މާލޭ މޭޔަރަކަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވިއިރު، އިއުލާނު ކުރުމެއް ނެތި މާލެ އާއި ވިލިމާލެއިން އަމިއްލަ ފަރާތްތަކާއި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކަށް ބިންތަކާއި އިމާރާތްތައް ދޫކޮށްލީ ކައުންސިލުން ފާސްނުކޮށް ކަމަށް، މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހަށް ސައިފު ވިދާޅުވީ މުއިއްޒު މޭޔަރަކަށް އިންތިހާބު ވުމަށް ފަހު މާލޭގެ އަގުބޮޑު ބިންތައް ހިތުހުރި ގޮތަކަށް "ބަހާލީ" ކައުންސިލުގައި އެއްވެސް މަޝްވަރާއެއް، ނިންމުމެއް ވެސް ނެތި ކަމަށެވެ. އެއީ ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"ހަގީގަތުގައި ވެސް މިއީ ބޮޑު ޖަރީމާއެއް އެ މައްސަލަ އޭރު ވެސް އަޅުގަނޑުމެން ނަގަމުން ދިޔައިން. އޭސީސީއަށް ހުށަވެސް އެޅިން. ނަމަވެސް އެއްވެސް ކަމަކަށް އެކަމަށް ބެލުމެއް ނެތި ދިޔައީ ބިންތައް ދޫކުރަމުން،" ސައިފު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފު.-- ފޮޓޯ: އަދަދު
ހަމައެއް އުސޫލެއް ނެތި މުއިއްޒު ބިންތައް ދޫކުރާ މައްސަލަ ބޮޑުވެގެން، ކައުންސިލުން ފާސްނުކޮށް އެފަދަ މުއާމަލާތެއް ނުކުރެވޭ ގޮތަށް، ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ ވޯޓާއެކު ކައުންސިލްގެ އަސާސީ ގަވާއިދު އިސްލާހު ކުރި ކަމަށް ވެސް ސައިފު ވިދާޅުވި އެވެ.
"އެ ބަދަލު އަސާސީ ގަވާއިދަށް ގެނައީ ޖޫން 14، 2023 ގައި. އެއަށް ފަހު ވެސް ބިންތައް ދޫކޮށްފައި އެބަ ހުރި. ގައިމު ވެސް އެ ބިންތަކުގެ ގާނޫނީ އެއްވެސް ސައްހަ ކަމެއް ނޯންނާނެ،" ސައިފު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުން އެނގޭ ގޮތުގައި ޖޫން 14، 2023، ގެ ފަހުން 19 ބިމެއް ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން 10 ބިމެއް ދޫކުރީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދެމެދު އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު 9، 2023 ގައި ބޭއްވިއިރު، ދެ ވަނަ ބުރު ބޭއްވީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ، ސީއެސްއާރުގެ ގޮތުގައި 300،000ރ. ނުވަތަ 500،000ރ. ނެގުމަށް ފަހުކަން އާންމުކުރި ލިސްޓުން އެނގެ އެވެ. ނަމަވެސް އެއީ ކޮން ކަމަކަށް ނެގި ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ބޭނުންކުރި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.
ވިޔަފާރީގެ އުސޫލުން މާލެއިން ބިމާއި އިމާރާތްތައް ކުއްޔަށް ދޫކުރާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ 20 އަހަރަށެވެ. އެ ބިންތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 އަދި 28 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އޮތީ ސެޕްޓެމްބަރު 30 ގަ އެވެ.
ވިޔަފާރި ބޭނުމަށް މާލެ އާއި ވިލިމާލެއިން މުއިއްޒު ބިންތައް ވިއްކީ ކައުންސިލުން ފާސްނުކޮށް: ސައިފު ވިޔަފާރި ބޭނުމަށް މާލެ އާއި ވިލިމާލެއިން މުއިއްޒު ބިންތައް ވިއްކީ ކައުންސިލުން ފާސްނުކޮށް: ސައިފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ