މާލޭ ވޮކޭޝަނަލް ހައި ސްކޫލް (އެމް.ވީ.އެޗް.އެސް) ރަސްމީކޮށް ހުޅުވައިފިއެވެ.
މި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢުއެވެ.
ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އުއްމީދުގެ އައު ދޮރެއް ހުޅުވައިދީފައިވާ މި ސުކޫލަކީ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން، އެކަޑެމިކް ދާއިރާއަށްވުރެ ބޮޑަށް ޢަމަލީ އަދި ސިނާޢީ ދާއިރާތަކަށް ޝައުޤުވެރިކަން ހުރި ދަރިވަރުންނަށް އަމާޒުކޮށްގެން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.
މި ހައި ސްކޫލް ހުޅުވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ބޭނުންވާ ޢަމަލީ ހުނަރާއި ތަމްރީނު ލިބިފައިވާ ޒުވާނުން އުފެއްދުމެވެ.
އެމް.ވީ.އެޗް.އެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކެޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މި ސްކޫލުން ކިޔަވާ ނިންމާ ދަރިވަރުންނަށް، ޔުނިވަރސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި ކިޔަވާ ނިމޭއިރު ޢަމަލީ ތަމްރީނު ލިބިފައިވުމާއެކު ސީދާ ވަޒީފާގެ ބާޒާރަށް ވެސް މި ދަރިވަރުންނަށް ދެވޭނެކަމަށެވެ.
މި ސްކޫލުން ކިޔަވައިދޭނީ ހައި ސްކޫލްގެ މޮޑެލްއަކަށް އެއް ދަންފަޅިއަކަށެވެ. ނަމަވެސް ހަމައެކަނި ފޮތުން ކިޔެވުމުގެ ބަދަލުގައި، އަތްމަތީ މަސައްކަތްތައް ދަސްކޮށް، ވަޒީފާގެ ބާޒާރަށް ތައްޔާރުވުމަށް ބާރުއެޅުމަށް، އިސްލާމް އަދި ދިވެހި މި ދެ މާއްދާގެ އިތުރުން މައިގަނޑު ސަމާލުކަމެއް ދެވޭނީ ވޮކޭޝަނަލް އަދި ޓެކްނިކަލް މާއްދާތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ