ހިނގަމުންދާ ނުރައްކާތެރި ކަންކަމާ ގުޅޭގޮތުން ބެލުންތެރިންނަށް އިބުރަތްތެރި ފިލާވަޅުތަކެއް މި ޝޯއިން ލިބިގެންދާނެ ކަމަށެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ޓީވީ ސްޓޭޝަނަކުން ހަދާ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ޓީވީޝޯ ކަން ފާހަގަކުރައްވަމުން އާމިރު ވިދާޅުވީ މި ޝޯގައި ރާއްޖޭގެ މަގްބޫލު ފިލްމީތަރިން ބައިވެރިވާ ކަމަށެވެ.
ޖުމްލަ 6 އެޕިސޯޑަކަށް ބަހާލައިގެން ރޯދަމަހުގެ ކޮންމެ ހަފްތާ ބަންދެއްގައި ވީޓީވީން ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ޝޯ ގައި ރިޝްމީ، ރިޝްފާ، މަނިކު، މުހަންމާ، ފައިސަލް، އަމީލާގެ އިތުރުން ސީޒަން އާއި، ބައެއް އިތުރު ތަރިންވެސް ބައިވެރިވެފައިވެއެވެ.
މި ޝޯގެ މަންޒަރުތައް ނަގާފައިވަނީ ސަންއައިލެންޑުގެ އިތުރުން އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައެވެ.
މި ޝޯ ރަސްމީކޮށް އިފްތިތާހުކުރުމަށް ސަންއައިލެންޑުގައި ބޭއްވި ރަސްމިއްޔާތުގައި ވީޓީގެ ސީއީއޯ އާއި، ސަންއައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ އިތުރުން ޓީވީ ޝޯގައި ހަރަކާތްތެރިވާ ބައެއް ފިލްމީތަރިންވެސް ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ