އެވޭލާ ސީނު ކަރައިގައި ބޭނުންކޮށް އުޅުނު ހަކީމީ (ފަތްޕިލާވެލީގެ) ބޭހުގެ ފަރުވާއަކުން، ދަރިން ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދިދާނެ ކަމަށް ސައެންސްވެރިން ބުނެފިއެވެ. ރިޕްރޮޑަކްޓިވް އެންޑް ޑިވެލޮޕްމެންޓަލް މެޑިސިން ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައިވާ ގޮތުން، އެވޭލާ ސީނުކަރައިގެ ހަކީމީ ބޭސްވެރިން އުފެއްދި ޖިންފެންގް ކިޔާ ބޭހަކީ، ރަހިމުގެ ބަތާނައިގެ އެތެރޭ ފަށަލަ (endometrium) ތުނިވާ ހާލަތުގައި، އެ ފަށަލައިގެ ދުޅަހެޔޮކަން އިއާދަކޮށްދޭ ބޭހެކެވެ. މިހާރު މި ބޭހުގެ ގުޅަ ބޭސް ވެސް އުފައްދައި ޗައިނާގައި ބޭނުންކުރެއެވެ.
މި ފަށަލައަކީ އަންހެނުންގެ މައްސަރު ދުވަސްވަރު ވަރަށް ބޮޑަށް ތުނިވެ ބަދަލުތަކެއް އަންނަ ފަށަލައެކެވެ. އަންހެނާގެ އޯވަރީން ބިސް ނުކުތުމަށް ފަހުގައި، ފިރިހެނާގެ ދަރިފަންޏެއް އެ ބިހާއެކުވެ ގަރުބަގަންނާނެ ހާލަތެއް މެދުވެރި ނުވެއްޖެ ނަމަ، މި ފަށަލަ ހަލާކުވެގެން، މައްސަރު ކަންތަކުގެ ލޭގެ ގޮތުގައި ފައިބައިގެން ދެއެވެ. ދަރިފަންޏަކާ އެކުވެ ގަރުބަގެންފި ނަމަ، އެ ބިސް މި ފަށަލައިގައި ތަތްވެ އެ ތަނުގައި ގަރާރުވެއެވެ. އެހާލަތުގައި މައްސަރު ކަންތައް މެދުކެނޑެއެވެ.
ދިރާސާގެ ސައެންސްވެރިން ބުނާ ގޮތުގައި އަޖުމަ ބެލުމުގެ ގޮތުން ލެބޯޓެރީގައި މީދަލަށް މި ބޭސް ދީގެން ކުރި ތަހުލީލުތަކުގައި މީދަލުގެ ރަހިމުގެ އެ ފަށަލައިގެ ދުޅަހެޔޮކަން އިއާދަވިކަން ފާހަގަކުރެވުނެވެ. އެ ފަށަލަ ތުނިވެ ހަލާކުވުމުން، ބަލިވެއިނުމަށް ނުވަތަ ދަރިމައިވުމަށް ހުރަސްއެޅެއެވެ. އެ ހާލަތު މެދުވެރިވެފައިވާ މީދަލަށް، ޖިންފެންގް ގުޅަ ބޭސް ދިނުމުން، އެ މީދާތަކުގެ ރަހިމުގެ ބަތާނައިގެ އެތެރޭ ފަށަލަ ބޯވެ ދުޅަހެޔޮކަން އިތުރުވިއެވެ.
މީގެ އިތުރުން މި ބޭސް ދިން މީދާތަކުގެ ދަރިމައިވުމުގެ ނިޒާމާ ގުޅިފައިވާ ގްލޭންޑްތަކާއި ލޭނާރުތަކުގެ އަދަދު އިތުރުވެ، ބަލިވެ އިނުމަށް އެހީވެދޭ، ރަހިމުގެ އެތެރޭގެ ވެށީގެ ހާލަތު ރަނގަޅުވިކަން ވެސް ފާހަގަކުރެވުނެވެ. އެހެންކަމުން، އިތުރު ޓެސްޓުތައް ކުރުމަށް ފަހުގައި، އިންސާނުންގެ ހަށިގަނޑުން ވެސް މި ފަދަ އެދެވޭ ނަތީޖާތައް ފެނޭތޯ ބެލުން މުހިންމު ކަމަށް ސައެންސްވެރިން ދެކެއެވެ.
އެންޑޯމީޓްރިއަމް އެވެ މިކިޔާ ފަށަލަ ތުނިކަމަށް ބަލަނީ، އާންމު ގޮތެއްގައި ހަތް މިލިމީޓަރަށް ވުރެ ތުނިވުމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދަރިމައިނުވުމުގެ މައްސަލަ ކުރިމަތިވާ އަންހެނުންގެ ތެރެއިން 2.5 އިންސައްތަ މީހުންނަކީ މި މައްސަލަ ކުރިމަތިވެފައި ތިބޭ މީހުންނެވެ.
މި ފަށަލަ ތުނިވެ ދުޅަހެޔޮކަން ގެއްލެން މެދުވެރިވާ އެތައް ސަބަބެއް ހުރެއެވެ. އޭގެ ތެރޭގައި ރަހިމުގެ އޮޕަރޭޝަންތައް ތަކުރާރުކޮށް ކުރަންޖެހުން، ރަހިމުގައި ފާރު ހެދުން ނުވަތަ ހޯމޯނެއްގެ ނުސިޔާނު އަމަލެއްގެ ސަބަބުން އެ ހާލަތު މެދުވެރިވުމެވެ. މި ހާލަތު މެދުވެރިވުމުން ރަހިމުގެ ބައިތަކުގައި ރަނގަޅަށް ލޭ ދައުރުވުމަށް ހުރަސްއެޅި، ރަހިމުގެ ބަތާނަ ފުށް ހެދި ބޮޑުވުމަށް ހުރަސްއެޅެއެވެ. މިހެންވުމުން، ދަރިފަންޏާއެކު ގަރުބަގަނެފައިވާ ބިސް، އެ ފާރުގައި ހަރުނުލާ ގޮތް މެދުވެރިވެއެވެ.
މިއީ ޒަމާނުއްސުރެ ހޯދިފައި ހުރި ހަގީގަތްތަކެއް ކަމަށް ވިޔަސް، މިކަމަށް ދެވެން ހުރި ފަރުވާތައް އެހާމެ މަދެވެ. ދަރިމައިނުވުމުގެ ނުވަތަ ބަލިވެނުއިނުމުގެ މައްސަލަ އެހާ އާންމުވެފައިވާ އިރު ވެސް، އެކަމަށް ހައްލެއް ނުހޯދެނީ މި ސަބަބާ ހުރެއެވެ.
ޖިންފެން ގުޅަ ބޭހަކީ، އެވޭލާ ސީނުކަރައިގެ ހަކީމީ ބޭސްވެރިކަމުގެ ފޮތްތަކުގައި ލިޔެ ރައްކާކުރެވިފައިވާ އިތުބާރު ހުރި ބޭހެކެވެ. މި ބޭސް އެ ޒަމާނުން ފެށިގެން ބޭނުންކުރަމުން އަންނަނީ ޝާހީ ގަނޑުވަރުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. މި ގުޅަ ބޭސް އުފައްދާފައި ހުންނަނީ، ލޭ ދައުރުކުރުން ރަނގަޅުކޮށްދީ، ހޯމޯންތަކުގެ ވަޒަން ހިފަހައްޓައިދީ، ދަރިމައިވުމުގެ ގުނަވަނުގައި ހިމެނޭ ނިޒާމުތައް ވަރުގަދަކޮށްދޭ ކަމަށް، އެވޭލާ ސީނުކަރައިގެ ބޭސް ފޮތްތަކުގައި ބުނެފައިވާ މާއްދާތައް ބޭނުންކޮށްގެންނެވެ.
އޭގެ ތެރޭގައި ބައެއް ގަސްގަހުގެ ފަސްސަންގު (ކުރި، މައު، ތޮށި، އޮށް، މޫ) އަދި ހިމާރު، ފުއްލާ ފަދަ ބައެއް ޖަނަވާރުގެ ހަށިގަނޑުން ނަގާ ބައެއް މާއްދާތައް ހިމެނެއެވެ. މި މާއްދާތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ޖިންފެން ގުޅަ ބޭހަކީ، ޗައިނާގެ އިތުރުން އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކެއްގައި މިހާރު ވެސް ބޭނުންކުރާ މަގުބޫލު ބޭހެކެވެ.
މި ބޭހުގެ ފައިދާ ބެލުމުގެ ގޮތުން، ސައެންސްވެރިން ބޭނުންކުރި މީދާތަކުގެ ރަހިމުގައި އީތެނޯލް ކިޔާ ކެމިކަލެއް އުނގުޅައިގެން، އެސޮރުމެންގެ ރަހިމުގެ ބަތާނައިގެ ފާރު ވަކި ވަރަކަށް ތުނިކޮށްލިއެވެ. އެއަށް ފަހު އެ މީދާތައް ހަތަރު ބަޔަކަށް ބަހާލައި އެއް ބަޔަކަށް، އެއްވެސް ބޭހެއް ނުދީ ބެއިތިއްބިއެވެ. އަނެއް ބައި މީދާތަކަށް ތަފާތު ބޭސްތައް ދިނެވެ. އަނެއް ބަޔަކަށް އާންމުކޮށް ބޭނުންކުރާ ހޯމޯންގެ ފަރުވާ ދިނެވެ. އަދި ތިން ވަނަ ބައިގެ މީދާތަކަށް ޖިންފެންގް ގުޅަ ބޭސް ދިނެވެ.
އެއަށް ފަހު މިއިން ކޮންމެ ފަރުވާއެއް ދިން މީދާތަކުގެ ރަހިމަށް އައި ބަދަލުތައް ދިރާސާކުރިއެވެ. އެ ހަތަރު ގުރޫޕުގެ ތެރެއިން، ރަހިމުގެ ބަތާނަ ފާރުގެ ބޯމިން އިތުރުވީ ޖިންފެންގް ގުޅަ ބޭސް ދިން މީދާތަކުގެއެވެ. އޭގެ އިތުރުން އެސޮރުމެންގެ ގްލޭންޑްތަކުގެ އަދަދު އިތުރުވުމާއި ރަހިމުގެ ލޭނާރުތައް ވެސް އިތުރަށް ހެދި ތަރައްގީވިއެވެ.'
އެހެންކަމުން، މިއީ ދަރިމައިވުމުގައި މައްސަލަ ދިމާވާ އަންހެނުންނަށް ދޭން އެކަށޭނަ ބޭހަކަށް ވެދާނެ ކަމަށް ދިރާސާ ޓީމުގެ ސައެންސްވެރިން ބުނެއެވެ.
މާބަނޑުނުވާ މައްސަލައަށް، އެވޭލާ ސީނުކަރައިގެ ހަކީމީ ފަރުވާއެއް މާބަނޑުނުވާ މައްސަލައަށް، އެވޭލާ ސީނުކަރައިގެ ހަކީމީ ފަރުވާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ