ޑީއާރޕީއަށް 2008ގެ ރިޔާސީ އިންތިހާބު ގެއްލުނީ ރަނގަޅަށް ތައްޔާރު ނުވެވުމުން: ތަސްމީނު

2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓިޕާޓީ އިންތިހާބު އޭރުގެ އެންމެ ބޮޑޫ ޕާޓީ ޑީއާރޕީއަށް ކާމިޔާބު ނުކުރެވުނީ ވާން ޖެހޭ ވަރަށް ތައްޔާރު ނުވެވުމުން ކަމަށް ޑީއާރޕީގެ ލީޑަރ ތަސްމީނު އަލީ ވިދާޅުވެއްޖެއެވެ.
ޑީއާރޕީން ރޭ ގއ.ވިލިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީނު ވިދާޅުވީ، 2008 ވަނަ އަހަރުގެ އިންތިހާބު އެޕާޓީއަށް ކާމިޔާބު ނުވީ ވާން ޖެހޭ ވަރަށް ތައްޔާރު ނުވެވުމުން ކަމަށެވެ. އަދި ވޭތުވެ ދިޔަ ތިން ވަރަކަށް އަހަރު ތެރޭގައި އެކަމުގެ ހިތި ރައްޔިތުންނަށް ލިބިއްޖެ ކަމަށާއި، އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ސަރުކާރުން ޑިމޮކްރަސީގެ ނިޒާމު ފުނޑުފުނޑުކޮށް ގާނޫނީ އަސާސީ ވެސް ނަގާލާފައިވާ ކަމަށެވެ.
އަދި ކުރިއަށް 2013 ވަނަ އަހަރުގެ އިންތިހާބަކީ މުހިއްމު އިންތިހާބެއް ކަމަށާއި، ވެރިކަމަށް އައުމަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވުން ކަމަށެވެ.
ތަސްމީނު ވިދާޅުވީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނީ ހަމައެކަނި ޑީއާރޕީން ކަމަށެވެ. އެހެން ކަމުން ރައްޔިތުންނަށް ރަނގަޅު ވެރިކަމެއް ހޯދައި ދިނުމަށް ތައްޔާރުވުމަށް ޑީއާރޕީގެ އިސްފަރާތްތަކަށް ތަސްމީނުވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ