ސްރީ ލަންކާއަށް މޫސުން ގޯސްވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 31 މީހުން މަރުވެއްޖެ
ސްރީ ލަންކާއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެންގޮސް 31 މީހުން މިހާތަނަށް މަރުވެއްޖެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ރިޕޯޓުކޮށްފައިވާ އެކި ހާދިސާތަކުގައި 14 މީހުން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށްވެސް ލަންކާ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ލަފާކޮށް ރެޑް އެލާޓްވެސް އެ ގައުމުގެ މުސުމާބެހޭ ގައުމީ އިދާރާއިން ވަނީ ނެރެފައެވެ. މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން 17 ސަރަހައްދަކުން ޖުމްލަ 4008 މީހުންނަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު، ޑީއެމްސީން ހާމަކުރާ ގޮތުގައި 41 އާއިލާއަކުން 131 މީހުން މިހާރު ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފައެވެ. އަދި 136 އާއިލާއަކުން 472 މީހުން ގާތްތިމާގެ މީހުންގެ ގެތަކަށް ބަދަލުކޮށްފައިވެއެވެ. ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ. އެ ކޮޅިގަނޑުގެ އަސަރު ކުރިއަށްއޮތް 12 ގަޑިއިރު ތެރޭގައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރު ރާއްޖެއަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ