ފުލުހުން ސަސްޕެންޑް ކުރަން ނިންމުން: މާލިއްޔަތު ކޮމެޓީން ބަލަނީ، އެތަނަށް ބެލޭނެ މައްސަލައެއް ނޫން
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި މައްސަލައަކީ، އެ ކޮމިޓީއަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރީ ގައުމީ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތަކެއް ހިމެނޭ ކަމަށް ބުނެއެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި، ސީޕީ ނަވީން ހިމެނޭހެން ހަތް އޮފިސަރުން ސަސްޕެންޑުކުރަން ލަފާ ދިނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ޚިލާފަށް އެ ބޭފުޅުން އަމަލުކުރެއްވި ކަމަށް ތުހުމަތު ކޮށެވެ. އެ ހަތް އޮފިސަރުންނަކީ: ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހްމާން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު ސުޕްރިޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމް އެ މައްސަލައާ ގުޅޭގޮތުން 'ސަން'އާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އެކަމުން ވެސް އެނގެނީ ދިވެހި ދައުލަތުގެ ތެރޭގައި ކޮރަޕްޝަން އަށަގަނެފައި އޮތް މިންވަރު ކަމަށެވެ. ކޮންމެ މައްސަލައެއް ވެސް ތަހުގީގުކޮށް ބަލަނީ އޭގެ މުއާމަލާތް ކެނޑޭ ހިސާބުން ކަމަށާއި، އެކަމުގެ ސަބަބުން އޭގެ ހައްގު ބަދަލު ދައުލަތަށް އޮންނަނީ ނުލިބި ކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ސަން ފޮޓޯ/ފަޔާޒު މޫސާ އުމަރު ވިދާޅުވި ގޮތުގައި އެއީ ފުރަތަމަ ކަމަކަށް މާލިއްޔަތު ކޮމިޓީއަށް ބެލޭނެ ވެސް މައްސަލައެއް ނޫނެވެ. ދެން މި ކޭސްގައި ވެސް މާލިއްޔަތު ކޮމިޓީގެ ރޯލެއް ނޫން އެއީ. ރޯލަކީ އޭސީސީގެ ރޯލެއް. މާލިއްޔަތު ކޮމިޓީއަކީ އެކަން ކުރަން ވެސް ޖެހޭ ބައެއް ނޫން. ދެން މާލިއްޔަތު ކޮމިޓީން އެއޮތީ ރެކޮމެންޑޭޝަނެއް ދީފަ. ރައީސުލްޖުމްޙޫރިއްޔާއަށް ދެން އޭގަ ފިޔަވަޅެއް އެޅޭނީ ފިޔަވަޅެއް އަޅުއްވާ ކަމަށް ވާނަމަ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ މައްސަލައިގައި ހެކި ހުރީ ކިހާ ވަރަކަށްކަން ނޭނގުނު ނަމަވެސް ގާނޫނާ ޚިލާފަށް ކަމެއް ހިނގާފައި އޮވެއްޖެނަމަ އެއީ ފުލުހުން ވިޔަސް އަދި ކޮންމެ މުއައްސަސާއެއް ވިޔަސް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ފުލުހުންގެ އިދާރާއަކީ އެންމެ ބޮޑަށް ނަޒާހާތްތެރިކަން ހިފަހައްޓަންޖެހޭ އިދާރާ ކަމަށާއި ސަބަބަކީ ފުލުހުންނަކީ ފްރޮންޓް ލައިންގައި މަސައްކަތްކުރާ އިދާރާއަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކީ ވަރަށް ދެރަ ކަމެއްކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ އޭގެން އެނގޭ އެއްޗަކީ 'މުޅި ދައުލަތުގެ ތެރޭގައި އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ހަމައަށް ކޮރަޕްޝަން އައިސް ހުރި މިންވަރު' ކަމަށެވެ. ދެން މީގަ [ކޮރަޕްޝަންގައި] ހަޑިވެ، ތަތް ނުތެޅޭ އެއްވެސް ބައެއް ނެތީ މިހާރު. ފުލުހުންނަކީ އެންމެ ފަހު މީހުން ނޫންތޯ މިކަހަލަ އެއްޗަކަށް [ކޮރަޕްޝަނަށް] ވަންނަން. އަސްލު ރާއްޖޭގަ ހުރިހާ މުއައްސަސާތައް މިހުރީ ކޮރަޕްޓުވެފައި. އޭސީސީއަކީ ވެސް އެންމެ ކޮރަޕްޓު އެއް މުއައްސަސާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އުމަރު ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތައް ބެލޭނެ ވަކި މުއައްސަސާއެއް މިހާރަކު ނެތެވެ. ހުރިހާ މުއައްސަސާތައް ވެސް ހުރީ ކޮރަޕްޓުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މި މައްސަލަތައް ބަލަން ދާނެ އިތުބާރުކުރެވޭ އެއްވެސް ތަނެއް ނެތްއިރު ހަގީގަތުގައި ފުލުހުންގެ މުއައްސަސާއަކީ ދިވެހި ރައްޔިތުން އެންމެ އިތުބާރުކުރަންޖެހޭ ތަން ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ އިތުބާރު މިހާ ހިސާބަށް އައުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް ސީޕީ ނަވީން ހިމެނޭހެން ހަތް އޮފިސަރުން ސަސްޕެންޑުކުރަން މާލިއްޔަތު ކޮމިޓީން ލަފާ ދިން އިރު، އޭގެ ތެރޭގައި ހިމެނޭ ދާއޫދުގެ މައްޗަށް މީގެ ކުރިން ކޮމިޓީގައި ތުހުމަތުކޮށްފައިވެއެވެ. އެ ތުހުމަތު ކުރެއްވީ، ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން އުފެއްދި ޚާއްސަ ސަބް ކޮމިޓީގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މިދިޔަ މަހުގެ 14ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި އޭނާ ވިދާޅުވީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު އޭސީޕީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށެވެ. ދާއޫދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި އޭނާ ފްރޭމް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަ ބަލައިދިނުމަށް އެދި ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑަށް އަމިއްލައަށް ވަނީ ހުށަހަޅުއްވައިފައެވެ. މައްސަލަ ފެންމަތިވިއިރު ދާއޫދު ހުންނެވީ ހުޅުމާލޭ ޕޮލިސްގައި އިސްކޮށް ކަމަށް ނަމަވެސް، މި މަހުގެ އެއް ވަނަ ދުވަހު އޭނާ ވަނީ އެ މަގާމުން ދުރުކޮށްފައެވެ. އޭނާގެ ބަދަލުގައި ހުޅުމާލޭ ޕޮލިސްގެ އިސް ބޭފުޅަކަށް އައްޔަންކުރީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. https://sun.mv/213677 ކަން އެގޮތަށް ހިނގިއިރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޝިފާން، ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމް ކުރަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުން ނުބަލަން ވަނީ ނިންމައިފައެވެ. އަދި އެ މައްސަލަ ނުބަލަން ނިންމީ މަޖިލީހުގެ ނައިބު ރައީސް ނާޒިމާ، ޝިފާނާ އޮންނަ ގުޅުމުގެ ސަބަބުން، މައްސަލަ ބަލައިފިނަމަ އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މަގާމުގައި ހުރުމަށް ދަތިވެދާނެތީ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުންގެ އިސްވެރިންނާ ގުޅޭ މިފަދަ މައްސަލަތަކެއް ބަލަމުންދާއިރު، ފުލުހުންގެ އިދާރާއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި ފުލުހުންނާ ދޭތެރޭ އޮންނަ އިތުބާރާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ