ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އަށް މާލޭގެ ހީނާމާގެ ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާކަން، މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލުން އާންމުކުރި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުގައި ނެތުމުން ޝަކުވާ ބޮޑުވެއްޖެ އެވެ.
އެނގުން މުހިންމު - އާރުސީސީ އަކީ މާލޭގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ކުންފުންޏެކެވެ. އެ ގޮތުން:
އެ ކުންފުނީގެ މައި ހިއްސާ އޮންނަ ކުންފުނި ކަމަށްވާ އަބްދުއްރަޝީދު އެންޑް ފެމިލީގެ ހިއްސާދާރުންނަކީ އާދަމް އާޒިމް އާއި އެ އާއިލާގެ ބޭފުޅުން
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަކީ ވެސް އެ ކުންފުނީގެ ހިއްސާދާރެއް؛ މުހައްމަދު ނާޒިމަކީ ސަރުކާރު ހިންގާ ޕީއެންސީއާ ކޯލިޝަން ހަދާފައިވާ އެމްއެންޕީގެ ރައީސް
ވީކިހިނެއް؟ - މާލޭގެ ހީނާމާގެ އާރުސީސީއަށް ދީފައިވާ ކަމަށް މީގެ އަހަރެއް ކުރިން ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އޭރު ބައެއް ނޫސްތަކަށް އެ ކަން ކަށަވަރުކޮށްދެއްވީ ވެސް އާރުސީސީގެ މައި އެއް ހިއްސާދާރު ނާޒިމެވެ.
"އެ ބިން ލިބުނީ އަޅުގަނޑުމެން ހުށަހަޅައިގެން. މިހާރު މި ދަނީ އެ ތަން ކުރެހުމުގެ މަސައްކަތް ކުރަމުން،" ނާޒިމް 'އަދަދު' ނޫހަށް އޭރު ވިދާޅުވެފައިވެ އެވެ.
ތަފްސީލް - މިކަމާ ގުޅިގެން އެކްސްގައި ވާހަކަ ދެއްކެވި އެއް ބޭފުޅަކީ އަންނަ ކައުންސިލް އިންތިހާބަށް އެމްޑީޕީގެ މާލޭ މޭޔަރުގެ ޓިކެޓަށް އާދަމް އާޒިމާ ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
"މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކަކީ ތަންތަނުގެ ލިސްޓު ކަމަށް ބުނެ 20 ނޮވެމްބަރު 2025ގައި ގެޒެޓްކޮށްފައިވާ ލިސްޓްގައި އާރުސީސީއަށް ކުއްޔަށް ދީފައިވާ ހީނާމާގެ ބިން އުނިކޮށްފައި ތިޔަ ވަނީ މާލޭ ރައްޔިތުންނަށް އޮޅުވާލަން ކަމަށްތޯ؟،" އަލީ އާޒިމް އެކްސްގައި ލިއުއްވާފައިވެ އެވެ.
އަލީ އާޒިމް ތުހުމަތުކުރައްވަނީ މާލޭގެ ކުރީގެ މޭޔަރު، މިހާރު ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ކުރައްވާފައިވާ އެކިއެކި ކަންކަން ފޮރުއްވުމަށް އާދަމް އާޒިމް މަސައްކަތްކުރައްވާ ކަމަށެވެ.
އަލީ އާޒިމްގެ ވާހަކައަށް އާދަމް އާޒިމް އެކްސްގައި ރައްދު ވެސް ދެއްވި އެވެ. އާދަމް ވިދާޅުވީ އެ ކަމަށް ބާރުދޭ އެއްވެސް ލިޔެކިއުމެއް އޮތް ނަމަ ހާމަކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އަލީ ދޮގު ހައްދަވާ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނީ އަލީއަށް ކަމަށް އާދަމް އާޒިމް ވިދާޅުވި އެވެ.
އާދަމް ދެން ފާހަގަކުރެއްވީ އެ ލިސްޓްގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ އެ ކަން ފާހަގަކޮށް ސިޓީ ކައުންސިލަށް ހުށަހަޅަން 30 ދުވަސް ހުޅުވާލާފައިވާ ކަމެވެ.
މި ހިސާބުން އާދަމް އާޒިމަށް ރައްދު ދެއްވީ، މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ. ހަސަން ލަތީފް އެކްސްގައި ވިދާޅުވީ، އާޒިމަށް ދޮގުކުރެވުނީ އާރުސީސީގެ އެއް ހިއްސާދާރު ނާޒިމްގެ ބަސް ކަމަށެވެ.
"ނާޒިމް އެ އޮތީ ވިދާޅުވެފައި ހިނާމާގެ ލިބުނީ ތި ބޭފުޅުންގެ ކުންފުނިން ހުށަހަޅައިގެން ކަމަށާއި އެ ތަން ކުރެހުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ. މޭޔަރު ތިޔަ ވިދާޅުވަނީ އެ ތަނެއް އާރުސީސީއަށް ދީފައި ނުވެއޭތޯ؟ ސާފުވާ ގޮތަށް ވިދާޅުވެ ދެއްވާ،" ހަސަން ސުވާލުކުރައްވާފައިވެ އެވެ.
އޭގެ ފަހުން ވެސް ހަސަން އާއި އާދަމް އާޒިމް އެކްސްގައި ރައްދުތަކެއް ދެއްވާފައިވެ އެވެ. އެ ގޮތުން:
އާދަމް އާޒިމް އަނެއްކާވެސް ގޮވާލެއްވީ ލިޔެކިއުންތައް ހާމަކޮށްދެއްވުމަށް އަދި ވިދާޅުވީ އެ ކަހަލަ ދޮގު ހެއްދެވުން އާދައަކަށް ނުހެއްދެވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް
ހަސަން ރައްދުގައި އެއްސެވީ އާދަމް އާޒިމް ތިޔަ ދައްކަވަނީ ކޮން ވާހަކައެއްތޯ
ހަސަން ވިދާޅުވީ އޭނާ ކުރެއްވީ މާލޭގެ ރައްޔިތެއްގެ ހައިސިއްޔަތުން މާލޭގެ މޭޔަރާ ސުވާލެއް ކަމާއި ސުވާލެއްގައި ދޮގެއް އަދި ތެދެއް ވެސް ނޯންނާނެ ކަމަށް؛ މޭޔަރު އެހާ ރުޅި ދުރުނުވެ ހަމަޖެހިލައިގެން އެ ޕޯސްޓް ވިދާޅުވުމަށް ހަސަން ވިދާޅުވި
ފާހަގަކޮށްލެވޭ - އެމްޑީޕީގެ އެތެރޭގެ ސިޔާސީ ބާރުވެރިކަމަށް އޮތް ހިޔާ ލުތަފާތުވުންތައް އަދިވެސް ބޮޑެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންކަމުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް ވަނީ އިއުލާންކުރައްވައިފަ އެވެ. އަދި ފައްޔާޒަށް ހަސަން ލަތީފް އާއި އަލީ އާޒިމް ހިމެނޭހެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިންގެ ތާއީދު އެބައޮތެވެ.
ރިޔާސީ ޕްރައިމަރީއަށް ދެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ސޯލިހު އާއި އެ މަނިކުފާނުގެ ޓީމު މާލޭ މޭޔަރުގެ ޕްރައިމަރީގައި ތާއީދު ކުރައްވަނީ އާދަމް އާޒިމަށެވެ.
އާރުސީސީއަށް ދިން ބިމެއް ލިސްޓުން ފެންނަން ނެތުމުގެ ޝަކުވާ ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ