އަޅުގަނޑުގެ ފިރިމީހާއަށް ލިބޭ މުސާރަ ހުސްކުރާ ގޮތެއް ނުއެނގެއެވެ. ޔަޤީންވާކަމަކީ މުސާރައިގެ ބޮޑުބައެއް ޚަރަދުކުރާ ގޮތެއް ނުކުރާކަމެކެވެ. އަދި ފިރިމިހާގެ އަތުގައި ރައްކާކޮށްފައިވެސް ނެތްކަމެވެ. އަޅުގަނޑާއި 2 ދަރިންނަށް ތިބެންޖެހެނީ އަސާސީ ބޭނުންތައްވެސް ނުފުދިއެވެ.
މިޙާލަތުގައި ފިރިމީހާއަށް ވިސްނައިދޭން ކަންތައް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟"
ކިޔުންތެރިޔާގެ ސުވާލަކީވެސް ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. ސުވާލަށް ޖަވާބު މިދެނީ ކިޔުންތެރިއެއްގެ އިޙްޞާބްތަކުންނެވެ. މިއީ ތިއަމޭރުމުން ސުވާލުކުރައްވާ ކިޔުންތެރިންނަށް ވަރަށް ފައިދާހުރި ނަބީޙަތަކަށްވާތީ ހަނދުމަ އައުކޮށްލާނަމެވެ. ދެމަފިރިން އެކުގައި ތިބެގެން މިވާހަކައަށް ވިސްނައިލާށެވެ. ޙައްލެއް ވިސްނޭނެއެވެ. އިން ޝާ ﷲ
މިރާއްޖޭގައި ޢާންމު ދިރިއުޅުމަށްބަލާއިރު ގިނަ ބައަކު ދިރިއުޅެނީ އެހައި ދަތިކޮށް ކަމަށް ބުނުމަކީ ތެދަކަށްނުވާނެއެވެ. އެންމެ ތަނަވަހުގައި ނޫންނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގެ ނިޞްބަތުން އެހާ ފަޤީރު ޙާލުގައި ކަމަށްނުވާތީއެވެ. ފަޤީރުންވެސް ނެތް ވާހަކައެއް ނޫނެވެ.
އެހެންނަމަވެސް ދެމަފިރިންގެ މެދުގައި ކަންކަން އޮންނަނީ ކިހިނަކުން ހެއްޔެވެ؟ ސުވާލުކުރަން މިއުޅެނީ ގިނައިން ފުއްދައިދެވެނީ ބައިވެރިޔާގެ ބޭނުންތައް ހެއްޔެވެ؟ ނުވަތަ ޚަރަދުކުރެވެނީ ހިލޭ އަންހެނުންނަށް ނުވަތަ ފިރިހެނުންނަށްހެއްޔެވެ؟ ހިލޭ މީހުންނަށް ކޮފީ އާއި ކެއުމާއި ހަދިޔާ ދިނުމުގެ ބިލްތަކަށް މަހަކު ކިހައި ވަރެއް އަރާހެއްޔެވެ؟
މިސުވާލުތައް ހިތަށް ވަނީ ސޯޝަލް މީޑިއާއިން ފެނުނު މިވާހަކައިންނެވެ.
"އެއީ ވަރަށް ފަޤީރު ދެމަފިރިންނެވެ، ނަމަވެސް ވަރަށް ލޯބިން ދިރިއުޅޭ ދެމަފިރިންނެވެ.
އަނބިމީހާގެ އިސްތަށިގަނޑަކީ ވަރަށް އާދައާ ޚިލާފް ވަރުގަދަ ރަންކުލައިގެ އިސްތަށިގަނޑެކެވެ. އެހެންވެ ދެމަފިރިންވެސް އިސްތަށިގަނޑަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ.
އެއްދުވަހަކު އަނބިމީހާ ބުންޏެވެ. "އިސްތަށިގަނޑުގައި ޖަހާ ދަތިތައް ހަލާކުވެ ހުސްވެއްޖެއެވެ." ފިރިމީހާ ބުނީ ދައްޗެއް ގަނެވޭނެ ފަދަވެސް އެވަގުތު އަތުގައި ނެތްކަމަށެވެ. ނަމަވެސް މާދަމާގެ މަސައްކަތުން ފައިސާކޮޅެއް ލިބިއްޖެނަމަ ގަނެދޭނެ ކަމަށެވެ.
އަނެއް ދުވަހު ފިރިމީހާއަށް ލިބުނު ފައިސާކޮޅުން ވަރަށް ރީތި ދެ ދަތިގަނެގެން ގެއަށް ދިއައިރު އަނބިމީހާ ވަނީ އިސްތަށިގަނޑު ބުރިކޮށްލައިފައެވެ. ފިރިމީހާ ކަންބޮޑުވިކަން އެނގުމުން އަނބިމީހާ ކިޔައިދިނެވެ.
"އިސްތަށިގަނޑަކީ އަދިވެސް ދިގުވާނެ އެއްޗެކެވެ. މިއަދު ސެލޫނަކަށް ގޮސް ބެލުމުން ރަނގަޅު އަގެއް ލިބޭނެކަން އެނގުމުން އިސްތަށިގަނޑު ވިއްކައިލީއެވެ. ތިބާ އަތުގަ އަޅާ ގަޑި ހަލާކުވުމުން ނުހެދި އޮންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ނޫން ހެއްޔެވެ؟ ލިބުނު ފައިސާއިން މިއޮތީ ގަޑިއެއްވެސް ގަނެފައެވެ. އިތުރުވި ފައިސާ މިހިރީއެވެ."
އަނބިމީހާ ގަޑި ދިއްކޮށްލުމުން ފިރިމީހާއަށް ދިއްކޮށްލެވުނީ އަނބިމީހާއަށް އޭނާ ގަނެދިން 2 ދަތްޗެވެ." ވާހަކަ ނިމުނީއެވެ.
ވާހަކައިގައި އިތުރަށް އޮތްބައިވެސް ހާމަކޮށްލާނަމެވެ. "ލޯބިވާކަށް މާގިނަ ފައިސާތަކެއް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ ހިތުގެ އަޑިން ލޯބިވުމެވެ. ހިތުގެ އަޑިން ލޯބިވާނަމަ ކިތަންމެ ދަތިޙާލުގައި ނަމަވެސް ދެމަފިރިން ދިރިއުޅޭނީ އުފަލުގައެވެ. ލިބޭ މަދު މިންވަރުން ހެޔޮ ގޮތުގައި ޚަރަދުކުރާނަމަ ނުލިބޭ ގިނަ މިންވަރު ހޯދަން ޝަކުވާއެއް ނުކުރާނެއެވެ."
އަޅުގަނޑަކީވެސް ވަރަށް ބޮޑު ފަޤީރެކެވެ، ފިރިމީހާއަށް ލިބޭ އާމްދަނީ މަދުކަމުން މީރުވަސްދުވާ ސެންޓްފުޅިއެއް ކީއްކުރަންހެއްޔެވެ؟ ބޮޑީސްޕްރޭ ފުޅިއެއްވެސް ގަތުން އޮންނަނީ ވަރަށް ބޮޑުކަމަކަށްވެފައެވެ. ނަމަވެސް ފިރިމީހާގެ ރަނގަޅުކަމުން ދިރިއުޅެމުން މިދަނީ ހަމަވަރަށް އުފަލުގައެވެ. އިން ޝާ ﷲ
--ޒީނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް
ޚަރަދުކުރުމުގަ އަނބިދަރިން އިސްކުރޭ! ލިބޭ ފައިސާކޮޅުން ޢާއިލާއަށް ޚަރަދުކުރާނަމަ ފުދިގެން އުޅެވޭނެ މީހުން ވަރަށް ގިނަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ