މޫޑީސްއިން ރާއްޖޭގެ ރޭޓިން އައުޓްލުކް 'ނެގެޓިވް'އިން 'ސްޓޭބަލް'އަށް ބަދަލުކޮށްފި

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި ކުރިން އޮތް 'ނެގެޓިވް' އައުޓްލުކް 'ސްޓޭބަލް'އަށް މިއަދު ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2އަށް ބަދަލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. އެ ފަހަރު، ރާއްޖޭގެ މާލީ ހާލަތާއި އިގްތިސާދު އޮންނާނެ ގޮތް ނުވަތަ އައުޓްލުކަށް ދިނީ 'ނެގެޓިވް' އެވެ.
ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި އައުޓްލުކް 'ނެގެޓިވް' އިން 'ސްޓޭބަލް'އަށް މަތިކުރިކަން މޫޑީސް އިން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ތަފްސީލް - ރޭޓިންއާ އެކު މޫޑީސް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ މާލީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދު ހާލަތު ރަނގަޅުވުމެވެ. އޭގެ ތެރޭގައި މޫޑީސް އިން ފާހަގަކޮށްފައިވަނީ:
ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކްސް އާއި ފީ، ގްރީން ޓެކްސް އަދި ޓީ-ޖީއެސްޓީގެ ރޭޓުތައް ބޮޑުކޮށް، އާމްދަނީ އިތުރުކުރުން
ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުން
މިދިޔަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި ބޭރު ފައިސާގެ ބެލެންސް 15 މިލިއަން ޑޮލަރުގައި ހުރިއިރު، މި މަހުގެ 9ގެ ނިޔަލަށް އެ އަދަދު 126 މިލިއަން ޑޮލަރަށް އިތުރުވުން
ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ހަރަދުތައް ކޮންޓްރޯލްކޮށް، މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް
އިންޑިއާ ފަދަ ގައުމުތަކުން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ލައިނާއި ކަރަންސީ ސްވޮޕް ފަދަ އެހީ
މޫޑީސް އިން ބުނީ އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އެހެނިހެން ދަރަނިތަކުގެ ގޮންޖެހުންތައް އަދިވެސް ރާއްޖެއަށް އެބައޮތް ކަމަށެވެ. ރިޒާވް އާއި އެސްޑީއެފް ރަނގަޅުވުމުގެ ސަބަބުން އެ ދަރަނި ދެއްކުން ފަސޭހަވާނެކަން އެ ތަނުން ފާހަގަކުރި އެވެ.
ބުނީ ކީކޭ؟ - ރޭޓިންއާ އެކު ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އައުޓްލުކް 'ސްޓޭބަލް'އަށް ބަދަލުކުރުމަކީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކާ އަދި މިހާރު ވެސް ތަންފީޒުކުރަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެއް ކަމަށެވެ.
ދަރަނި ބޮޑުވުމުގެ ހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައިވާކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ.
ގުޅުން ހުރި - މޫޑީސްގެ އިތުރުން ރާއްޖެއަށް ދެން ކްރެޑިޓް ރޭޓިން ދެނީ ފިޗުންނެވެ. އެ ތަނުން މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ'ގައި ދަމަހައްޓާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ