ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ކައުންސިލް ފެންވަރުގައި ކުރަން ޖެހޭ ގިނަ ކަންކަން ކުރެވިފައި ނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފި އެވެ.
އަންގާރަ ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލުގައި މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި އިވެންޓުގައި އެ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިޔާލު ހިއްސާކުރި ގިނަ މީހުން ވަނީ ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް އެދިފަ އެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކަށް ކައުންސިލް މެދުވެރިކޮށް ހައްލު ހޯދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ގިނަ ވާހަކަތަކުން ފާހަގަވީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭ މާލޭގެ ލޯކަލް ލެވެލްގައި ކައުންސިލުން ކުރަން ޖެހޭ ގިނަ ކަންކަން ނުކުރެވި ހުރީމައޭ، މަގު މަރާމާތު ނުކުރެވެނީ، އާޓިފިޝަލް ބީޗުގައި ފެން މާގަނޑު ހަލާކުވީ، މިހެން ގޮސް ޕާކުތަކުގެ މައްސަލަތައް،" މުއިއްޒު ވިދާޅުވި އެވެ.
އެއީ ކައުންސިލްތަކުން ފުރިހަމަ ކުރަން ޖެހޭ ކަމެއް ކަމަށާއި އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު އެ ކަންކަން ބެލެހެއްޓެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނޮވެމްބަރު 17، 2023، ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވުމުގެ ކުރިން މުއިއްޒު ހުންނެވީ މާލޭގެ މޭޔަރަކަށެވެ.
މުއިއްޒުއަށް ފަހު މޭޔަރުގެ ޒިންމާތައް އަދާކުރެއްވީ އޭރުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ. ޖެނުއަރީގައި ބޭއްވި މޭޔަރު ބައި-އިލެކްޝަން ކާމިޔާބުކޮށް މޭޔަރުގެ މަގާމުގައި މިވަގުތު ހުންނެވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އާދަމް އާޒިމް އެވެ.
ކައުންސިލަށް ކަންކަން ނުކުރެވޭނަމަ މާލޭގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަންނާނެ ކަމަށް މުއިއްޒު އެ ރޭ ވިދާޅުވި އެވެ. ސިޓީ ކައުންސިލަކީ އާމްދަނީ ލިބޭ ތަނެއް ކަމަށާއި އެ ކައުންސިލަށް އެފަދަ މަސަައްކަތްތައް ކުރެވެން ވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މަރާމާތަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް. ޓޯޓަލް ޑިވެލޮޕްމަންޓަކަށް ދިޔުން ސަރުކާރުން މި ކުރަނީ. އެހެންވީމާ މަރާމާތު ލެވެލްގެ ކަންކަން މި ތަނުން ބޭފުޅަކު ފާހަގަކުރެއްވި ވެސްޓް ޕާކު ސަރަހައްދުގެ ވާހަކަ، އެ ތަން އެއްކޮށް ހަލާކުވެފައި އެ އޮތީ،" މުއިއްޒު ވިދާޅުވި އެވެ.
ކައުންސިލްގެ މަސައްކަތްތަކަށް މުއިއްޒު ފާޑުވިދާޅުވިއިރު ކައުންސިލް ހިނގަމުން ދަނީ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ.
ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލަށް މިދިޔަ ދެ އަހަރު ގިނަ ކަންކަން ނުކުރެވޭ ކަމަށް މުއިއްޒު އެއްބަސްވެއްޖެ ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލަށް މިދިޔަ ދެ އަހަރު ގިނަ ކަންކަން ނުކުރެވޭ ކަމަށް މުއިއްޒު އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ