ޔާމީންގެ ސަރުކާރުގައި ކޯޑިނޭޓަރުކަން ކުރެއްވި ޝަމްއޫނު، ޔޫތު މިނިސްޓްރީގެ ނައިބަކަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދެ މިނިސްޓްރީއެއްގެ ކޯޑިނޭޓަރުކަން ކުރެއްވި އަހުމަދު ޝަމްއޫން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކޮށްފިއެވެ. ޔޫތު މިނިސްޓްރީގައި މިހާރު ވެސް ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާކަން، ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުން އެނގެން އޮތްއިރު، ޝަމްއޫން އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހެވެ. އެއީ 35،000 ރުފިޔާގެ މުސާރައެއް ލިބޭ މަގާމެކެވެ. ގާނޫނީ ވަކީލެއް ކަމަށްވާ ޝަމްއޫން ވަނީ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރުކަން 2014އިން 2015އަށް އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ކޯޑިނޭޓަރުކަން 2015އިން 2018އަށް ކުރައްވާފައެވެ. އޭނާ ޕީޕީއެމްގެ އެންމެ ފުރަތަމަ ގޮފި މަތި އަނގޮޅި ގޮފީގެ ރައީސްކަން ކުރައްވާފައިވާއިރު، ޑިސެމްބަރު 29، 2018ގައި ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމަށާއި ރިޔާސީ އިންތިޚާބަށް ކުރެއްވި ކެމްޕޭނުގައި ވެސް އޭނާ ހަރަކާތްތެރިވެފައިވެއެވެ. މިދިޔަ އަހަރު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާ މައްޗަން ގޯޅި މެދު ދާއިރާގެ ޕީއެންސީގެ ޓިކެޓް ހޯދަން ވާދަކުރެއްވިއެވެ. ނަމަވެސް އެ ޓިކެޓް ކާމިޔާބު ކުރެއްވީ މުހައްމަދު އަބްދުލްގާދިރެވެ. އަދި އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޒަމީރު ނަމަވެސް ފަހުން އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. https://sun.mv/214395 މި ސަރުކާރުގައި ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރު ނުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ. ނަމަވެސް ސިޔާސީ މަގާމުތައް 3،000އަށް ވުރެ އިތުރު ކަމަށް ބުނެ އިދިކޮޅުން އަންނަނީ ފާޑުކިޔަމުންނެވެ. ސަރުކާރުން މިދިޔަ ޖުލައި މަހު ހާމަކުރި ހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރުގައި އޭރު ވެސް 922 ސިޔާސީ މުވައްޒަފުން ތިއްބެވިއެވެ. އޭގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން ތިބި ކަމަށް އެ ހިސާބުތަކުން ދައްކާއިރު، މިހާރު އެ އަދަދު އެއަށްވުރެ އިތުރުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ