ދެމަފިރިންގެ ގުޅުންވެސް ބަދަހިވެ ލޯބިވެ އިތުރުވާނީ އެކުގައި ވަޤުތުހޭދަކުރެވޭ ވަރަކުންނެވެ. އެކަން އޮތީ ދެމަފިރިންނަށް އެކަންޏެއް ނޫނެވެ. ދަރިންނަށްވެސް އެކަންހަމައެގޮތަށް އެބައޮތެވެ. ވަޤުތު ނުދޭތީ ދަރިން ޝަކުވާ ނުކުރުމަކީ އެކަމުގެ އަސަރު ދަރިންނަށް ނުކުރާ ކަމަށް ޤަބޫލުކުރަން އޮތް ސަބަބެއް ނޫނެވެ.
ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ މުސްކުޅިވާ ދުވަހު ދަރިން ވީހައި ގިނަ ވަޤުތު އެމީހުންނާއިއެކުގައި ހޭދަކުރުމެވެ. އަޅާލައި ލޯބިދިނުމެވެ. އެކުގައި ވާހަކަ ދައްކަން ގިނަ ވަޤުތު ހޭދަކުރުމެވެ.
މިހާރަކަށް އައިސް ތަނަވަސްކަން ލިބިއްޖެނަމަ ދަރިންގެ ކަންކަން ޙަވާލުކުރަނީ ނޯކަރުންނާއިއެވެ. މައިންބަފައިން ދަރިންނަށް ފެންނަނީވެސް މަދު ވަޤުތުކޮޅަކަށެވެ. މިއީ ވަރަށް ދެރަކަމެކެވެ.
މީގެ އިތުރުން ކުރިމަތިވާ މައްސަލައަކީ ގިނަ ޢާއިލާތަކަށް ލިބޭ އާމްދަނީ މަދުވުމުން ދެމަފިރިން އެކުގައި ވަޒިފާއަދާކުރަންޖެހުމެވެ. އެއީވެސް ދަރިންނާއިއެކު ވަޤުތު ހޭދަކުރަން ފުރުޞަތުކުޑަވެގެންދާ ކަމެކެވެ. އެންމެ ބޮޑު އެއް ސަބަބަކަށްވަނީ އިތުރުގަޑީގައި މަސައްކަތްކުރަންޖެހުމެވެ.
އަދި މިއަށްވުރެވެސް ބޮޑު މައްސަލައެއް ކުރިމަތިވެއެވެ. ވަޒީފާގެ ވަޤުތު ނިމުމުން ބޭކާރު ގޮތުގައި ވަޤުތު ހޭދަކުރާކަމެވެ. ކޮފީތަކުގަ އާއި އެކުވެރިންނާއިއެކު ތަންތަނަށް ދިއުމަށެވެ. މިއީވެސް ދަރިންނާއިއެކު ވަޤުތު ހޭދަކުރަން ލިބޭ ވަޤުތު މަދުވާ ސަބަބެކެވެ.
ވިސްނާށެވެ! މުސްކުޅިވުމުން ދަރިން ތިމާ އާއިއެކު ވަގުތު ހޭދަކުރަން އުންމީދުކުރާ ނަމަ ދަރިން ކުޑައިރު އެކުދިންނަށް ވަގުތުދޭށެވެ! އަޅައިލާށެވެ! މިއީ ހަމަ ތިލަފަތުގެ ދެކޮޅުގައި ކިރަން ޖެހޭނެ ކަމެކެވެ.
ވީމާ މިބަޔާންކުރި ކަންކަމަށް ކުރިއާލައި ވިސްނާށެވެ! މުސްކުޅިވާނެ ދުވަހަށް ކުރިއާލައި ތައްޔާރުވާށެވެ!
--އަލަފް / މިއަދުނޫސް
ދަރިން ކުޑައިރު ވަޤުތުނުދެވުމަކީ ޢުމުރުން ދުވަސްވުމުން ދަރިންގެ ވަޤުތު މައިންބަފައިންނަށް ނުލިބި ހިތާމަކުރަންޖެހިދާނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ