ޒިންމާއެއް، މަސައްކަތެއް ނެތް ވަޒީފާތަކަށް މީހުން ބޭނުންވެއްޖެ!
މި ގޯސް ހަދާ މައިންބަފައިން ރާއްޖޭގައި ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. ދަރިންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން, ފުރާފުރިހަމަވެ, މަސައްކަތް ކުރަން ޖެހޭ އުމުރަށް ދިއުމުން ވެސް އެއްވެސް ކަމެއް ނުކުރުވައި ބެއިތިއްބުމެވެ. ނިދާނެއިރަކު ނިދައިގެން, ކުރާނެ ކަމެއް ކުރަން ދޫކޮށްލައިގެން ތިބުމެވެ. އެ ގޮތަށް ގެންގުޅޭ ޒުވާނުންގެ ބޭނުންތައް ފުއްދަން ބޭނުންވާ ތަކެތި ހޯދައި ދެނީ ވެސް އަދި ފައިސާ ދެނީ ވެސް އެ މައިންބަފައިންނެވެ. ނަމަވެސް، ސުވާލަކީ މިއީ ދަރިންނަށް ކޮށްދޭ ހެޔޮ ކަމެއްތޯ ނުވަތަ އަމިއްލަ އަތުން ދަރިން ހަލާކުކުރުން ތޯއެވެ؟ މިއަދު ތަނަވަސްކަން ހުރީތީ ދަރިން އެހެން ބައިތިއްބައިގެން އެ މީހުން ބޭނުންވާހާ ކަމެއް, ނުވަތަ އެދޭހާ ކަމެއް ކޮށްދެވިދާނެއެވެ. ނަމަވެސް، މާދަމާ އެ ތަނަވަސްކަން ގެއްލިއްޖެ ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ނޫނީ މައިންބަފައިން ލޯ މަރާލަން ޖެހޭ ދުވަހު އެ ދަރިންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެހެންކަމުން ދަރިން ދެކެ ހަގީގީ ލޯބިވާނަމަ ރަނގަޅު ގޮތަކީ ތައުލީމު ދިނުމާއެކު، ޒިންމާ އަދާކުރެވޭ އުމުރަށް ދިއުމުން އެކަންކަން ހަވާލުކުރުމެވެ. މަސައްކަތްކޮށް, ޒިންމާ ނަގައިގެން ދުނިޔޭގައި އުޅެން ދަސްކޮށްދިނުމެވެ. މައިންބަފައިންގެ ޒިންމާ ނެގުމަކީ އެއީއެވެ. https://www.sun.mv/205473 ގައުމެއްގެ ނިސްބަތުން ބެލި ނަމަވެސް ކަން އޮތީ ހަމަ އެގޮތަށެވެ. ސިޔާސީ ބޭނުމަށްޓަކައި ސިޔާސީ މަގާމުތަކުގެ ގޮތުގަޔާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކިއެކި އޮފީސްތަކުގެ އިތުރުން ކައުންސިލް އިދާރާތަކަށް އެތައް ހާހުން މުވައްޒަފުން ވަނީ ނަގައިފައެވެ. އަދި، ދުވަހުން ދުވަހަށް ވަޒީފާ ބަހާވަރު ވަނީ އިތުރެވެ. ޚާއްސަކޮށް އިންތިޚާބެއް ކުރިއަށް އޮވެއްޖެ ނަމަ ވާރޭ ވެހޭފަދައިން ވަޒީފާތައް އޮހޭނެއެވެ. އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު އެ މަންޒަރު ފެންނާނެކަން ޔަގީނެވެ. މެންޑޭޓުން ބޭރުން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ޕްރޮޖެކްޓްތައް ހަވާލުކޮށްގެން އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ. ކަންބޮޑުވެގެން މި އުޅެނީ ބަޔަކަށް ވަޒީފާ ދޭތީއެއް ނޫނެވެ. ކަންބޮޑުވުމަކީ އެއްވެސް ޒިންމާއެއް, މަސައްކަތެއް ހަވާލުނުކޮށް އެތައް ހާސް ބަޔަކު ތިބީތީއެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަން ދައްވާނެ ކަމެކެވެ. އަދި ޖީލެއް, ކަންނެތްވެ, ގައުމުގެ ކުރިއެރުން ހުއްޓޭނެ ކަމެކެވެ. "މެންބަރު ރަށަށް އަރާއިރު ކިޔޫ ހަދާފައި އެ ތިބެނީ. މަށަށް މިވެނި ވަޒީފާއެއް. މަ ގޯތި މިވެނި މީހަކަށް މިވެނި ވަޒީފާއެއް. އޭރަށް މިވެނި ވަރަކަށް ވޯޓް ދޭނެ ކަމަށް ބުނެ. ދެން އެމްޕީ ރަށުން ފައިބައިގެން އެ ދަނީ އެ ވަރަށް ބަހާލާފައި," އުތުރުގެ ރަށެއްގެ ޒިންމާދާރު ވަޒީފާއެއްގައި ހުރި މީހަކު ކިޔައިދިނެވެ. https://www.sun.mv/214089 ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު ބޭނުންވަނީ އެއްވެސް މަސައްކަތެއް ނުކޮށް ވަޒީފާ އަދާކުރާށެވެ. އެފަދަ ވަޒީފާއަށް މީހުން އެދޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. މިދިޔަ އެމްޑީޕީ ވެރިކަމާއި މި ވެރިކަމުގައި ވެސް ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެފަދަ އެތައް ބަޔަކު އެބަތިއްބެވެ. ރަށްރަށަށް ބަލާނަމަ އެ މަންޒަރު އެންމެ ރީތިކޮށް ފެންނާނީ, ވަރަށް ހާލުގައި ހިންގަމުން އަންނަ ފެނަކައިންނެވެ. މީގެ ކުރިން ދެތިން މީހުން ހިންގަމުން އައި އިންޖީނުގެތަކުގައި މިހާރު ތިރީހުން, ސާޅީހުން މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ކުރާނެ ކަމެއް ނެތިގެން, ޖޯލިފަތިތަކުގައި ޑިއުޓީ ނިންމާލާ މީހުން ގިނައެވެ. އެ މީހުންނަށް ދެން ކުރަން އޮންނާނެހާ ވެސް ކަމަކީ ސޯޝަލް މީޑިއާގައި ސަރުކާރު ޕްރޮމޯޓްކުރުމާއި ސަރުކާރާ ދެކޮޅު މީހުންނާ ޒުވާބުކުރުމެވެ. ދެން ސަރުކާރުން ބާއްވާ ޖަލްސާތަކަށް މީހުން ދިއުމަށް މަޖުބޫރުކުރުމާއި ގަދަކަމުން ވިޔަސް ޕާޓީއަށް މީހުން ވެއްދުންފަދަ ކަންކަން ކުރުމެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ކުރަން ޖެހޭހާ ވެސް ކަމަކީ އެއީއެވެ. ކުރީގެ ސަރުކާރުތަކުގައި ވެސް އަދި މިއަދު ވެސް ފެންނަނީ އެ މަންޒަރެވެ. އެމްޑީޕީ ސަރުކާރަށް ބަލާއިރު އެ ހާލަތުގައި ބޮޑަށް އޮތީ ފެނަކައާއި އާރުޑީސީ ފަދަ ބައެއް ކުންފުނިތަކެވެ. މި ސަރުކާރާ އެކު އަދި އެ ހާލަތުވީ މާ ގޯހެވެ. މީގެ ކުރީ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ބޭނުން ނުކުރާ, ގައުމުގެ ތަރައްގީއާއި ގައުމީ ސަލާމަތާ ގުޅުން ހުރި, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ފަދަ ކުންފުނިތަކުގައި ވެސް ހަމައެއް ލަމައެއް ނެތް ކަމަށް އެތަނުގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއްވީ މީހުން އެބަ ބުނެއެވެ. ވަޒީފާ ބެހުމާއި ކުރާނެ ކަމެއް ނެތް, އެކަމަކު ބޮޑެތި މުސާރަ ނަގާ މީހުން ގިނަވުންފަދަ އެތައް ކަމެއް އެމްއޭސީއެލްގެ ތެރޭގައި ހިނގާ ކަމަށް އެތައް މުވައްޒަފުންނަކާ ވާހަކަދައްކާލުމުން އެނގުނެވެ. އޭގެ ތެރޭގައި އެ ކުންފުނީގައި މަސައްކަތް ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒަފުން ވެސް ހިމެނެއެވެ. އެ މީހުން ބުނާ ގޮތުގައި މި ހާލަތަށް މީގެ ކުރިން ދުވަހަކު ވެސް އެ ކުންފުނި ނުވެއްޓެއެވެ. ނޮޅިވަރަމުގައި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް އެމްއޭސީއެލްއިން ހަވާލުވަނީ-- ފޮޓޯ: އެމްއޭސީއެލްމި ރާއްޖެ ޒަމާނުންސުރެ ހިންގަމުން މި އަންނަނީ ތަރައްގީވެފައިވާ ގައުމުތައް ހިންގާ ގޮތާ މުޅިން ހިލާފަށެވެ. ވަޒީފާގެ ބާޒާރަށް ބަލާއިރު ރާއްޖޭގައި ވަޒީފާ ދޭ އެންމެ ބޮޑު ދާއިރާއަކީ ޕަބްލިކް ސެކްޓާ ނުވަތަ ސަރުކާރެވެ. ހަތަރު ލައްކަ މީހުން ހަމަނުވާ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލް ސާވިސްގައި މި ވަގުތު 30،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ގާތްގަނޑަކަށް 36،000 އެއްހާ މުވައްޒަފުން އެބަތިއްބެވެ. އެކިއެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ މަގާމުތަކަށް ބަލާއިރު ވިއްސަކަށް ހާހާ ގާތްކުރެއެވެ. އެހެންކަމުން މަސައްކަތު އާބާދީގެ ބޮޑު ބައެއް އެ ބަރޯސާވަނީ ސަރުކާރުގެ މުސާރައަށެވެ. ދައުލަތުގެ ބަޖެޓުން ކުރާ އެންމެ ބޮޑު ހޭދައަކީ ވެސް މުސާރަ ދިނުމެވެ. މިއީ ތަހުޒީބީ ގައުމުތަކުގައި އެކަން އޮންނަ ގޮތެއް ނޫނެވެ. މިއީ ގައުމެއް ކުރިއެރުވޭނެ ގޮތެއް ވެސް ނޫނެވެ. ބައެއް މިސާލުތަކަށް ބަލާލާއިރު ދުނިޔޭގެ މި ވަގުތު އިގުތިސާދީ އެންމެ ބޮޑު ބާރު ކަމަށްވާ އެމެރިކާގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބީ އެންމެ 14 ޕަސެންޓް މީހުންނެވެ. އަނެއް 86 ޕަސެންޓް އުޅެނީ ޕްރައިވެޓް ސެކްޓަރުގައެވެ. އެންމެ ބާރަށް ކުރިއަރާ އިގުތިސާދު ކަމަށްވާ, ޗައިނާއަށް ބަލާއިރު ސަރުކާރު ވަޒީފާތަކުގައި އުޅެނީ މަސައްކަތު އާބާދީގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ މީހުންނެވެ. އަނެއް 60 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ މީހުން އުޅެނީ ކުދި އަދި މެދު ފަންތީގެ ވަޒީފާތަކާއި ބޮޑެތި ކުންފުނިތައް ހިމެނޭ ޕްރައިވެޓް ސެކްޓާގައެވެ. ދިވެހި ސިޔާސީ މީހުން އެންމެ ބޮޑު މިސާލެއްގެ ގޮތުގައި ދައްކާ ސިންގަޕޫރަށް ބަލާއިރު އެ ގައުމުގެ މަސައްކަތު އާބާދީގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި އުޅެނީ އެންމެ 10 ޕަސެންޓެވެ. އަނެއް 90 ޕަސެންޓް އުޅެނީ ޕްރައިވެޓް ސެކްޓަރުގައެވެ. އޭގެ ހެޔޮ ނަތީޖާ އެ ގައުމުތަކުގެ އިގުތިސާދުން އެ ދަނީ ފެންނަމުންނެވެ. އަމިއްލަ ވިޔަފާރިތައް ކުރިއަރައިގެންނާއި އުފެއްދުންތެރިކަން އިތުރުނުވެ, އިގުތިސާދެއް ކުރިއެއް ނާރާނެއެވެ. އިގުތިސާދު ކުރި ނާރާނަމަ ގައުމު ތަރައްގީއެއް ނުވާނެއެވެ. ގައުމު ތަރައްގީނުވާނަމަ ހަމަ ޖެހޭނީ މިހާރު މިތިބި ގޮތަށް, ދަރައި ވިކިގެން ވެސް އަސާސީ ބޭނުންތައް ނުފުއްދައި ތިބޭށެވެ. ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މީހުންގެ ހެޔޮ ނިޔަތެއް ނޯންނަކަން އެ މީހުންގެ އަމަލުތަކުން ސާފުކޮށް ފެންނާނެއެވެ. އެ މީހުން ބަލާނީ ކޮންމެ ކަމަކުން ވެސް އެ މީހުންނަށް ފައިދާއެއް ނެގޭތޯއެވެ. ގައުމަށް ނުވަތަ މުސްތަގުބަލަށް ވާނެ ގެއްލުމަކަށް އެ މީހުން ނުވިސްނާނެއެވެ. މިއަދު މި ގައުމުން މި ފެންނަނީ އެތައް ސަރުކާރުތަކަކުން އެ ގޮތަށް އަމަލުކުރުމުގެ ހިތި ނަތީޖާއެވެ. ހެޔޮ ނިޔަތާއެކު ބަދަލުތަކެއް ބޭނުން! ގައުމަށް ހެވެއް އެދޭނަމަ, ޖީލެއް މިހެން ކަންނެތްކޮށް ނިމިދާން ދޫކޮށްލާން ހެޔޮ ނުވާނެއެވެ. އެ މީހުން ލައްވައި އޮއްޓަރު ހުރި މަސައްކަތެއް ކުރުވަން ޖެހެއެވެ. މަހަށް ވެސް ފޮނުވަންވީއެވެ. ދަނޑަށް ވެސް ފޮނުވަންވީއެވެ. އަދި، އަމިއްލަ އެކިއެކި ވިޔަފާރިތައް ކުރަން ސަރުކާރުން ލޯނުތައް ދީގެން ނަމަވެސް ޕޮރޮޑަކްޓިވިޓީ ނުވަތަ ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރަންވީއެވެ. މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވި ގޮތުގައި ސިންގަޕޫރަށާއި ދުބާއީއަށާއި އަބޫދާބީ ފަދަ ތަންތަންހެން ރާއްޖެ ތަރައްގީވާން ދިވެހީން ބޭނުންވެއެވެ. އެ މަގަށް މިސްރާބު ބެހެއްޓުމަށްޓަކައި މަސައްކަތްކޮށް އާމްދަނީ ހޯދުން މުހިންމު ކަމަށް ނާޒިމް ވިދާޅުވިއެވެ. "ރައްޔިތުންނަކީ ވެސް މަސައްކަތްކުރަން ކެރޭ، މުރާލި ބަޔަކަށް ވެސް ވާން އެބަޖެހޭ، މިހާރު ވަރަށް ގިނަ މީހުން ބޭނުންވަނީ ވަޒީފާ ވެސް ބޭނުންވަނީ މަސައްކަތްނުކުރާ ގޮތަށް. އެގޮތަށް ވަރަށް ސާފުކޮށް ބުނަން ވެސް ބުނޭ،" އޭނާ ވިދާޅުވިއެވެ. "އެހެންވީމާ މަސައްކަތްކުރަން ކެރޭ، ހެނދުނު މޯނިންވާ، ނިދައި ތެދުވެގެން މަސައްކަތްކުރަން ދާން ކެރޭ މީހުން ވެސް މުޖުތަމައަށް އެބަ ޖެހޭ އުފެދެން،" https://sun.mv/181623 މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މިނިވަން އޮޑިޓެއް ހެދުމެވެ. އެ އޮޑިޓްގެ ބޭނުމަކަށް ވާންވާނީ ސިވިލް ސާވިސްއާއި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ދައުލަތުން ޚަރަދުކުރާ އެހެން އިދާރާތަކުގައި ތިބި މުވައްޒަފުންގެ ސީދާ އަދާދާއި އެ މުވައްޒަފުންގެ ދައުރާއި މަސައްކަތުގެ ޕާފޯމަންސް ބެލުމެވެ. އެއަށް ފަހު އެތަނަށް ބޭނުންވަނީ ކިހާ އަދަދެއްގެ މުވައްޒަފުންކަމާއި ބޭކާރު ގޮތުގައި ކިތައް މީހުން ތިބިތޯ ދެނެގަތުން މުހިންމެވެ. އެއަށް ފަހު އެ މުވައްޒަފުން ވަކިކޮށް, ބޭނުންވާ ވަރަށް މުވައްޒަފުން ބައިތިއްބާނީއެވެ. މި މައްސަލައިގެ ހަގީގީ ހައްލު ގުޅިފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްގޮތަށް ޕްރައިވެޓް ސެކްޓަރު ރަނގަޅުކުރުމާއެވެ. ރާއްޖޭގައި ނަމަ އިންޑަސްޓްރީއަކަށް ވާވަރުގެ ކަމެއް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން އެކަންޏެވެ. އެ ދާއިރާއިން ރާއްޖެ ފަހުރުވެރިވާފަދަ މަސައްކަތްތަކެއް އަމިއްލަ މީހުން އެބަކުރެއެވެ. ނަމަވެސް، އެފަދަ އިތުރު ދާއިރާއެއް ނެތެވެ. އެހެންކަމުން ޕްރައިވެޓް ސެކްޓަރު ފުޅާކުރަން އިޚުލާސްތެރިކަމާ އެކު ސަރުކާރުތަކުން ފޯކަސްކުރަން ޖެހެއެވެ. އާބާދީގެ ބޮޑު ބައެއް, ކުރާނެ ކަމެއް ނެތި, ޖޯލިފަތިތަކުގައި ބައިތިއްބައިގެން ގައުމު ކުރިއެރުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެއީ، ސިޔާސީ އަމިއްލަ އެދުމަށްޓަކައި ހަމަ ޖީލެއް ހަލާކުކުރުމެވެ. ހެޔޮ ނިޔަތެއް އޮތްނަމަ މިކަން ހުއްޓާލަން ވެއްޖެއެވެ. ބޮޑެތި ދަރިން ލައްވައި ކަމެއް ނުކުރުވައި މައިންބަފައިން އެ މީހުން ބަލާ އުސޫލުން ގައުމެއް މިހެން ހިންގުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. މީގެ ހިތި ނަތީޖާ ކިތަންމެ ޖީލަކަށް ފޯރާނެއެވެ. އެހެންކަމުން ކުރާނެ ކަމެއް, ޒިންމާއެއް ނެތް މުވައްޒަފުން ތި ހޯދާ ހޯދުން ހުއްޓާލަން ވެއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ