އަންނަ އަހަރުން ފެށިގެން މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ނިންމައިފި އެވެ.
މިއީ ކުޑަކުދިން ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ނުރައްކަލުން ރައްކާތެރި ކުރުމަށް ނިންމި ގައުމުތަކުގެ ލިސްޓުގައި ހިމެނުމެވެ.
އޮސްޓްރޭލިއާ އާއި އެހެން ބައެއް ގައުމުތަކުގައި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި އުމުރު ހިފެހެއްޓުމަށް އަމަލު ކުރަމުން އަންނަ ގޮތް މެލޭޝިއާ ސަރުކާރުން ރިވިއު ކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފާދިލް ވިދާޅުވި އެވެ. ސައިބާ ބުލީ ކުރުމާއި މާލީ ހިޔާނާތްތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ އޮންލައިން ނުރައްކާތަކުން ޒުވާނުން ސަލާމަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން 16 އަހަރުން ދަށުގެ އެއްވެސް ކުއްޖަކު އެކައުންޓް ހުޅުވުން އަންނަ އަހަރު މަނާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް އަމަލު ކުރާނެ ކަމަށް،" އޭނާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވި އެވެ.
ޓިކްޓޮކް، ސްނެޕްޗެޓް، ގޫގުލް ފަދަ ކުންފުނިތަކުގެ ސޯޝަލް މީޑިއާ ކޮންޓެންޓްގެ ސަބަބުން ކުދިންގެ ސިއްހަތާއި ރައްކާތެރި ކަމަށް ކުރާ އަސަރު މުޅި ދުނިޔެ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެކައުންޓްތައް އަންނަ މަހުން ފެށިގެން އުނި ކުރަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ ނިންމައިފި އެވެ. އެ މައްސަލަތައް ދުނިޔޭގެ ރެގިއުލޭޓަރުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.
ފްރާންސް، ސްޕެއިން، އިޓަލީ، ޑެންމާކް އަދި ގްރީސް ފަދަ ގައުމުތަކުން ވެސް މިހާރު އަންނަނީ އުމުރު ބެލޭ އެޕެއް ތައްޔާރު ކުރަމުންނެވެ. ނަމަވެސް ފަހުން ޓެކް ޕްލެޓްފޯމްތަކުން ނުރަނގަޅު ކޮންޓެންޓް ފިލްޓާ ކުރުމަށާއި އުމުރު ކަށަވަރު ކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ލުއި ގަވާއިދެއް ތައާރަފު ކުރި އެވެ.
މެލޭޝިއާގައި ސޯޝަލް މީޑިއާ ކުންފުނިތަކުގެ މައްސަލަތައް ބަލާ މިންވަރު ވަނީ އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި އޮންލައިން ޖުވާ ކުޅުމާއި ނަސްލާއި ދީނާއި ރަސްމަތިފުށާ ގުޅުން ހުރި ޕޯސްޓްތައް ހިމެނެ އެވެ.
މެލޭޝިއާގައި 8 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމްތަކާއި މެސެޖިން ހިދުމަތްތަކަށް މިހާރު ލައިސަންސް ނަގަން ޖެހެ އެވެ. އެ ގަވާއިދަށް އަމަލު ކުރަން ނިންމާފައިވަނީ އަންނަ ޖެނުއަރީން ފެށިގެންނެވެ.
16 އަހަރުން ދަށުގެ ކުދިން މެލޭޝިއާގައި ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ