ޕައިލެޓަކަށްވުމުގެ އުއްމީދުގައި މަސައްކަތް ފެށީއްސުރެ، މަލާކަށް އެކަމުގައި ކުރިމަތިވީ ހުސް ގޮންޖެހުމާއި ހުރަސްތަކެވެ.
އައްޑޫގެ ފްލައިން ސްކޫލުގައި ޓްރޭނިން ހަދަމުން އައިސް އަހަރެއް ފަހުން އެތަން ދޫކޮށްލީ، އުދުހެން ފުރުސަތު ނުލިބޭތީ އެވެ. ދެން ބަދަލުވި ސްރީ ލަންކާގެ ސްކޫލު ވެސް ހަމަ އެފަދަ އެވެ. ކިޔެވުމުގެ ވަކި ހިސާބަކުން ބަލިވެ އިނދެ، އުދުހުން މެދުކަނޑާލަން ޖެހުނެވެ. ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާ އާއި އިގްތިސޯދީ އަނދަވަޅާ ވެސް އޭނާ ކުރިމަތިލާން ޖެހުނެވެ. މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ތާށިވެ، ކިޔެވުން ދިގުލައިގެން ދިޔަ އެވެ.
އެކަމަކު ކިޔެވުމުގެ ހަތް އަހަރުގެ ދިގު ދަތުރު ނިންމައި، މަލާކަށް މިހާރު ވަނީ ކާމިޔާބުގެ ކޮޅުމަތި ފެނިފަ އެވެ. އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އޭނާ މަސައްކަތަށް ނުކުންނާނީ، މަންޓާގެ ޕައިލެޓް ޔުނީފޯމުގަ އެވެ. ކެބިންކްރޫއަކުން ޕައިލެޓަކަށް ބަދަލުވި، މަންޓާގެ ފުރަތަމަ އަންހެން މުވައްޒަފުގެ ގޮތުގަ އެވެ.
"ޕައިލެޓްކަން ކިޔަވައިގެން އައިސް އަޅުގަނޑަށް މަންޓާއިން ވަޒީފާ ލިބުނީ ކެބިންކްރޫއެއްގެ ގޮތުގައި. އެއީ އެއް އަހަރު ކްރޫއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު ޕައިލެޓަކަށް އަޕްގްރޭޑްވާ ގޮތަށް،" މަލާކު، 30، ބުންޏެވެ.
"ޑިސެމްބަރު 1ގައި އަޅުގަނޑުވާނެ އެތަނުގެ ޕައިލެޓަކަށް. އެކަމަކު މިއީ ވަރަށް ދިގު، ވަރަށް ގިނަ ހުރަސްތައް ކުރިމަތިވި ދަތުރެއް."
ކުޑައިރުއްސުރެ މަލާކު ދުށް ހުވަފެނަކީ މަތިންދާބޯޓެއްގެ ހުންގާނުގައި ހިފައިގެން އިނދެ ދަތުރުކުރުމެވެ. މީގެ 12 އަހަރު ކުރިން، އޭރު އޮޕަރޭޓް ކުރަމުން ދިޔަ މެގަ މޯލްޑިވްސްގެ ކެބިންކްރޫގެ ވަޒީފާއަށް އޭނާ ނުކުތީ ވެސް އެ ހުވަފެން ދެކެމުންނެވެ. އެތަނުގައި ދެ އަހަރު މަސައްކަތް ކުރުމަށް ފަހު، އުމުރުން 22 އަހަރުގެ އެ ޒުވާނާ އައްޑުއަށް ދިޔައީ އޭނާގެ ދުވަސްވީ ހުވަފެނުގައި ކުލަ ޖެއްސުމަށެވެ.
އެކަމަކު ޕައިލެޓަކަށް ވުމުގެ ކުރިން އޭނާ ވީ މީހެއްގެ އަތްބަކަށެވެ. ދިރިއުޅުމުގެ ހުންގާނު އޭނާ ހަވާލުކުރީ، އައްޑޫގެ ފްލައިން ސްކޫލުގައި އެކުގައި ކިޔަވަން އުޅުނު އެކުވެރިއަކަށެވެ. ދިމާވިތާ އެންމެ ތިން މަސް ތެރޭގައި ކައިވެނިކުރީ، މަލާކު ބުނިގޮތުގައި، ދެ މީހުން ދެކޭ ހުވަފެންތަކާއި އުއްމީދުތައް އެއްގޮތްވުމުންނެވެ.
އެކުގައި އުދުހެން ތައްޔާރުވި ނަމަވެސް، ކުދިން ގިނަ އަދި އުޅަނދު މަދު އައްޑޫ ފްލައިން ސްކޫލުގައި އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. މަލާކު ބުނިގޮތުގައި އެތަނުގައި ހޭދަކުރި އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާއަށް އުދުހެން ލިބުނީ އެންމެ 16 ގަޑިއިިރެވެ. އެހެންވެ، އެ ދެމަފިރިން ނިންމީ، އެއަށް ވުރެ ފަހި ފުރުސަތެއް ހޯދަން ސްރީ ލަންކާއަށް ބަދަލުވާށެވެ.
އެކަމަކު އެ ގައުމުގައި އެ މީހުން އެންމެ ފުރަތަމަ ކިޔެވި ސްކޫލުގައި ވެސް ދިމާވީ ހަމަ އެ މައްސަލަ އެވެ. ދެން ޖެހުނީ އެހެން ތަނަކަށް ބަދަލުވެ އަލުން ކިޔެވުން ފަށާށެވެ. ނަމަވެސް ހަމަ އެ ދުވަސްވަރު އަލަތު ދަރިފުޅަށް ބަލިވެ އިނެވެ. އެހެންވެ، ދަރިފުޅު ވިހައި، ގަދަވަންދެން އޭނާ ދުވަސްތައް ހޭދަކުރީ ގޭގައި އިނދެގެން އިމްތިހާނުތައް ހެދުމުގަ އެވެ. ދޮޅު އަހަރު ވަންދެން އޭނާ އެހެން ކިޔެވި އެވެ.
"ދެން ބޭބީ ތަންކޮޅެއް ބޮޑުވީމާ ފިރިމީހާއާ ދެ މީހުން އެއްކޮށް ފްލައިކުރަން ފެށީ ޓާންސް ނަގައިގެން. އެކަކު ފްލައިކޮށްފައި އައިމަ އަނެކަކު ދާ ގޮތަށް،" މަލާކު ބުންޏެވެ.
ތުއްތު ކުއްޖެއް ބަލަމުން، ބީރައްޓެހި ގައުމެއްގައި، އެކަނިމާއެކަނި އެހެން ކިޔެވުމަކީ އެ މީހުންނަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު މަލާކު ބުނިގޮތުގައި ދަރިފުޅު ބެލުމުގެ ޒިންމާ ވެސް ދެ މީހުން އެއްވަރަކަށް ނެގި އެވެ. މަލާކު އުދުހެން ފަރިތަކުރަން ދާ ދުވަސްތަކުގައި ދަރިފުޅު ފެންވަރުވައި، ރީތިކޮށް، ކާންދީ ހުރިހާ ކަމެއް ކުރީ ފިރިމީހާ އެވެ. ދަންވަރު ދަރިފުޅު ހޭލައި ރޯން ފެށުމުން، އެ ކުއްޖާ ހޭހަން ކުރަން ފިރިމީހާ ވެސް ތެދުވެ އެވެ. ފިރިމީހާ އުދުހެން ދިޔުމުން ދަރިފުޅުގެ ހުރިހާ ކަމެއް ކުރީ މަލާކެވެ.
އެހެންވެ، ފަސޭހަ ނޫން ނަމަވެސް އެ މީހުންނަށް އެ ދަތުރު ވަރަށް ފުރިހަމަ އެވެ.
އެކަމަކު އަމާންކަމާ އެކު ކުރަމުން ދިޔަ އެ ދަތުރަށް އަނެއްކާވެސް ހުރަސް އެޅުނީ، 2019ގައި ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާ އެވެ. އެ ހަމަނުޖެހުންގަނޑުގެ ތެރޭގައި، ބިދޭސީ ދަރިވަރުންގެ އުދުހުންތައް ލަންކާ ސަރުކާރުން މަނާކުރި އެވެ. އެހެންވެ، އަނެއްކާވެސް އެ ދެމަފިރިންނަށް ޖެހުނީ އެ މީހުންގެ ކިޔެވުން މަޑުޖައްސާލާށެވެ.
"އެކަމުން ސަލާމަތްވި އިރު އޮތީ ކޮވިޑް ކުރިމަތިވެފައި. ދެން ޖެހުނީ އެނބުރި ރާއްޖެ އަންނަން. އެ ފަހަރު ވެސް ދެ އަހަރު ވާންދެން ފްލައި ނުކުރެވި ތިބެން ޖެހުނު،" މަލާކު ބުންޏެވެ.
ދެން ހުރިހާ ކަމެއް ރަނގަޅުވެ، އެ ފަހަރު ކިޔެވުން ފުރިހަމަ ކުރެވޭނެ ކަމުގެ އުއްމީދުގައި އަލުން އެ މީހުން ކިޔަވަން ފެށި އެވެ. އެކަމަކު މި ފަހަރު އެކަމަށް ހުރަސްއެޅީ، ލަންކާގެ އިގްތިސޯދީ ހާލަތެވެ. އެ ގައުމަށް ކުރިމަތިވި އިގްތިސާދީ ވެއްޓުމާ އެކު ބޭރު ފައިސާ ލިބުން ދަތިވެ، އިންޖީނުގެތައް ހިންގަން ބޭނުންވާ ތެޔޮ ނުލިބި، ގިނަ ވަގުތުތަކަކަށް ތަންތަނުން ކަރަންޓު ކަނޑަން ފެށުމުން އަނެއްކާވެސް އުދުހުމުން މަހްރޫމްވީ އެވެ.
ޕައިލެޓަކަށް ވުމުގެ އުއްމީދު މަޑުޖެހުނީ އެވެ.
"އަސްލު އެންމެ އުނދަގޫވީ، ޗުއްޓީއެއްގައި ރާއްޖެ އަޔަސް ގިނަ ބަޔަކު އަހާނެ ކޮބާ އަދިވެސް ކިޔަވާ ނުނިމޭހޭ. މީހުންނަކަށް އަންޑަސްޓޭންޑެއް ނުވާނެތާ އަޅުގަނޑުމެން ކިޔަވަން އުޅެން ޖެހޭ ހާލެއް،" މަލާކު ބުންޏެވެ.
އެ މީހުންގެ އެ ދިގު ދަތުރުގައި ކިޔެވުން ނިމުނީ ހަތް އަހަރު ފަހުންނެވެ. އެނބުރި ރާއްޖެ އައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ދެން ޖެހުނީ ވަޒީފާ ހޯދުމުގެ ހަނގުރާމައާ ކުރިމަތިލާށެވެ.
ޕައިލެޓްކަން ކިޔަވައިގެން ރާއްޖެ އައިތާ ހަ މަސް ފަހުން މަލާކަށް މަންޓާއިން ވަޒީފާ ލިބުނީ ކެބިންކްރޫއެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އެ މީހުންގެ ހުށަހެޅުމަކީ އަހަރެއްހާ ދުވަސް ފަހުން ޕައިލެޓަކަށް ޕްރޮމޯޓްވުމެވެ. މަސައްކަތް ފަށައިގަންނައިރު، ބޯޓުގެ އޮޕަރޭޝަނަލް ކަންކަމާއި އެހެން ކަންކަމަށް ފަރިތަވާން ލިބޭ އެ ފުރުސަތު މަލާކަށް ކަމުދިޔަ އެވެ.
އެހެންވެ އޭނާ ވީ މަންޓާގެ ފުރަތަމަ އަންހެން ޕައިލެޓް ކެޑޭޓަށެވެ.
މަލާކުގެ ފިރިމީހާ މަސައްކަތް ކުރަނީ ޓީއެމްއޭގެ ޕައިލެޓަކަށެވެ. މިހާރު އަށް އަހަރަށް އެޅިފައިވާ ދަރިފުޅުގެ ކަންކަމުގައި އުޅެނީ ދެ މީހުން ބަހާލައިގެންނެވެ. މަލާކު ޑިއުޓީއަށް ނުކުތުމުން، ދަރިފުޅުގެ ކަންކަން ފިރިމީހާ ކުރެ އެވެ. ދެ މީހުންގެ މަސައްކަތުގެ ވަގުތު ދިމާވެއްޖެ ނަމަ، ދެ ފަރާތުގެ އާއިލާއިން ދަރިފުޅުގެ ކަންކަމާ ހަވާލުވެ އެވެ.
"ފިރިމީހާ ވެސް، ދެ ފަރާތުގެ އާއިލާ ވެސް ވަރަށް ރަނގަޅު ވީމާ މިހާ ދިގު ދަތުރެއް މި ނިންމާލެވުނީ. އެކަމަކު ހަގީގަތުގައި މިހެން އުޅެން ޖެހުނީމަ ފިރިމީހާއާ އޮންނަ ގުޅުން ވެސް ވަރުގަދަވި. މި ދަތުރު ކާމިޔާބުވީ، ހިތްވަރު އެލުވާ ނުލައި ކުރިއަށް ދިޔައިމަ،" މަލާކު ބުންޏެވެ.
އޭނާ ދައްކައިދިނީ މިސާލެކެވެ؛ ހުވަފެނެއް ހަގީގަތަކަށް ހަދަން ގޮންޖެހުންތައް ކުރިމަތިވާނެ ކަމާއި އެކަންކަމާ ކުރިމަތިލާން ކެރިއްޖެ ނަމަ އޭގެ ނަތީޖާ ވެސް ފޮނިވާނެ ކަމެވެ. އޭނާ ކިޔައިދިނީ، ކޮންމެ ޒިންމާއެއް މަތިިވިޔަސް ހުވަފެން ދުށުން ހުއްޓާނުލުމަށެވެ.
ޕައިލެޓަކަށް ވުމަށް ކުރި ދިގު ދަތުރު: މަލާކު ބުނެދިނީ ވާނެކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ