ދިވެހިންގެ މެދުގައި މަގުބޫލު ފިލްމީ ތަރި، ދަރްމިންދްރަ އުމުރުން 89 އަހަރުގައި މަރުވެއްޖެ ދިވެހިންގެ މެދުގައި މަގުބޫލު ފިލްމީ ތަރި، ދަރްމިންދްރަ އުމުރުން 89 އަހަރުގައި މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ދަރްމެންދުރާ، އިންޑިއާގެ މުމްބާއީގައި، އުމުރުން 89 އަހަރުގައި މަރުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ފަންނާނަށް އިހުތިރާމް އަދާކުރައްވައި، އޭނާ އަވަހާރަވުމަކީ "އިންޑިއާގެ ސިނަމާގެ އަސްރެއް ނިމުމަކަށް އައުން" ކަމަށް ވިދާޅުވެފަ އެވެ.
ދަރްމެންދުރާ، އޭނާގެ ޒާތީ ކަންކަމުގައި އަބަދުވެސް ސިފަކުރަމުން ގެންދެވީ "އާދައިގެ މީހެއް" ގެ ގޮތުގަ އެވެ. އޭނާގެ ދިހަ މިލިއަނަށް ވުރެ ގިނަ ފަންނާނުންގެ ހިތްތަކުގައި އޭނާއަށް ވަރަށް ބޮޑު ލޯތްބާއި ވަފާތެރިކަމެއް ލިބިފައި ވެ އެވެ.
1975 ވަނަ އަހަރު ރިލީޒްކުރި ބޮޑު ބްލޮކްބަސްޓަރ 'ޝޯލޭ' ގައި ވީރޫގެ ގޮތުގައި މަގުބޫލުކަން ހޯދި ދަރްމެންދުރާ ވަނީ 300 އަށް ވުރެ ގިނަ ފިލްމްގައި ހަރަކާތްތެރިވެފަ އެވެ. އެ ފިލްމްތަކުގެ ތެރޭގައި އެތައް ހިޓް ފިލްމްތަކެއް ހިމެނޭއިރު، އޭނާ ވަނީ އެތައް ދަހަރެއް ވަންދެން ފިލްމީ ދާއިރާގައި މަސައްކަތްކޮށްފަ އެވެ.
އޭނާ ހަރަކާތްތެރިވެފައިވާ ލަވަތަކަކީ 80 އަދި 90 ގެ ވަނީ ޗާޓްތަކުގެ އެންމެ ކުރީގައި ހިމެނޭ ލަވަތަކެވެ. ހެމާ މާލިނީއާ އެކު އޭނާގެ ލޯބީގެ ގުޅުމާއި ކައިވެންޏަކީ މީޑިއާގެ ބޮޑެތި ހެޑްލައިންތަކުން ޖާގަ ހޯދި ކަމެކެވެ.
"ބޮލީވުޑްގެ އޮރިޖިނަލް ހީ-މޭން" އަދި "ގަރަމް (ހޫނު) ދަރަމް" ގެ ނަމުން މަޝްހޫރުވި މި ފަންނާނަކީ، އޭނާގެ ޒުވާން ދުވަސްވަރުގައި "ދުނިޔޭގެ އެންމެ ރީތި ފިރިހެނުންގެ" ދުނިޔޭގެ ލިސްޓުތަކުން ޖާގަ ހޯދި ފަންނާނެކެވެ.
1935 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ޕަންޖާބްގެ ލޫދިއާނާ އަވަށުގެ ނަސްރާލީ އަވަށަށް މެދު ފަންތީގެ ޖަޓް-ސިކް އާއިލާއަކަށް އުފަންވެފައިވާ ދަރްމެންދުރާއަށް އޭނާގެ ބައްޕަ ދީފައިވާ ނަމަކީ ދަރަމް ސިންގް ދިއޯލް އެވެ.
2018 ވަނަ އަހަރު ބީބީސީ ހިންދީއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ އޭނާގެ ބައްޕަ ބޭނުންވީ އޭނާ ކިޔަވަން ކަމަށާއި، ނަމަވެސް އޭނާ ފިލްމްތަކަށް ވަރަށް ކުރިން ލޯބިޖެހި، ފިލްމީ ހީރޯއަކަށް ވާން ބޭނުންވި ކަމަށެވެ.
"އަހަރެންގެ ފުރަތަމަ ފިލްމެއް ބެލީ ނުވަވަނަ ގްރޭޑްގަ އުޅުނުއިރު. އެ ފިލްމުތައް އަހަންނަށް ވަރަށް ކަމުދިޔަ. އަހަރެން ހައިރާންވެފައި ހުރީ، މިހުރިހާ ރީތި މީހުން ދިރިއުޅޭ ސުވަރުގެއަކީ ކޮބައިތޯ ވިސްނުމުގަ.' ބީބީސީ އިންޑިއާއަށް ދިން އިންޓަވިއުގައި ދަރޭ ބުނެފައި ވެ އެވެ.
ދަރޭ ފިލްމު ސްޓާރަކަށް ވާން ބޭނުންވެގެން އެކަން އާއިލާއަށް ހުށަހެޅުމުން އާއިލާގެ މެންބަރުން އެންމެ ފުރަތަމަ އެކަމާ ދެކޮޅު ހެދި ކަމަށާއި، އެހެންނަމަވެސް ވަރަށް ބޮޑަށް ވިސްނުމަށް ފަހު އެފުރުސަތު ދޭން ނިންމީ މަންމަ ކަމަށް ދަރޭގެ އިންޓަވިއުގައި ބުނެފައި ވެ އެވެ.
1960 ވަނަ އަހަރު 'ދިލް ބީ ތޭރާ، ހަމް ބީ ތެރޭ' އިން ފިލްމީ ދުނިޔެއަށް ނުކުތުމަށްފަހު، ތިރީސް އަހަރުވަންދެން އޭނާ ބޮލީވުޑްގައި ބާރު ހިންގާފައިވަނީ ކޮންމެ އަހަރަކު އެތައް ހިޓް ފިލްމްތަކެއް ނެރެގެންނެވެ. ދަރްމެންދުރާ ފުރަތަމަ މަޝްހޫރުވެގެން އައީ ބިމަލް ރޯއީގެ 1963 ވަނަ އަހަރުގެ ފިލްމް 'ބަންދިނީ' އިންނެވެ. ޖަލެއްގެ ޑޮކްޓަރެއްގެ ރޯލުން އޭނާ ދައްކުވައިދިން މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.
ޝޯލޭގައި ދަރްމެންދްރަ، އަމްޖަދު ޚާން އާއެކު
އޭނާ ވަރަށް އަވަހަށް ރޮމޭންޓިކް ހީރޯއަކަށް ވެ، ނޫތަން، މީނާ ކުމާރީ، މާލާ ސިންހާ، އަދި ސައިރާ ބާނޫ ފަދަ އެންމެ މަތީ ފަންތީގެ ތަރިންނާ އެކު ކާމިޔާބު ފިލްމުތަކެއް ނެރުނެވެ.
1966 ވަނަ އަހަރު އޭނާގެ ފުރަތަމަ އެކްޝަން ރޯލް ކުޅުނީ 'ފޫލް އައުރު ޕައްތަރް' ކިޔާ ފިލްމުންނެވެ. ނަމަވެސް އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރިވީ 1971 ވަނަ އަހަރުގެ ހިޓް ފިލްމް 'މޭރާ ގާވް މޭރާ ދޭޝް' (އަހަރެންގެ ރަށް، އަހަރެންގެ ގައުމު) އިންނެވެ.
ފިސާރި ބޮޑު، ހަށިގަނޑު ހެޔޮކޮށް ހުރި ދަރްމެންދުރާ ގިނަ ފަހަރު އޭނާގެ އެކްޝަން ސީންތައް، ނުރައްކާތެރި ސްޓަންޓްތައް ހިމެނޭ ގޮތަށް، އަމިއްލައަށް ކުޅެ އެވެ.
ލޯބީގެ ރޯލުތަކާއި އެކްޝަން ރޯލުތަކުގެ އިތުރުން، މި ފަންނާނު ވަނީ ހިޓް ތުރިލާރ ފިލްމްތަކާއި ކޮމެޑީ ފިލްމްތަކެއްވެސް ދައްކާފަ އެވެ. 1975 ވަނަ އަހަރުގެ ހެއްވާ ފިލްމް 'ޗުޕްކޭ ޗުޕްކޭ' ގައި އޭނާ ދެއްކި "ކޮމެޑީ ވަގުތުތައް ބޭނުންކުރުމުގެ މޮޅުކަމަށް" ފިލްމު ކްރިޓިކުން ތައުރީފުކުރި އެވެ.
ދަރްމިންދަރުގެ މަރާއެކު މުޅި ބޮލީވުޑާއި އިންޑިއާއިން ވެސް ދަނީ ހިތާމަ ފާޅުކުރަމުންނެވެ. މަޝްހޫރު އެކި ފަންނާނުންނާއި ސިޔާސީ ފަރާތްތަކުން ތައުޒިޔާގެ މެސެޖުތައް ފޮނުވަމުން ގެންދެ އެވެ.
ދަރްމިންދްރައަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފަންނާނެކެވެ. އަށްޑިހަ އަދި ނުވަދިހައިގެ އަހަރުތަކުގައި އޭނާ ރާއްޖޭގައި މަގުބޫލުވީ 'ދަރޭ' ގެ ނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ