އިސްތިއުނާފް މައްސަލަ ބައްލަވަން ސުޕްރީމް ކޯޓު ބެންޗުގެ ރިޔާސަތުގައި އިންނެވީ އަމުރު ނެރުއްވި ފަނޑިޔާރު

ސެންޓަ އެންޓަޕްރައިޒަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންޒީފުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރަކާ އެކު ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފްގެ މައްސަލަ ފަށައިފި އެވެ.
ވީކިހިނެއް؟ - މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ކުރި އެހުމުން ތަންފީޒުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކުރީ މިދިޔަ މެއި މަހުގަ އެވެ. އެ އަމުރު ނެރުއްވި ބެންޗުގައި ތިއްބެވީ:
ހަސަން ޝަފީއު
މުހައްމަދު ސަލީމް
މުހައްމަދު ޝަނީޒް
އޭގެ ތެރެއިން ސަލީމް ވަނީ މިދިޔަ ޖޫން މަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ. މިއަދު ހައި ކޯޓުގެ އެ އަމުރުގެ އިސްތިއުނާފް ފެށިއިރު ބެންޗުގެ ރިޔާސަތުގައި ވެސް އިންނެވީ ސަލީމެވެ.
ތަފްސީލް - އިސްތިއުނާފްގެ މައްސަލަ ފެށީ، ބެންޗުގައި ސަލީމްގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދު ތިއްބަވައިގެންނެވެ.
އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަމުން ދަނިކޮށް ޝުޖޫން، ސަލީމްގެ ކަންފަތް ކައިރީ އެއްޗެއް ވިދާޅުވާ ތަން ފެނެ އެވެ. އޭގެ ފަހުން ދައުލަތުގެ ވާހަކަ ހުއްޓުވުމަށް ފަހު އަޑުއެހުން މެދުކަނޑާލަ އެވެ.
އަޑުއެހުން އިރުކޮޅަކަށް މެދުކަނޑާލުމަށް ފަހު އަލުން ފެށި އިރު ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރަކު، ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ކަން ވިދާޅުވަނީ ވެސް ބެންޗުގެ ރިޔާސަތުގައި އިންނެވި ސަލީމެވެ.
"ހައި ކޯޓުން އަމުރު ނެރުމުގައި ބައިވެރިވި ފަރާތެއް މިހާރު މި މައްސަލައިގެ ބެންޗުގައި މި އިންނެވީ. އެހެންވެ އެ ކަމާ މެދު ގޮތެއް ނިންމާފައި މައްސަލަ ކުރިއަށް ގެންދެވޭނީ. މިހާ ހިސާބުން ޝަރީއަތުގެ މަޖިލިސް މިއަދަށް މި ނިންމާލީ،" ސަލީމް ވިދާޅުވި އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އޮޑިޓެއް ހެދުމަށް އެދުމުން، އެ މަސައްކަތުގެ ތެރެއިން ސައްހަ ނޫން އިންވޮއިސްތަކެއް ކޯޓަށް ސެންޓާ އެންޓަޕްރައިޒަސްއިން ހުށަހެޅިކަން އޮޑިޓް އޮފީހުން ފާހަގަކުރި އެވެ.
އެ މައްސަލަ ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން މިހާރު ފުލުހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ފަސްމަންޒަރު - ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ ތިން މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެއިން އެއް މައްސަލަ ހައި ކޯޓުގެ މަރުހަލާ ވެސް ނިމިފަ އެވެ. މެޑިކަލް ހިދުމަތަށް ބޭނުންވާ މުދާތަކަކަށްވާ ފައިސާ ނުލިބިގެން ބަދަލުގެ ގޮތުގައި 2 މިލިއަން ޑޮލަރު ދައުލަތުން ދައްކަން ޖެހޭ ކަމަށް ހައި ކޯޓުން ހުކުމްކުރީ މިދިޔަ ފެބުރުއަރީ މަހުގަ އެވެ.
ތިން ވަނަ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމެއް ކުރި އެވެ. އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ