އިސްތިއުނާފު މައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރު އިސްތިއުނާފު މައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރު

ސެންޓަ އެންޓަޕްރައިސަސްއަށް 32 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދެއްކުން ހުއްޓުވުމަށް ހައި ކޯޓުން އަމުރު ނެރުނުއިރު ބެންޗުގައި އިންނެވި ފަނޑިޔާރަކު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ބެންޗުގެ ރިޔާސަތުގައި އިންނެވުމުން މިއަދުގެ ޝަރީއަތުގެ މަޖިލިސް މެދުކަނޑާލައިފި އެވެ.
ފެބްރުއަރީ 10، 2025 ގައި ސެންޓަ އެންޓަޕްރައިސަސްއާ އެއްކޮޅަށް މައްސަލަ ނިންމީ 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މެއި 29، 2025 ގައި ވަގުތީ އަމުރެއް ނެރެފައިވެ އެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރީ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ އެ ކޯޓަށް ހުށަހަޅާފައި އޮތް އިސްއިތުނާފު މައްސަލަ ވަކި ގޮތެއް ނިމެންދެން އެ ފައިސާ ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށެވެ. އެ ބެންޗުގައި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގެންނެވި އެވެ.
ސުޕްރީމް ކޯޓުގައި ދައުލަތުން ހައި ކޯޓުގެ ހުކުމް އިސްތިއުނާފު ކުރީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 304 ވަނަ މާއްދާ މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ދެކިގެންނެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ބަލާ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ސަލީމްގެ އިތުރުން، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަލީ ރަޝީދު އެވެ.
އިސްތިއުނާފު މަޖިލީހުގައި ދައުލަތުގެ ވަކީލު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ފަނޑިޔާރު ސަލީމް ވަނީ ވަކީލުގެ ވާހަކަ މެދުކަނޑާލަން އަންގަވާފަ އެވެ. އެއަށް ފަހު ފަނޑިޔާރު ޝުޖޫންއާ މަޝްވަރާ ކުރައްވާތަން ލައިވްސްޓްރީމު މެދުކެނޑެން ދެން ފެނެ އެވެ.
"މި އަމުރު ނެރުމުގައި، ހައި ކޯޓުން އަމުރު ނެރުއްވި ފަރާތެއް މި މައްސަލައިގެ ރިޔާސަތުގައި މިހާރު އިންނެވީ. އެހެންވީމާ އެއާ މެދު ގޮތެއް ނިންމުމަށް ފަހު މި މައްސަލަ ކުރިއަށްގެންދެވޭނީ،" މިއަދަށް ޝަރީއަތް ނިންމާލައްވަމުން ފަނޑިޔާރު ސަލީމް އިއުލާން ކުރެއްވި އެވެ.
ފަނޑިޔާރު މުހައްމަދު ސަލީމް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ އޯގަސްޓު 9، 2022 ގަ އެވެ. އޭގެ ކުރިން އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި އޭނާ 12 އަހަރު ހޭދަކުރެއްވި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހުވާ އޭނާ ކުރެއްވީ ޖޫން 11، 2025 ގަ އެވެ.
އެ ކުންފުންޏަށް 32 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމުގައި ކޯޓަށް ހުށަހެޅި އެއް އިންވޮއިސްއަކީ ވަގު އިންވޮއިސްއެއްކަން ވަނީ އެނގިފަ އެވެ.
ކޯޓަށް އޮޅުވާލުމަށް ވަގު ލިޔުން ހުށަހަޅައިގެން ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް ބެލެވޭތީ ސެންޓަ އެންޓަޕްރައިޒަސްއިން ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ ތަހުގީގެއް ފެށުމަށް ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ