ފެރިދޫ ކައުންސިލްގެ ރައީސް ތިން މަހަށް ސަސްޕެންޑުކޮށްފި
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އއ. ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހު ތިން މަސް ދުވަހަށް ސަސްޕެންޑު ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވަނީ، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ މައްސަލައެއް ޝާހާ ދެކޮޅަށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިދިޔަ ޖޫން މަހުގެ 16ގައި ހުށަހަޅައިފައި އޮތް ކަމަށެވެ.އެ މައްސަލައިގެ ހުކުމް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު 21ގައި ކޮށްފައެވެ. އެ ހުކުމުގައި ވަނީ، ޝާހު ޖިންސީ ފުރައްސާރަކޮށްފައިވާކަން އެ މައްސަލައިގެ ތެރެއިން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. އަދި ފުރައްސާރަ ރައްދުވި މީހާއާ މެދު އެފަދަ އެއްވެސް އަމަލެއް ތަކުރާރުނުކުރުމަށް ޓްރައިބިއުނަލުން އަންގައިފައި ވެއެވެ.އެލްޖީއޭއިން ބުނީ، އެ މައްސަލަ އެ އޮތޯރިޓީގެ ބޯޑަށް ހުށަހެޅުމުން އިންކުއަރީއެއް ހެދުމަށް ނިންމި ކަމަށެވެ. އެ އިންކުއަރީއަށް ޖަވާބުދާރީ ވުމަށް ޝާހަށް ފުރުސަތު ދިނުމުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ހެއްކާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުވި ކަމަށް ވިދާޅުވި ކަމަށް އެލްޖީއޭއިން ބުންޏެވެ. ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ހެއްކެއް ދައްކާފައި ނުވާ ކަމަށް އެލްޖީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.އެހެންވެ، އެ އޮތޯރިޓީން ނިންމީ ޝާހު ޖިންސީ ފުރައްސާކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށާއި އޭގެ ސަބަބުން ކައުންސިލުގެ މުވައްޒަފުންނާއި މުޅި ނިޒާމަށް ނުހަނު ބޮޑު ގެއްލުމެއް ލިބިދީފައިވާ ކަމަށެވެ.ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އެ މުއްދަތުގައި އިސްމާއީލް ޝާހު މައްސަލަ އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ.އެ އިންކުއާ ގުޅިގެން ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ އިސްމާއީލް ޝާހުއަށް ހަތް ދުވަހުގެ މުއްދަތެއް އެލްޖީއޭއިން ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ