ޓެކްސީތަކުން ބޮޑުކޮށް އަގު ނަގާނަމަ، ލައިސެންސް ބާތިލުކުރެވޭ ގޮތް ހަދަނީ
އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ޓެކްސީތަކުން މީހުންގެ އަތުން، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ނަގާނަމަ އެ މީހެއްގެ ލައިސެންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ލިބޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ. މި ހަފުތާގެ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލުގެ އިބުތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ. އެ ބިލުގައި ވަނީ އާންމު ދަތުރުފަތުރުގެ ޚިދުމަތް ނުވަތަ ޓެކްސީ ކުރެވޭނެ ވަކި އަގުތަކެއް މިނިސްޓްރީއަށް ކަނޑައެޅޭނެކަން ބަޔާންކޮށްފައެވެ. އެ އަގުތަކާ ޚިލާފުވެއްޖެ ނަމަ، ލައިސެންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ވެސް ބިލުގައި މިނިސްޓްރީއަށް ދީފައިވެއެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ އަސާސީ މިންގަނޑަކާއި ޝަރުތުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެ ގޮތުން، މިނިސްޓްރީން ކަނޑައަޅާ ސުލޫކީ މިންގަނޑަށް ތަބާވުމާއި، އަގު ކޮންޓްރޯލްކުރުމުގެ އުސޫލަށް ތަބާވުމާއި، ޚިދުމަތް ލިބިގަންނަ ފަރާތުގެ ޒާތީ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން ހިމެނެއެވެ. https://sun.mv/214514 ޓެކްސީތަކުގެ ލައިސެންސް ހިފެހެއްޓޭ ނުވަތަ ބާތިލުކުރެވޭނެ ހާލަތްތައް: ގާނޫނަކާއި ނުވަތަ ގަވާއިދަކާ ޚިލާފުވުން ލައިސެންސްގައި ކަނޑައަޅާފައިވާ ޝަރުތުތަކާ ޚިލާފުވުން ދައްކަންޖެހޭ ފީއާއި ޖޫރިމަނާ ނުދެއްކުން މިނިސްޓްރީގެ އެންގުމަކަށް ތަބާނުވުން މިނިސްޓްރީން ކަނޑައަޅާ އަގުތަކާ ޚިލާފުވުން އެކަމަކު، އެ ފަދައިން އެއްވެސް މީހެއްގެ ލައިސެންސް ބާތިލުކުރެވޭނީ އިސްލާހުކުރަން އެންގުމަށް ފަހު، އެކަށިގެންވާ މުއްދަތެއްގައި އެކަން އިސްލާހުނުކުރާ ނަމައެވެ. އެކަމަކު، މައްސަލައިގެ ކުޑަބޮޑު މިނާއި ތަކުރާރުވެފައިވާ މިންވަރަށް ބެލުމަށް ފަހު، އިސްލާހުކުރަން އެންގުމަކައިނުލާ ލައިސެންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ އިޚުތިޔާރު ވެސް މިނިސްޓްރީއަށް ވަނީ ދީފައެވެ. https://sun.mv/211501 ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު ވެސް ޓެކްސީތަކަށް ވަކި ޚާއްސަ އަގުތަކެއް ކަނޑައަޅާފައިވެއެވެ. އެކަމަކު، ބައެއް ޑްރައިވަރުން އެ އަގުތަކާ ޚިލާފުވާކަމުގެ ޝަކުވާ ދޭތެރެއަކުން ފެންމަތިވެއެވެ. އަދި، އާންމު ދަތުރުފަތުރުކުރުމުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރަން ކަމަށް ބުނެ، ސަރުކާރުން އަންނަނީ ޓެކްސީ ލައިނެއް ފަށަން ތައްޔާރުވަމުންނެވެ. އެކަން ކުރާނީ މިހާރު ޓެކްސީ ކުރާ މީހުންނަށް ގެއްލުންނުވާނެ ގޮތަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ކަމާ ގުޅިގެން ޓެކްސީ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ