ޔޫކްރެއިންގެ ސަރައްދުން ބައެއް ދޫކޮށްލާކަށް ތައްޔާރެއް ނޫން: ޒެލެންސްކީ ޔޫކްރެއިންގެ ސަރައްދުން ބައެއް ދޫކޮށްލާކަށް ތައްޔާރެއް ނޫން: ޒެލެންސްކީ

ޔޫކްރެއިން ހަނގުރާމަ ނިންމުމަށް ކަމަށް ބުނެ، އެމެރިކާއިން ހުށަހަޅާފައިވާ ޕްލޭނުގައި ހިމަނާފައިވާ "މުހިންމު ފިޔަވަޅުތަކަށް" މަރުހަބާ ވިދާޅުވުމާއެކުވެސް، ރަޝިއާއިން ހިފާފައިވާ އިރުމަތީ ޔޫކްރެއިނުގެ ސަރަހައްދުތައް ދޫކޮށްލުމަށް ހިމަނާފައިވާ ހުށަހެޅުމަށް އެއްބަސްވެވެން ނެތްކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ރަޝިޔާއާ ދެކޮޅު ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން އެމެރިކާއާއި ޔޫކްރެއިނުގެ އޮފިޝަލުން އާދީއްތަ ދުވަހު ސުވިޒަލެންޑުގައި ބައްދަލުކުރެއްވުމަށްފަހު، ދެފަރާތުގެ އޮފިޝަލުންވެސް ވިދާޅުވީ "ކުރިއެރުން" ލިބުނު ކަމަށާއި، މަސައްކަތް ކުރިއަށް ގެންދިއުމުގެ އަޒުމުގައި ތިބި ކަމަށެވެ.
ނަމަވެސް، ސަރަހައްދީ މައްސަލަތަކާއި ޔޫކްރެއިނަށް ސަލާމަތީ ޔަގީންކަން ދިނުމާ ގުޅޭގޮތުން މޮސްކޯއާއި ކިޔެވްއާ ދެމެދު ހުރި ބޮޑެތި ހިޔާލު ތަފާތުވުންތައް ކުޑަކުރާނެ ގޮތަކާ ބެހޭ އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުވެ އެވެ.
މިހާރު ބެލެވެނީ، ޒެލެންސްކީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގޮތް ނިންމަން ދަތި މައްސަލަތަކާ ބެހޭގޮތުން ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
ހާއްސަކޮށް ސަރަޙައްދީ އެއްބައިވަންތަކަމުގެ މައްސަލައަކީ ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދުގައި ހިޔާލު ތަފާތުވާ މައިގަނޑު ނުކުތާއެކެވެ. ރަޝިޔާގެ އުދުވާނީ އަމަލުތަކުގެ ސަބަބުން ބާރުގެ ބޭނުންކޮށްގެން ހިފާފައިވާ ބިންތަކަށް 'އިނާމެއް' ދެވިގެން ނުވާނެ ކަމަށާއި، އެގޮތަށް ވެއްޖެނަމަ އެ ގާއިމުކުރެވެނީ ރަނގަޅު މިސާލެއް ނޫންކަމަށް ޒެލެންސްކީ ތަކުރާރުކޮށް ވިދާޅުވެފައި ވެ އެވެ.
ޖެނީވާގައި ބޭއްވުނު މަޝްވަރާތައް ނިމުމަށްފަހު، ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ "ރަނގަޅު ކަމެއް ވެދާނެ" ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ އެމެރިކާއިން ހުށަހެޅި 28 ނުކުތާގެ ސުލްހައިގެ ކަރުދާހަށް ދެފަރާތުން ވެސް އެއްބަސްވުން ކަމުގައި ބެލެވެ އެވެ.
ސުވިޒަލެންޑުގައި ބޭއްވުނު މި ބައްދަލުވުމުގައި ރަޝިޔާގެ ފަރާތުން ބައިވެރިއެއް ނުވެ އެވެ. އަދި މަޝްވަރާތަކުގެ ނަތީޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ރަޝިއާއިން ބުނެ އެވެ. ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ފާހަގަކުރެއްވީ، ޕޫޓިން ކުރިން މަރުހަބާ ވިދާޅުވެފައިވާ ރޭވުމަށް "ބަދަލުތަކެއް" ގެނެސްފައިވާކަން މޮސްކޯއަށް އެނގިފައިވާ ކަމަށެވެ.
އެމެރިކާއިން ހުށަހެޅި 28 ނުކުތާގެ ސުލްހައިގެ ހުށަހެޅުން ޔޫކްރެއިނަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގަ އެވެ. އޭގެ ބައެއް ކަންތައްތައް މޮސްކޯއިން ކުރިންވެސް ދައްކަމުން އައި މަސްލަހަތުތަކަށް ބޮޑަށް ބުރަވެފައިވުމުން، ކިޔެވްއާއި އެކިޔެވްގެ ޔޫރަޕުގެ އެކުވެރިންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.
ޔޫކްރެއިނުން ބުރާސްފަތި ދުވަހާ ހަމައަށް އެއްބަސްވުން ގަބޫލުނުކުރާނަމަ އެމެރިކާގެ އެހީތެރިކަން ވަރަށް ބޮޑަށް ކުޑަވާނެކަމަށް ޓްރަމްޕް ދެއްކެވި ވާހަކަތަކުގެ ސަބަބުން އެކަމަށް އަވަހަށް ގޮތެއް ނިންމުމަށް ޔޫކްރެއިނާއި އެމެރިކާގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތައް ބޭއްވުނެވެ.
އާދީއްތަ ދުވަހުގެ ހަވީރުގެ ނިޔަލަށް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، މަޝްވަރާތަކުގައި "ވަރަށް ބޮޑު" ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. "އަހަރެން ހަމަގައިމުވެސް ގަބޫލުކުރަނީ ކާމިޔާބަކާ ހަމައަށް ވާސިލުވެވޭނެކަމަށް،" އޭނާ ވިދާޅުވި އެވެ.
2022 ވަނަ އަހަރު ޔޫކްރެއިނަށް ފުޅާދާއިރާއެއްގައި އަސްކަރީ ހަމަލާދިނުމުގެ ކުރިމަތިލުން ފެށިފަހުން، ރަޝިޔާއިން ވަނީ ޑޮނެޓްސްކް އަދި ލުހާންސްކް ސަރަހައްދުތައް ހިމެނޭހެން އިރުމަތީ ޑޮންބާސް ސަރަހައްދު ޔޫކްރެއިނުން މުޅީން ދޫކޮށްލުމަށް ގޮވާލައި އެކަމަށް ބާރު އަޅަމުންނެވެ.
މިދިޔަ ހަފްތާގައި ހުށަހެޅުނު 28 ނުކުތާގެ ހުށަހެޅުމުގައި ޔޫކްރެއިނުގެ އަސްކަރީ ބާރުތަކުން އެބާރުތަކުގެ ބާރުގެ ދަށުގައިވާ ޑޮނެޓްސްކްގެ ބައި ދޫކޮށްލުމަށް ވަނީ ހިމަނާފަ އެވެ. ހުށަހެޅުމުގައި އޮތްގޮތުން އެ ސަރަހައްދު ވެގެންދާނީ "ބައިނަލްއަގުވާމީ ގޮތުން ރަޝިޔާގެ ސަރަހައްދެއްގެ ގޮތުގައި ގަބޫލުކުރެވޭ" އަދި އަސްކަރީ ހަރަކާތްތައް ނެތް، ބަފަރ ޒޯނެއްގެ ކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ