ޗައިނާއިން ޖައްވުގައި ގާއިމުކޮށްފައިވާ ޖައްވީ ސްޓޭޝަން ޓިއަންގޮންގްގައި ތާށިވެފައި ތިބި ތިން ފަޅުވެރިންނަށް އެނބުރި ބިމަށް އާދެވޭނެ ގޮތެއް ނެތި ތާށިވެފައި ތިބޭތާ ދިހަ ދުވަސް ފަހުން، އެމީހުން ބިމަށް އަންނާނޭ އުޅަނދެއް، މިދިޔަ ހޯމަ ދުވަހު ޗައިނާއިން ޖައްވަށް ފޮނުވައިފިއެވެ.
ފަޅުވެރިން ޖައްވުގައި ތާށިވި ކަމަށް ބުނެއުޅެނީ، އެމީހުން ގާއިމުވެ ތިބޭ ތަނެއްގައި ކުއްލި ނުރައްކަލެއް މެދުވެރިވެއްޖެ ހާލަތެއްގައި، އެ ތަނަކުން ނުކުމެ ވަންނާނެ އެހެން ތަނެއް ނެތް ހާލަތެއް މެދުވެރިވުމުންނެވެ. ޖައްވީ އުޅަނދު ޝެންޒޫ-21ގެ ފަޅުވެރިންނަށް މިހާލަތު މެދުވެރިވީ އެމީހުން ޖައްވީ ސްޓޭޝަނަށް ދިޔައިރު، އެ ސްޓޭޝަންގައި ތިބި، ޖައްވީ އުޅަނދު ޝެންޒޫ-20ގެ ފަޅުވެރިން، ޝެންޒޫ-21ގައި އެނބުރި ބިމަށް އަންނަން ޖެހުމުންނެވެ. ޝެންޒޫ-20ގެ ފަޅުވެރިން، ޝެންޒޫ-21ގައި ބިމަށް އަންނަން ޖެހުނީ، ޝެންޒޫ-20ގެ ފަޅުވެރިން ޖައްވީ ސްޓޭޝަނަށް ދިޔަ އުޅަނދަށް ގެއްލުންތަކެއް ލިބުނުކަމަށް ތުހުމަތުކުރެވޭތީ، އޭގައި އެނބުރި ބިމަށް އައުން ރައްކާތެރި ނޫން ކަމަށް ބެލެވުމުންނެވެ.
ޗައިނާގެ ޖައްވީ އިދާރާއިން ބުނި ގޮތުގައި ޖައްވީ ސްޓޭޝަންގައި ބަނދަރުކޮށްގެން އޮއްވައި، ޝެންޒޫ-20ގައި، ޖައްވީ ކުނިގަނޑެއް ޖެހުމުގެ ސަބަބުން، އޭގެ ބޭރު ފަށަލައަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން، އެ އުޅަނދު އެނބުރި ބިމަށް އައުމުގެ ދަތުރުގައި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެގެން އަންނައިރު، އޭގައި ހުޅުހިފައި އެނދުމުގެ ފުރުސަތު އޮތުމުން، އެ އުޅަނދުގެ ބަދަލުގައި ފަޅުވެރިން ބިމަށް ގެންނަން ޝެންޒޫ-21 ބޭނުންކުރަން މަޖުބޫރުވީއެވެ.
ޖައްވީ ސްޓޭޝަނަކަށް ބަޔަކު ދަތުރުކޮށްފިއްޔާ، އެ ބަޔަކު އެނބުރި ބިމަށް އަންނާނެ އުޅަނދެއް، ނުވަތަ ކުއްލި ނުރައްކަލެއް ދިމާވެއްޖެ ނަމަ، ސްޓޭޝަނުން ނުކުމެ ވަންނާނެ އެހެން އުޅަނދެއް، ޖައްވީ ސްޓޭޝަންގައި އަބަދުވެސް ބާއްވައެވެ. ނަމަވެސް ޝެންޒޫ-20ގެ ފަޅުވެރިން ޝެންޒޫ-21 ގައި އެނބުރި ބިމަށް އައުމުން، ޝެންޒޫ-21ގެ ފަޅުވެރިން، ޖައްވީ އުޅަނދަކާ ނުލައި ޖައްވުގައި ތިބޭތާ 10 ދުވަސް ވެއްޖެއެވެ.
ޝެންޒޫ-21 ގެ ފަޅުވެރިންނަށް، މިދިޔަ ހޯމަ ދުވަހު ފޮނުވީ ޝެންޒޫ-22 އެވެ. މީހަކު ނުލައި ފޮނުވި މި އުޅަނދު މިހާރު ވަނީ ޗައިނާގެ ޖައްވީ ސްޓޭޝަންގައި ބަނދަރުކޮށްފައެވެ. މި އުޅަނދުގައި އެނބުރި ބިމަށް ދަތުރުކުރާނީ، އޮކްޓޫބަރު 31ގައި ޖައްވީ ސްޓޭޝަނަށް ގޮސް ތިބި ތިން ފަޅުވެރިން ކަމަށްވާ ޒާންގް ލޫ، ވޫ ފެއި އަދި ޒާންގް ހޮންގްޒާންގް އެވެ. މި ތިން މީހުން އެނބުރި ބިމަށް އައުމަށް ހަމަޖެހިފައިވަނީ، ހަ މަސް ދުވަހުގެ ޑިއުޓީ ނިމުމުން، 2026 ވަނަ އަހަރުގެ އެޕްރީލް ފަހުކޮޅު ނުވަތަ މެއި ކުރީ ކޮޅުގައެވެ.
ޝެންޒޫ-20ގެ ފަޅުވެރިން އެމީހުންގެ ޑިއުޓީގެ މުއްދަތު ހަމަކުރުމަށް ފަހު، ޝެންޒޫ-21ގެ ފަޅުވެރިންނާ މަސައްކަތްތައް ހަވާލު ކުރުމަށް ފަހު، އެނބުރި ބިމަށް އައުމުގެ ދަތުރު ފެށުމަށް ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެމީހުން ދަތުރު ނިންމާފައި ބިމަށް އައުމަށްޓަކައި ޖައްވީ އުޅަނދު ޝެންޒޫ-20 އަށް އަރަން ތައްޔާރުވަނިކޮށް، ޖައްވީ ސްޓޭޝަންގެ މައި އިދާރާއިން އެންގީ، އެ އުޅަނދުގައި ދަތުރުކުރުން ރައްކާތެރި ނޫން ކަމަށެވެ.
ޖައްވީ ކުނިގަނޑެއް ޖެހުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ޝެންޒޫ-20 މިހާރު ވެސް އޮތީ ޗައިނާގެ ޖައްވީ ސްޓޭޝަންގައި ބަނދަރު ކޮށްފައެވެ. ބެލެވޭ ގޮތުގައި އެ އުޅަނދު ދެން ބޭނުންކުރާނީ އެނޫން އެހެން ގޮތެއް ނެތިއްޔާއެވެ. ފަހަރެއްގައި ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި، އެ އުޅަނދު ޖައްވީ ސްޓޭޝަނުން ވަކިކޮށްލައި ކުނިބުނީގެ އޯބިޓަކަށް ދޫކޮށްލުމަކީ ނުވަތަ ބިމަށް ވެއްޓެން ދޫކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޖައްވުގައި ތާށިވި ޗައިނާގެ ފަޅުވެރިންނަށް އަމާން އުޅަނދެއް ލިބިއްޖެ ޖައްވުގައި ތާށިވި ޗައިނާގެ ފަޅުވެރިންނަށް އަމާން އުޅަނދެއް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ